އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓަރ މިލާން އާއި ވެނޭޒިއާ ބައްދަލުކުރި މެޗު އިންޓަރ ކާމިޔާބުކޮށް މިސީޒަންގައި ބަލިނުވެ 9 މެޗު ހަމަކޮށްފިއެވެ.

ވެނޭޒިއާގެ ސްޓާޑިއޯ ޕިއަރ ލުއިޖީ ޕެންޒޯގައި ކުޅުނު މިމެޗުގެ ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އިންޓަރ އިން އުފެއްދި ނަމަވެސް ވެނޭޒިއާ ފެނިގެންދިޔައީ ވަރަށް ނުރައްކާކޮށެވެ. މިގޮތުން މިމެޗުގެ ފުރަތަމަ ހާފްގައި ވެނޭޒިއާއިން ވަނީ ނުރައްކާތެރި ދެތިން ހަމަލާ އުފައްދާފައެވެ. ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލުކޮށްލެވޭ ގޮތެއްނުވިއެވެ. މިއާއެކު މިމެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މިމެޗުގައި އިންޓަރއިން ދެ ލަނޑު ޖެހިނަމަވެސް މި ދެ ލަނޑަކީވެސް ވެނޭޒިއާގެ ދެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިގޮތުން ފުރަތަމަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި މަތިއަސް މޮރެނޯ އަތުން ބައިކޮޅަށް ވަން އިރު ދެވަނަ ލަނޑު އޭގެ 3 މިނެތް ފަހުން ބައިކޮޅަށް ވަދެފައިވަނީ ރެޑުއާން ހަލްހާލް އަތުންނެވެ.

މިކާމިޔާބީ އާއެކު އިންޓަރއިން މިހާތަނަށް 9 މެޗު ލީގުގައި ކުޅެފައިވާއިރު 8 މެޗު ކާމިޔާބު ކޮށް އެއް މެޗު އެއްވަރުވެ ލިބިފައިވާ 25 ޕޮއިންޓާއެކު އުޅެނީ ތާވަލްގެ އެއްވަނައިގައެވެ. އެއީ ދެވަނައިގާ އުޅޭ ލާޒިއޯ އާއި އެއްވަރަށް ޕޮއިންޓް ލިބި ޖަހާފައިވާ ލަނޑަށް ބަލާއިރު ކުރި ލިބޭތީއެވެ.

މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު އޭސީ މިލާން އާއި ބޮލޯނިއާ ބައްދަލުކުރި މެޗު ރަށުން ބޭރުގައި 4 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބޮލޯނިއާއެވެ. މިއީ މިސީޒަންގައި ލީގުގައި މިލާން ބަލިވި ފުރަތަމަ މެޗެވެ. މެޗަށްފަހު ވާހަކަ ދައްކަމުން މިލާންގެ ކޯޗު ރުބެން އަމޮރިމް ބުނީ އޭނާގެ ކުޅުންތެރިން މުޅި މެޗުގައިވެސް ފެނިގެންދިޔައި ވަރަށް ވަރުބަލި ކޮށް ކަމަށެވެ.

މީގެއިތުރުން ޔުވެންޓަސް އާއި ޖެނޯއާ ބައްދަލުކުރި މެޗު 2 ލަނޑު ސުން ލަނޑުން ޖެނޯއާ ކާމިޔާބު ކުރިއިރު ނަޕޯލީ އާއި މޮންޒާ ބައްދަލުކުރި މެޗު 4 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ނަޕޯލީއެވެ. އަދި ޕާމާ އާއި އުދިނޭސޭ ބައްދަލުކުރި މެޗު ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.