ފުޓްބޯޅައިގައި ޝައުގުވެރި ނިންމުންތަކެއް ނިމިގެންމިދާ ހަފުތާގައި ފެނިގެން ގޮސްފި އެވެ. އެންމެ ފުރަތަމަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫރިމަނާ ކުރީ އެވެ. އެއަށްފަހު ސްޕޭނުގެ އެންމެ ވަރުގަދަ އެއް ކުލަބު ބާސެލޯނާ އަށް ވެސް ކުރިމަތިވީ ޖޫރިމަނާއެކެވެ.

މި ދެ ޖޫރިމަނާ ވެސް ކޮށްފައިވަނީ އެ ގައުމެއްގެ ފުޓްބޯޅަ ފެޑަރޭޝަނުންނެވެ. ބާސެލޯނާ ޖޫރިމަނާ ކުރީ ސްޕެނިޝް ލީގާއި، ފުޓްބޯޅައިގެ ގަވާއިދުތަކާ ހިލާފަށް އެތްލެޓިކޯ މެޑްރިޑްގެ ފޯވަޑް ހޫލިއަން އަލްވަރޭޒް ލައްވައި ސޮއި ކުރުވަން އުޅެގެންނެވެ.

އެތްލެޓިކޯއިން ޖެއްސި މައްސަލައަކީ އެ ކުލަބާ ވާހަކަ ނުދައްކައި، އަދި އެ މީހުންގެ ރުހުމެއް ވެސް ނެތި ބާސެލޯނާއިން ސީދާ ކުޅުންތެރިޔާއާ މަޝްވަރާ ކުރި ކަމެވެ. މިކަމުގައި އެންމެ މުހިންމު ދައުރެއް ކުޅުނީ އަލްވަރޭޒްގެ ކުރީގެ އެޖެންޓް ފެނާންޑޯ ހިޑާލްޑޯ އެވެ. އެތްލެޓިކޯއިން މައްސަލަ ފީފާ އަށް ވެސް ފޮނުވި އެވެ. އެ ޖަމާއަތުން ބުނީ މިކަން ބަލައި ފިޔަވަޅު އަޅާނީ ސްޕޭނުގެ ފުޓްބޯޅަ އިދާރާއިން ކަމަށެވެ. ސްޕެނިޝް ފުޓްބޯޅަ ފެޑަރޭޝަނުން މައްސަލް ބަލާފައި، ބާސެލޯނާ ގަވާއިދާ ހިލާފުވީ ކަމަށް އެއްބަސްވެ އެވެ. އެކަމަކު ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވީ ބާސެލޯނާ އަށް ކުރި ޖޫރިމަނާ އަކީ އެންމެ 602 ޔޫރޯ (ދިހަ ހާސް ތިން ސަތޭކަ ފަސްޅަސް އަށް ރުފިޔާ ފަންސާސް ހަ ލާރި) ކަމަށްވުމުންނެވެ. މިއީ ހުސްވި ސީޒަނުގައި އެއް މިލިއަން ޔޫރޯގެ އާމްދަނީ އެއް ލިބުނު ކުލަބަށް އެކައްޗަކަށް ވެސް ނުވާނެ އެވެ.

މިއަށްވުރެ ހެއްވާ ޖޫރިމަނާއަކަށްވީ ރޮނާލްޑޯ އަށް ޕޯޗުގަލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ކުރި ޖޫރިމަނާ އެވެ. ވަކި އެއްޗެއް ނާންގައި ކޯޗާ ރުޅިހަދާލާފައި ގައުމީ ޓީމުން ވަކިވެގެން ދިއުމަކީ އަހުލާގީ މައްސަލައެކެވެ. އެ ގައުމުގެ ފެޑަރޭޝަނުގެ ޑިސިޕްލިނަރީ ކޮމިޝަނުން ނިންމީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ކުޅުންތެރިޔާ އެންމެ 215 ޕައުންޑް (ހަތަރުހާސް ހަތަރު ސަތޭކަ ބާވީސް ރުފިޔާ ސާޅީސް ހަތަރު ލާރި) އިން ޖޫރިމަނާ ކުރާށެވެ.

މިއީ ނަމެއްގައި އެޅި ފިޔަވަޅެއް ކަމަށް ބެލުމަށް ބާރު ލިބުނީ ޕޯޗުގަލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް، ރޮނާލްޑޯ އަށް ފިޔަވަޅު ނާޅާނެ ފަދަ މޭރުމަކުން ތަޖުރާރުކޮށް ދެއްކި ވާހަކަތަކުންނެވެ. އޭނާ ވިދާޅުވީ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުމަކީ އެންމެންވެސް އެދޭގޮތް ކަމަށާއި ޑިސިޕްލިނަރީ ކޮމިޓީ އަކީ މިނިވަން ކޮމިޓީއަކަށްވާތީވެ އެ މީހުންގެ މަސައްކަތް ފުރިހަމަ ކުރާނެ ކަމަށެވެ.

