އެމެރިކާއާއި ޔަހޫދީން ފެބުރުވަރީ 28 ގައި ފެށި އަށް މަހަށް ދެމިގެން ގޮސްފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމަށް ޤަޠަރުން ހުށަހެޅި އައު ޞުލްޙައިގެ ދެލިކޮޕީއަކީ "ބަލައިނުގަނެވޭ ޚިޔާލުތަކެއް" ކަމުގައި އީރާނުން ބުނެފިއެވެ. ދުނިޔޭގެ ކަނޑު ދަތުރުފަތުރަށާއި ތެލުގެ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވި މި ހަނގުރާމަ ނިންމުމަށް ޤަޠަރާއި ޕާކިސްތާނުން އިސްނަގައިގެން އެކުލަވާލި ރޭވުމަކީ، އެކި ޤައުމުތަކުން ޔަގީންކަންދޭ ގޮތަށް ހަތް ދުވަހުގެ ތެރޭގައި އިތުބާރު ބިނާކުރުމަށް ދެ ފަރާތުން ފިޔަވަޅުތައް އެޅުމަށް ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.

މަޝްވަރާތަކުގައި ބައިވެރިވި އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވީ، ދަވްޙާއިން ހުށަހެޅީ ހަމައެކަނި "ބަލައިނުގަނެވޭ ޚިޔާލުތަކެއް، އަދި ހުށަހެޅުމެއް ނޫން" ކަމުގައެވެ. އަދި، ނިއުކްލިއަރ ޕުރޮގުރާމުގެ މައްސަލައިގައި އެއްވެސް ދޫދިނުމެއް ނުދެއްވާނެ ކަމުގެ ސިޔާސަތު ދަމަހައްޓާނެ ކަމުގައި ވެސް އެ އޮފިޝަލު ވިދާޅުވިއެވެ. ނަމަވެސް، ޚާރިޖީ ވަޒީރު ޢައްބާސް ޢިރާޤިޗީ ވިދާޅުވީ، މަޝްވަރާއަށް ފުރުސަތު ދެއްވައިގެން، އީރާނުގެ އަމިއްލަ ހަތް ދުވަހުގެ ޕްލޭން ތަންފީޒުކުރުމަށް މެދުވެރިންނާއެކު އަދިވެސް ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.

މަޝްވަރާތަކުގައި އީރާނުގެ ނިއުކްލިއަރ ޕުރޮގުރާމު ހިމަނަން އެމެރިކާއިން ބާރުއަޅާއިރު، އީރާނުން ޝަރުޠުކުރަނީ ބަނދަރުތަކުގެ ޙިޞާރު އުވައިލައި ތެލުގެ ސިނާއަތަށް ކުރިމަތިކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމަށެވެ. މި ދަނޑިވަޅުގައި، ޔަމަނުގެ ޙޫޘީން ސަޢުދީ ޢަރަބިއްޔާގެ ރައުސު ތަނޫރު ތެޔޮ ސާފުކުރާ ކާރުޚާނާއަށް ހަމަލާދިނުމާ ގުޅިގެން، ތެލުގެ އަގު ވަނީ ފީފާއަކަށް 115 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ. އަދި، ޙޫޘީ ހަނގުރާމަވެރިން ދަނީ ބާބް އަލް-މަންދަބް ކަނޑުއޮޅިއާ ދިމާއަށް ކުރިއަރަމުންނެވެ.

މަސްރަޙު ފިނިކުރުމަށް ސަޢުދީ ޢަރަބިއްޔާ، ތުރުކީވިލާތް އަދި ޕާކިސްތާނުގެ އިސްވެރިން އީރާނުގެ ވެރިރަށް ތެހްރާނުގައި މަޝްވަރާ ކުރައްވާފައިވާއިރު، ހަނގުރާމައިގެ ބިރުވެރިކަން އަދިވެސް އޮތީ ވަރަށް ބޮޑުވެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައަލުން މަލާދޭނެ ކަމުގެ އިންޒާރު ތަކުރާރު ކުރައްވާފައިވާއިރު، އަލުން ހަމަލާއެއް އަތުވެއްޖެނަމަ ޢަރަބި ކަނޑުއަޑީގައި އަޅާފައިވާ ސަބްމެރިން ކޭބަލްތަކަށް ހަމަލާދޭނެ ކަމުގެ ރޭވުންތައް އީރާނުން ވަނީ އެކުލަވާލާފައެވެ. ހަމަމިއާއެކު، ޔަހޫދީން ފައުޖާއި ލުބުނާނުގެ މުޖާހިދުންގެ ޙިޒްބުالله ޖަމާޢަތާ ދެމެދު ވެސް ކުރިމަތިލުންތައް ވަނީ އިތުރުވެފައެވެ.