ޖަރމަން ޑީ.އެފް.ބީ. ޕޮކާލް ނުވަތަ ލީގު ކަޕްގެ ތިންވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ތިންވަނަ ބުރުން ބަޔަން ޖާގަހޯދީ ދެވަނަ ބުރުގައި ދެވަނަ ޑިވިޜަނަށް ނިސްބަތްވާ މަގްޑެބަރގް އާއި ބައްދަލުކުރި މެޗު 6 ލަނޑު އެއް ލަނޑުގެ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގައި ބަޔާންގެ ތަރިއަކަށް ވެގެންދިޔައީ ފަރަންސޭސި ފޯވަޑް މައިކަލް އޮލީސޭއެވެ. މިގޮތުން އޭނާވަނީ މިމެޗުގައި 2 ލަނޑު ކާމިޔާބު ކޮށް އެއް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

ބަޔާންގެ އަލިއާންޒް އެރީނާގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެޗުގެ 10 ވަނަ މިނެޓުގައި އޮލީސޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ނަމަވެސް މިލަނޑު ޖެހިތާ 5 މިނެޓް ފަހުން ބަޔާންގެ އިތުރުން ދަނޑަށް ކުޅި ބަލަން ވަދެތިބި އެންމެން ހައިރާން ކޮށްލުމަށްފަހު މަގްޑެބަރގްއިން ވަނީ މިމެޗުގައި އެޓީމުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިމެޗުގައި ބަޔާންގެ ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 21 ވަނަ މިނެޓްގައި އިސްމާއީލް ސައިބާރީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއާއެކު ފުރަތަމަ ހާފް އެއް ލަނޑުގެ ލީޑެއްގައި އޮވެ ނިންމާލިއިރު ދެވަނަ ހާފަށްގައި ބަޔާން ފެނުނީ ފުރަތަމަ ހާފަށް ވުރެ ނުރައްކާ ކޮށެވެ.

މިމެޗުގައި ބަޔާންއިން ކާމިޔާބު ކުރި 3 ވަނަ ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ އޮލިސޭއެވެ. އަދި 4 ވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓްގައި އަލްފަންސޯ ޑޭވިސް ކާމިޔާބު ކޮށްދިން އިރު 5 ވަނަ ލަނޑު އޭގެ 3 މިނެޓް ފަހުން އެޓީމަށް ކާމިޔާބު ކޮށްދިނީ ނަތާނިއެލް ބްރައުންއެވެ. އަދި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ 3 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ޑޭވިޑް ސަންޓޯސް ޑައިބަރއެވެ.

މިމެޗުގައި ދާދިފަހުން ބެލޮން ޑިއޯގެ އެވޯޑް ހާސިލް ކުރި ބަޔާންގެ ފޯވަޑް ހެރީ ކޭންގެ ބޭނުން އެޓީމަށް އެއްގޮތަކަށްވެސް ހިފާކަށް ނުޖެހުނެވެ. މިގޮތުން މިމެޗުގައި ކޭން ފެނިގެންދިޔައީ ބެންޗުންނެވެ.

މިމުބާރާތުގެ ދެވަނަ ބުރުގައި ކުޅުނު އެހެން ބައެއް މެޗުތަކުގެ ނަތީޖާއަށް ބަލާލާއިރު ބަޔަރ ލެވަކޫސެން އާއި އެފްސީއެން ބައްދަލުކުރި މެޗު 5 ލަނޑު 2 ލަނޑުން ލެވަކޫސެން ކާމިޔާބު ކޮށްފައިވާއިރު ފްރެއިބަރގް އާއި ވުލްފްސްބަރގް ބައްދަލުކުރި މެޗު 3 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްފައިވަނީ ފްރެއިބަރގްއެވެ. އަދި ޑްރެސްޑެން އާއި ޝާލްކަރ ޒީރޯ ފޯ ބައްދަލުކުރި މެޗު ލަނޑު ސުން ލަނޑުން ޑްރެސްޑެން ކާމިޔާބު ކުރިއިރު ސްޓުޓްގާޓް އާއި ޕެޑަރބޯން ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ސްޓުޓްގާޓްއެވެ.