ރޮނާލްޑޯގެ ޖޫރިމަނާއަކީ ބޮޑުވެގެންވާ ޖޯކެއް ކަމަށް ގިނަ ބަޔަކު ފާހަގަ ކުރީ 215 ޕައުންޑަކީ އޭނާ އަށް އެންމެ 30 ސިކުންތުން ހޯދޭ އާމްދަނީ އަކަށްވާތީ އެވެ. ފޯބްސްއިން އަންދާޒާ ކޮށްފައިވާ ގޮތުގައި 27/2026 ވަނަ ސީޒަނުގައި އެކަނި ވެސް ރޮނާލްޑޯ އަށް 300 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބޭނެ އެވެ. ސައޫދީ އަރަބިއާގެ އައް ނަސްރާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓުން 250 މިލިއަން ޑޮލަރު އަދި ވިޔަފާރި އާއި ސްޕޮންސާޝިޕުން އޭނާ އަށް 50 މިލިއަން ޑޮލަރު އަހަރަކު ލިބޭނެ އެވެ.

ބާސެލޯނާ އާއި ރޮނާލްޑޯގެ ޖޫރިމަނާ މިގޮތަށް އައި ސީރިއަސް ސަބަބަކާ މެދު ވެސް ވިސްނާލަން ޖެހެ އެވެ. ހަގީގަތުގައި ޕޯޗުގަލް ފެޑަރޭޝަނަށްވުރެ ރޮނާލްޑޯގެ މަގުބޫލުކަން އެ ގައުމުގައި ބޮޑެވެ. އޭނާ އަށް ފިޔަވަޅު އެޅުމަކީ ގޯހެއް ކަމަށް ދޭހަވާ ބީދައަކުން އެންމެ ފުރަތަމަ ވާހަކަ ފެށީ އެ ގައުމުގެ ކެބިނެޓް މިނިސްޓަރެކެވެ. އޭނާގެ މައިގަނޑު އުރަކަށްވީ ރޮނާލްޑޯއާ ނުލައި ލިބޭ މާލީ ގެއްލުން ބޮޑުވާނެތީ އެވެ. މިހެންވެ ރޮނާލްޑޯ އަށް އަދަބުދީގެން، އޭނާ ރުޅިއަރުވާލައިގެން ޕޯޗުގަލް އަށް އޮތް މޮޅެއް ނެތް ކަމަށް ފުޓްބޯޅަ ފެޑަރޭޝަނުން ވެސް ގަބޫލުކުރީ އެވެ.

ދެން އޮތީ ސްޕެނިޝް ފުޓްބޯޅަ ފެޑަރޭޝަނުން ބާސެލޯނާ އަށް ދިން އަދަބެވެ. ބާސެލޯނާއަކީ ސްޕޭނުގެ އެންމެ ބާރުގަދަ އެއް ކުލަބެވެ. ހާއްސަކޮށް ކުލަބުގެ ރައީސް ޖޯން ލަޕޯޓާ އަކީ ކުޅަދާނަ ގާނޫނީ ވަކީލެކެވެ. އޭނާގެ ރައީސްކަމުގައި ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނާއެކު މިހާރު ވެސް އެތައް ކަމެއްގައި ގާނޫނީ ގޮތުން ޖަދަލުކޮށްފި އެވެ. ގިނަ ކަންކަން ނިމުނީ ވެސް ބާސެލޯނާ ކޮޅަށެވެ.

އަލްވަރޭޒްގެ މައްސަލައިގެ ޖޫރިމަނާ ވެސް ނުދައްކާނެ ކަމަށް ލަޕޯޓާ މިހާރު ވެސް ބުނެފި އެވެ. އޭނާ ހުރީ ދާން ޖެހުނު ކޮންމެ ތަނަކަށް ގޮސް ވަކާލާތު ކޮށްގެން ވެސް މި ޖޫރިމަނާ ނުދައްކައިވާނެ ގޮތެއް ހޯދަން ތައްޔާރަށެވެ. ސަބަބަކީ ލަޕޯޓާ ބުނާ ގޮތުން އެތްލެޓިކޯއިން ދޮގު ހަދާތީ އެވެ. ބާސެލޯނާއިން އަލްވަރޭޒާއެކު ވާހަކަތައް ފެށީ ވެސް ލިޔުމުން އެތްލެޓިކޯ އަށް އަންގާފައި ކަމަށް ބާސެލޯނާއިން ލަޕޯޓާ ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

މިހެންވެ ދެ މައްސަލައިން ސާފުވާ ކަމަކީ ސްޕޭނާއި ޕޯޗުގަލް ފެޑަރޭޝަނުން ވެސް ބޭނުންވީ މަސްރަހު ފިނިކުރަން ކަމެވެ. ނަމެއްގައި އިޖުރާއަތްތައް ފުރިހަމަ ކުރީމޭ ބުނެފައި އިތުރަށް މައްސަލަތައް ބޮޑުނުކޮށް ކަންކަން އޮއްބާލަންކަމެވެ.