ރާއްޖޭގެ ޞިއްޙީ ނިޒާމުގައި ކޮމިއުނިޓީ ނާސިންގެ ދައުރު ވަރަށް ބޮޑު ކަމަށާއި، ކޮމިއުނިޓީ ނާސިންގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށް، ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ސިއްހީ ޚިދުމަތަކީ ހަމައެކަނި ހޮސްޕިޓަލުތަކުގެ ހަތަރު ފާރުތެރޭގައި ދެވޭނެ ހިދުމަތެއް ނޫން ކަމަށާއި ބަލިމީހުންނަށް ޒިޔާރަތްކޮށްގެން ދޭން ޖެހޭ ހިދުމަތްތައް އިތުރުވަމުން އަންނައިރު ރާއްޖޭގެ ރަށްތައް އުފެދިފައިވާގޮތުން ނަރުހުން ރައްޔިތުންނާއި ގާތުން އަދާކުރަނީ ނުހަނު އަގުހުރި ޚިދުމަތެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ގައުމީ ޔުނިވަސީޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދަސްވެނިވި ނަރުހުންނާއި މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ، ނަރުސް ކަމަކީ ހަމައެނަކި ވަޒީފާއެއް ނޫން ކަމަށާއި، ނަރުހުންގެ ޚިދުމަތަކީ އިލްމާއީ އޯގާތެރިކަމާއި ޒިންމާދާރުކަމުގެ އިތުރުން ފުރިހަމަ އިތުބާރެއްގެ މައްޗަށް ބިނާވެފައިވާ މަތިވެރި ޚިދުމަތެއް ކަމަށެވެ.
ނަރުހުންނަކީ ބަލި މީހުންނާއި އެމީހުންގެ އާއިލާތަކާއި އެންމެ ގާތުން މަސައްކަތްކުރާ ބައެއްކަމަށާއި، އެހެންކަމުން ބަލި މީހުންގެ ދުޅަހެޔޮކަމާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގައި ދެމެހެއްޓެނިވި ބޮޑު ބަދަލެއް ގެނައުމުގެ ބާރުއޮތް ބައެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި މިއަދު ރާއްޖޭގެ ސިއްހީ ނިޒާމަށާއި، ބަލިތައް ފެތުރެމުން އަންނަ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނައިރު، ނަރުހުންގެ ގާބިލުކަން އިތުރު ކުރުން މުހިންމުކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"މިއަދު ރާއްޖޭގެ ސިއްހީ ބޭނުންތަކަށް ބޮޑެތި ބަދަލުތަކެއް އެބައާދޭ. ރާއްޖޭގެ އާބާދީގެ އޮނިގަނޑަށް ބަަލާއިރު އުމުރުން ދުވަސްމީހުންގެ ނިސްބަތް މިދަނީ އިތުރުވަމުން އިންސާނުންގެ އުމުރު ދިގުވުމާއި ދިގުމުއްދަތަށް ފަރުވާ ދޭން ޖެހޭ ބަލިތައް ރިހިބިލިޓޭޝަން ދިނުމާއި އަދި އަލުން މުޖުތަމައަށް ނެރުމަށް ބޭނުންވާ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމާއި ބޭސްފަރުވާގެ ބެލެހެއްޓުމުގެ އިތުރުން އެހެން މީހަކަށް ބަރޯސާނުވެ އަމިއްލައަށް އުޅުމަށް ބޭނުންވާ އެހީތެރިކަން މިއަދު މިވަނީ އިތުރުވެފަ" ވަޒީރު ވިދާޅުވިއެވެ.
އެފަދަ ބަދަލުތަކުގެ ސަބަބުން މުޅި ސިއްޙީ ނިޒާމުގެ ތެރޭގައި ހުނަރުވެރި ނަރުހުންގެ ބޭނުންތެރިކަން ކުރިޔަށް އޮތްތަނުގައި އިތުރުވެގެންދާނެކަމަށް ލަފާ ކުރެވޭ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ދެކެންވީ އުމުރުން ދުވަސްވުމަކީ ހަމައެކަނި ބަލިމަޑުކަމާއި އެހެންމީހުންނަށް ބަސޯވާޖެހޭ ކަމެއްގެ ގޮތުގައެއް ނޫން. އުމުރުން ދުވަސްވީ މީހުންގެ ކަރާމާތާއި ދުވަސްވީ މީހުންގެ ދިރިއުޅުމުގެ ފެންވަރު ހިފެހެއްޓުމުގައި ނަރުހުން އަދާކުރަނީ މުހިންމު ދައުރެއް" ވަޒީރު ވިދާޅުވިއެވެ.
ސިއްހީ ނިޒާމަށް އަލަށް ބޭނުން ޖެހެމުންދާ އަދި އިތުރުވަމުންދާ ދާއިރާތަކުން ޚާއްސަ ތަޖުރިބާ ހޯދުމަށްވެސް ވަޒީރު ދަސްވެނިންނަށް ގޮވާލެއްވިއެވެ.
މިއަދުގެ ދަސްވެނިވުމަކީ މުޅި އުމުރަށް ދެމިގެންދާ ފަންނީ ދަތުރެއްގެ ފެށުން ކެނޑި ނޭޅި ބަދަލުވަމުން ކުރިއަރަމުން އަންނަ ދާއިރާއެއް އެހެންކަމުން ވާންވާނީ މެދު ނުކެނޑި އުނގެނޭ ހެކިތަކުގެ މައްޗަށް ބިނާކޮށް ފަރުވާދޭ އަލަށް ތައަަރަފުވާ ޓެކްނޮލޮޖީގެ އައު މޮޑެލްތަކަށް އަހުލުވެރިވާ ބަޔަކަށްވާން ޖެހޭކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ލިބުނު ސަނަދަކީ އިލްމު ހުރިކަން އަންގައިދޭ އެއްޗެއް ނަމަވެސް މުޖުތަމަޢުގައި އަޅާލުމާއި އޯގާތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގައި ނަމޫނާ ދެއްކުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮމިއުނިޓީ ނާސިންގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހޭ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed