ހަނގުރާމަތަކާއި މޫސުމީ ނުރައްކާތަކުގެ ސަބަބުން ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މުދަލުގެ އަގުތައް އިންތިހާއަށް އުފުލި، ކާބޯތަކެތީގެ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވަރލްޑް ބޭންކުން ދީފިއެވެ. އެ ބޭންކުގެ ރިޕޯޓުގައިވާ ގޮތުން 2026 ވަނަ އަހަރު ނިމޭއިރު މުދަލުގެ އަގުތައް %23 އަށް އުފުލޭނެއެވެ. އެމެރިކާއާއި ޔަހޫދީން ފެބުރުވަރީ މަހުގެ ފަހުކޮޅު އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން ތެލާއި ގޭހުގެ އަގު ވަނީ ފާއިތުވި ހަތަރު އަހަރުގެ އެންމެ މަތީ މިންވަރަށް އަރާފައެވެ. އަދި، ހުރްމުޒް ކަނޑުއޮޅި ބަންދުވުމާއި ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ގޮވާމާއި ތެލުގެ މުހިންމު ސަޕްލައި ލައިންތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ.
މި އަހަރު ކާބޯތަކެތީގެ އަގު %10 އަދި އަންނަ އަހަރު %7 މައްޗަށް ދާނެ ކަމަށް ވަރލްޑް ބޭންކުން ލަފާކުރެއެވެ. މީގެ މައިގަނޑު ސަބަބަކީ ހަނގުރާމައިގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅިފައިވާ އެލް ނީނިއޯގެ ސަބަބުން ކުރިމަތިވާ ފެންބޮޑުވުމާއި ހަނަފަސްކަމެވެ. "މުދަލުގެ ބާޒާރަށް އެއްފަހަރާ ބޮޑެތި ލޮޅުންތަކެއް އަރަމުންދޭ،" ވަރލްޑް ބޭންކުގެ ޑެޕިއުޓީ ޗީފް އިކޮނޮމިސްޓް އައިހާން ކޯސޭ ވިދާޅުވިއެވެ. އަދި، ހަކަތައިގެ އަގުތައް ބޮޑުވުމުގެ ސަބަބުން އިންފްލޭޝަން ނުވަތަ މުދަލާއި ޚިދުމަތު އަގު އުފުލި، ކާބޯތަކެތީގެ ރައްކާތެރިކަމަށާއި ދުނިޔޭގެ އިޤުތިޞާދީ ކުރިއެރުމަށް ނޭދެވޭ އަސަރު ފޯރާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ޙާލަތު އިތުރަށް ގޯސްވެއްޖެނަމަ، 2027 ވަނަ އަހަރު ބްރެންޓް ތެޔޮ ފީފާއެއްގެ އަގު 105 އެމެރިކާ ޑޮލަރަށް އަރައި، ކާބޯތަކެތީގެ އަގު ކުރިން ލަފާކުރި މިންވަރަށްވުރެ %12 އުފުލިދާނެއެވެ. މިއީ، އެޕްރީލު މަހު ލަފާކުރި މިންވަރަށްވުރެ މާ މަތީ ޢަދަދުތަކެކެވެ. މެދުއިރުމައްޗާއި ވިލާތުގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައި %5.2 ދަށަށްދާނެ ކަމަށް ބެލެވެއެވެ. ހަނގުރާމަ ފެށުނު ފަހުން ނާޒުކު ޤައުމުތަކަށް އެހީވުމަށް އެ ބޭންކުން 8.7 ބިލިޔަން އެމެރިކާ ޑޮލަރު ދީފައިވާއިރު، އެންމެ ފަގީރު މީހުންނާއި ބޮޑެތި ދަރަނިތައް އޮތް ޤައުމުތައް ހިމާޔަތްކުރުމަށް ވަނީ އިސްކަންދޭން ޖެހިފައެވެ.
ކާބޯތަކެއްޗާއި ތެލުގެ އަގު އުފުލި އެންމެ ނިކަމެތި ގައުމުތައް ނުރައްކަލަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed