ނަފްސާނީ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ އިތުރުން ރައްކާތެރިވުމާއި މައްސަލަތައް ކުރިއާލާ ދެނެގަތުމުގައި އެކަށީގެންވާ ވަގުތުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއްކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މެންޓަލް ހެލްތު ޑިޕާޓްމަންޓާއި ޔުނިސެފް ގުޅިގެން މީރުމާ ހޮޓަލުގައި ކުރިޔަށްދާ "ކިހިނެތް؟ މެންޓަލް ހެލްތު މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މިމަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ، 'ނަފްސާނީ ދުޅަހެޔޮކަމުގެ މަޝްވަަރާ - ރައްކާތެރިކަމަށް އިސްކަންދިނުން، ނަފްސާނީ ދުޅަހެޔޮކަމުގެ މިސްރާބު ބަދަލުކުރުން' މި ޝިއާރުގެ ދަށުންނެވެ.
ވަޒީރު ވިދާޅުވީ، މި މަޝްވަރާއަކީ މިހާރުގެ ހާލަތު ވަޒަންކޮށް، ގޮންޖެހުންތައް ދެނެގަނެ ބަލިން ރައްކާތެރިވުމަށް އިސްކަންދޭ އުސޫލެއްގެ ދަށުން އަަމަލީގޮތުން ކުރެވިދާނެ ކަންކަމާމެދު އެއްބަސްވުމަކަށް އައުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ.
މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވި ތަޖުރިބާތައް ހިއްސާކޮށް، ސާފު އަމާޒުތަކަކަށް ވަރުގަދަ ގުޅުމެއްގެ ދަށުން މަސައްކަތް ކުރެއްވުމަށް މަޝްވަރާގެ ބައިވެރިންގެ އަރިހުން ވަޒީރު އިލްތިމާސްކުރެއްވިއެވެ.

އަދި މިމަޝްވަރާތަކަކީ، ކަމާއި ގުޅޭ އެންމެން އެއްމޭޒެއްގެ ދަށަށް ގެނެސްދޭނެ ފުރުސަތެއް ކަމަށާއި، ކުޑަކުދިންނާއި، ފުރާވަރުގެ ކުދިންނާއި، ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ޤައުމީ ފެންވަރުގައި ނުހަނު އިސްކަންދޭ ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ކޮންމެ ކުއްޖަކާއި ޒުވާނަކަށްވެސް ނަފްސާނީ ދުޅަހެޔޮކަމާއި އެއްވެސް އުނދަގުލެއްނެތި ބޮޑުވެ ތައުލީމު ހާސިލުކުރެވި ކުރިޔަށް ދެވޭނެ މުސްތަޤުބަލެއް ބިނާވާންޖެހޭ ކަމަށެވެ. އަދި މިކަމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ، މިއަދުގެ ސަރުކާރުން އެދޭ އެންމެ ބޮޑު އެއް ކަންތައް ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ހަރުދަނާ ކުރުމުގައި ކުރިއެރުންތަކެއް ހޯދާފައިވީނަމަވެސް ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާއާއި، އާއިލާތަކާއި މުޖުތަމައުތަކުން ކުރާ މަސައްކަތްތަކަކީ، ޒުވާނުންގެ ބަދަލުވަމުންދާ ބޭނުންތަކާއި ގުޅޭ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރެވޭ މުހިންމު މަސައްކަތްތަކަކަށް ހަދަންޖެހޭ ކަމަށެވެ.