ކަރަބާއޮ ކަޕްގެ ކުއާޓަރ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ކުއާޓަރ ފައިނަލުން ސިޓީ ޖާގަހޯދީ ހަތަރުވަނަ ބުރުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި ބައްދަލުކުރި މެޗު 2 ލަނޑު 2 ލަނޑުން އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 4 ލަނޑު 3 ލަނޑުންނެވެ. އިންތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ސިޓީއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ބްރައިޓަން އިންނެވެ.

ގިނަ ބަޔަކު ހީކުރި ގޮތާއި ހިލާފަށް މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ބްރައިޓަންއިންނެވެ. މެޗުގެ 30 ވަނަ މިނެޓުގައި ބްރައިޓަންއަށް މިލަނޑު ކާމިޔާބު ކޮށްދިނީ މަލިކް ޔަލްކައުޔޭއެވެ. ނަމަވެސް ސިޓީއިން ވަނީ ފުރަތަމަ ހާފް ނިމެން 5 މިނެޓަށް ވެފައިވަނިކޮށް މަޓިއޯ ކޮވަސިޗް ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މިމެޗުގެ ދެވަނަ ހާފަށް ސިޓީއިން ނިކުތީ ފުރަތަމަ 11 އަށް ދެ ބަދަލެއް ގެނެސްގެންނެވެ. އަދި މިއާއެކު ދެވަނަ ހާފްގެ ކުރީކޮޅު ސިޓީ ފެނިގެންދިޔައީ ހަމައަކަށް ނޭޅިގެން އުޅުނު ތަނެވެ. ނަތީޖާ އަކަށް ވެގެންދިޔައީ ދެވަނަ ހާފްގެ ކުޅުން ފެށިތާ 2 ވަނަ މިނެޓުގައި ބްރައިޓަންއިން ދެވަނަ ފަހަރަށް މިމެޗުގައި ލީޑު ނެގުމެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖިއޮޖީނިއޯ ރުޓަރއެވެ.

މިލަނޑާއެކު ސިޓީގެ ކުޅުން ރަނގަޅު ވާނެކަމަށް ބެލެވިގެންދިޔަ ނަމަވެސް ދެންވެސް ފެނިގެންދިޔައީ ބްރައިޓަން އިން ނުރައްކާތެރި ހަމަލާ ތަކެއް އުފައްދަމުންދިޔަ ތަނެވެ. މިގޮތުން ބްރައިޓަންއަށް ވަނީ އެޓީމުގެ ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތު ތަކެއް ލިބި ބޭކާރު ވެފައެވެ. މިމެޗުގައި ސިޓީއިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 72 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމެއްގައި ރަޔަން ޗާކީ ޖެހި ބޯޅަ ސިޓިގެ ޑިފެންޑަރ ވިކްޓަރ ރެއިސް ފައިގާ ޖެހިފައެވެ.

މިމެޗުގެ ފަހު 15 ވަރަކަށް މިނެޓްގެ ތެރޭގައި މެޗުގެ ލީޑު ނަގާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބި ބޭކާރުވެގެންދިޔަ ތަން ފެނިގެންދިޔައެވެ. މިއާއެކު މެޗުން ނަތީޖާ އެއް ނެރުމަށްޓަކައި ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ޕެނަލްޓީ ޝޫޓް އައުޓްގައި ދެޓީމުން އެންމެ ފުރަތަމަ ޖެހި ތިން ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް ސިޓީ 4 ވަނަ ޕެނަލްޓީ ކޮވަސިޗް ޖެހުމުން ބްރައިޓަންގެ ކީޕަރ ޖޭސަން ސްޓީލަރވަނީ ދިފާއު ކޮށްފައެވެ. އަދި މިއާއެކު ދެން ފެނިގެންދިޔައީ ބްރައިޓަންގެ ޔާސިން އަޔާރީ ޖެހި އެޓީމުގެ 4 ވަނަ ޕެނަލްޓީ މިފަހަރު ސިޓީގެ ކީޕަރ ޖެރޮނިމޯ ރޫލީ ދިފާއު ކުރި ތަނެވެ.

މިއާއެކު ސިޓީގެ 5 ވަނަ ޕެނަލްޓީ ޗާކީ ކާމިޔާބު ކުރިއިރު ބްރައިޓަންގެ ކެޕްޓަން ލުވިސް ޑަންކް ޖެހި 5 ވަނަ ޕެނަލްޓީ ވަނީ ރޫލީ ދިފާއު ކޮށްފައެވެ.

މިކާމިޔާބީ އާއެކު ސިޓީއިން މިވަނީ ކަރަބާއޮ ކަޕްގައި ބަލިނުވެ 8 މެޗު ހަމަކޮށްފައެވެ. މިއީ ސިޓީއަށް މިމުބާރާތުގައި އައު ރިކޯޑެކެވެ. މިކާމިޔާބީ އާއެކު މުބާރާތުގެ ކުއާޓަރ ފައިނަލްގައި ސިޓީ ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި ބްރެޑްފަޑް ސިޓީ އާއެވެ.