މިއަހަރުގެ މިހާތަނަށް މިފްކޯއިން މަސްވެރިންނަށް 342 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މަސްވެރިން އެންމެ ގިނައިން މިފްކޯއަށް ކިރުވާފައިވަނީ ކަނޑުމަހެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އެކުންފުންޏަށް 17،540 ޓަނުގެ ކަނޑުމަސް ވަނީ ކިރާފައެވެ. އަދި މަސްވެރިންނަށް 326،293،946 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި 826 ޓަނުގެ ރީނދޫ އުރަހަ ކަންނެލި ވަނީ މިފްކޯއަށް ކިރާފައެވެ. އަދި މަސްވެރިންނަށް 16،457،803 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިފްކޯއަށް މި މުއްދަތުގައި މުޅި ޖުމްލަ 18،366 ޓަނުގެ މަސް ވަނީ ކިރާފައެވެ. އަދި މަސްވެރިންނަށް މުޅި ޖުމްލަ 342،751،748 ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވި ނަމަވެސް މިހާރު 48 ގަޑިއިރު ތެރޭގައި ދަނީ، ފައިސާ ދޫކުރަމުންނެވެ. މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމްވެސް ދަނީ ހަމަޖައްސަމުންނެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ، ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.