އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ އަލް-ޚަލީލް ޔަހޫދީ އިސްރާއީލު ސިފައިން ބަންދުކޮށް، ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ހަ ދުވަސްވީއިރު، އެ ރަށުގެ ރައްޔިތުންނަށް ބޮޑު ނިކަމެތިކަމެއް ކުރިމަތިވަމުންދާ ކަމުގައި މަސްރަޙުގެ ދާރިސުން ވިދާޅުވެއްޖެއެވެ. މި އޮޕަރޭޝަނުގައި އަލް-ފައްވާރު ރެފިއުޖީ ކޭމްޕުގެ ގެތައް ބަލައިފާސްކުރިއިރު، ޠޫލްކަރްމުން ނޫސްވެރިއަކާއި އޭނާގެ ދެ ކޮއްކޮ އަދި ޖާސޫސީ އޮފިސަރަކު ހިމެނޭހެން ހަތަރު މީހަކު ހައްޔަރުކުރި ކަމަށް ފަލަސްޠީނުގެ ނޫސްތަކުން ރިޕޯޓުކުރިއެވެ. ފަލަސްޠީނުގެ ދެ ރައްޔިތެއްގެ ގެ ތަޅައިލުމާ ދެކޮޅަށް އަޑުއުފުލި މީހުންނަށް އަމާޒުކޮށް ބީތާ އަވަށުގައި ކަރުނަގޭސް ޖަހައި، ބޫރީންގެ ގެތައް އަސްކަރީ ބޭސްތަކަށް ބަދަލުކުރުމުން، ނާބުލުސްގެ މަދަރުސާތައް ވަނީ އޮންލައިން ކިޔެވުމަށް ބަދަލުކޮށްފައެވެ. ޔާޞީދު އަވަށުގައި މީހަކަށް އަނިޔާކޮށް އަތް ބިންދައިލި ކަމުގައި ވެސް، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް މޮނިޓަރުކުރަމުންދާ ދާރިސުން ވިދާޅުވިއެވެ.
ޔަހޫދީންގެ މި ޢުދުވާނާ ގުޅިގެން 5،000 އެއްހާ މީހުން ގެދޮރު ގެއްލިފައިވާއިރު، މި ފަދަ "ޖަމާޢީ އަދަބަކީ" ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެ، އެކުވެރި ދައުލަތްތަކުން (އދ) ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިވުމަށް އުފެއްދި ޖަމުޢިއްޔާއިން (އުންރުވާ) ވަނީ "ކަންބޮޑުވުން" ފާޅުކޮށްފައެވެ. އެ އޭޖެންސީގެ އޮފިޝަލް ރޯލަންޓް ފްރީޑްރިޚް ވިދާޅުވީ، އަލް-ޚަލީލް ބަންދުކުރުމުން "ޢާންމުންގެ ދަތުރުފަތުރަށާއި މުހިންމު ޚިދުމަތްތައް ހޯދުމަށް ވަރަށް ބޮޑަށް ހުރަސްއެޅިފައިވާ" ކަމުގައެވެ. މިއީ، 2025 ވަނަ އަހަރު ޖަނީން، ޠޫލްކަރްމު އަދި ނޫރު ޝަމްސް ކޭމްޕުން 34،000 އަށްވުރެ ގިނަ ރެފިއުޖީން ނެރެލި ހާދިސާ އަލުން ތަކުރާރުވުން ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ޖަރީމާތައް ފަށާފައިވަނީ ޗެކްޕޮއިންޓެއްގައި ފަލަސްޠީނުގެ މުޖާހިދަކު ޔަހޫދީ ފައުޖުގެ ދެ ސިފައިން މަރާލުމާ ގުޅިގެން ކަމަށްވާއިރު، އެ ހަމަލާދިން މީހުން ފަހުން ވަނީ ޝަހީދުކޮށްލާފައެވެ. ފަލަސްޠީނުގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި، ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ނެތަންޔާހޫ އަދި އޭނާގެ ހަރުކަށި ކަނާތުފިޔައިގެ ސަރުކާރުން މި ލާއިންސާނީ ޖަރީމާތައް ވަރުގަދަކުރަމުންދަނީ، އޮކްޓޫބަރު 27 ގައި ޔަހޫދީ އިސްރާއީލުގައި ބޭއްވި ބަރުލަމާނީ އިންތިޚާބުގައި ޓެރެރިސްޓު ވަޒަންވެރިންގެ ވޯޓު ހޯދުމުގެ ސިޔާސީ މަންފާ ހާސިލުކުރުމުގެ ބޭނުމުގައެވެ.
އަލް-ޚަލީލް ބަންދުކޮށް ޔަހޫދީން ހިންގާ ރޭޑުތަކަށް ނިމުމެއް ނެތް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed