ޒަޔަނިޒަމާ އެމަނިކުފާނު ދެކޮޅު ކަމަށާއި އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ދިވެހިރާއްޖޭގައި ތިބުމުގެ ޖާގަ ނުދެއްވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރަސްމާލޭގައި ހިންގާ މަޝްރޫއުގައި ތަރައްގީ ކުރާ ޕްރޮޕަޓީތަކަކީ އިސްރާއީލުގެ ރައްޔިތުންނަށްވެސް ރާއްޖޭގައި ތިބެވޭނެ މަގުފަހިކުރާ މަޝްރޫއެއްގެ ގޮތުގައި ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވައި، "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެމަނިކުފާނު ގެންގުޅުއްވި "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށާއި ޢަރަބި އިސްލާމީ ޤައުމުތަކާ އޮންނަ ގުޅުން ބަދަހިކުރައްވާނެ ކަަމަށެވެ. ރާއްޖެ، އިސްލާމީ ޤައުމަކަށްވާތީ ރަސްމާލޭގައި ތަރައްގީކުރާ ޕްރޮޕަޓީތައް ލީޒްކުރުމުގެ ޝައުގުވެރިކަން ހުރީވެސް ޢަރަބި އިސްލާމީ ޤައުމުތަކުގެ ރައްޔިތުންގެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރަސްމާލޭގައި ތަރައްގީ ކުރާ ޕްރޮޕަޓީތަކުގައި އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް އެންމެ ދުވަހަކުވެސް މަޑުނުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކަށަވަރުކުރުމަށް އެތަނަށް އަންނަ މީހުންގެ ޤައުމު ހުރިހާ ގޮތަކުން ކަށަވަރުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށްވުރެ ބޮޑަށް ޒަޔަނިޒަމާ ދެކޮޅަށް، އިޒްރޭލުން މި ހިންގާ ޖެނޮސައިޑާ ދެކޮޅަށް ވާހަކަދައްކާ މީހަކު މިއަދާހަމައަށްވެސް ރާއްޖޭގެ ރައީސަކަށް އައިސްފަ ނެތްކަންނޭނގެ. ޓްރާންސިޝަން ޕީރިއަޑްގެ އެންމެ ފުރަތަމަ ޓްވީޓެއް ކުރިން އެކަމުގައި. ރާއްޖޭގެ ސިޔާސަތާ ގުޅޭގޮތުން. އަމަލީ ގޮތުން ދައްކަމުން މިއަންނަނީ. ރާއްޖެއަށް ނާދެވޭގޮތަށް އިޒްރޭލުގެ ޕާސްޕޯޓް ބޭން ކުރަން ކެރުނު އެއްވެސް މީހަކު އެބަހުރިތޯ މީގެ ކުރީގައި. މުޅިންވެސް ހިހޫތަނުން ކައިގެން އުޅުނު މީހުން ނޫންތޯ މީގެކުރިން ފެންނަންހުރީ،" ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވިއެވެ.

ޕާސްޕޯޓް ބޭންކުރަން މަސައްކަތް ކުރުމުން އެކި ފަރާތްތަކުން އެމަނިކުފާނަށް ގުޅައި، އެކަމާ ދެކޮޅު ހެދިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު އެ ފިޔަވަޅު އަޅުއްވަން ނިންމެވީ އެއީ ޤައުމަށް އެންމެ ފައިދާ ހުރި ގޮތަށްވާތީ ކަމަށެވެ. އަދި މިއަދު ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެގެންދިއުމުން އެކަން ސާބިތުވާކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއަކީ ހަމަޖެހުމާއި އިންސާފުވެރިކަމަށް ލޯބިކުރާ ޤައުމަކަށްވާއިރު، އިސްރާއީލުން ފަލަޠީނުގެ ރައްޔިޔުންގެ ނަސްލު ހޭދުކުރުމަށް ހިންގާ ގަތުލުއާންމާ ދެކޮޅަށް އދ. ގައި މިހާތަނަށް ފާޅުގައި ވާހަކަދައްކަން ކެރިވަޑައިގެންނެވި އިސްވެރިޔެއްގެ ގޮތުގައި ރައީސް ޑރ، މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަންނަވައެވެ. ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ ރައްޔިތުންގެ ވިންދާ އެއްގޮތަށް ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި ވަރުގަދަކޮށް މަސައްކަތް ކުރައްވާނެ ކަމަށާއި ރާއްޖޭގައި އެ ރައްޔިތުންނާ ދެކޮޅަށް ގަތުލުއާންމު ހިންގާ ބަޔަކަށް ފުރުސަތު ނުދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.