އިންޓަނެޓު މެދުވެރިކޮށް އިޝްތިހާރުކޮށްދޭ ޔަހޫދީ އެޑް ކުންފުންޏެއް ކަމަށްވާ ޑިސްކަވަރ-ޓެކްއިން ސްޕޭސްއެކްސްގެ ސްޓާލިންކް ސެޓެލައިޓް މެދުވެރިކޮށް އިންޓަނެޓު ބޭނުންކުރާ މީހުން ދެނެގަނެ އެ މީހުންނަށް ޖާސޫސްކުރުމަށް އެ ކުންފުނިން ޝާޢިއުކުރާ އެޑްތައް ބޭނުންކުރާ ކަމުގެ ތުހުމަތުކޮށްފިއެވެ.
ސައިބަރސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ޓްރެންޑްއޭއައިގައި ދިރާސާކުރުމުގެ މަސައްކަތުގައި ޝާމިލުވާ މުވައްޒަފުން ބުނީ ސްޓާލިންކް ބޭނުންކުރާ މީހުންނަށް އަމާޒުކުރާ އިޝްތިހާރުތައް ދެއްކުމަށް ކުރިއަށް ގެންދާ ބީލަންތަކުގައި އެންމެ މަތީ އަގު ހުށަހަޅާ ކުންފުނިތަކުގެ ތެރޭގައި ޑިސްކަވަރ-ޓެކް ހިމެނޭ ކަމަށެވެ. އެ ގޮތުން 100އަށްވުރެ ގިނަ ޤައުމުގައި ސްޓާލިންކު ބޭނުން ކުރާ މީހުންނަށް ޑިޖިޓަލް އިޝްތިހާރު ދެއްކުމަށް ކުރިއަށް ގެންދާ ބީލަންތަކުގައި އެންމެ މަތީ އަގު ހުށަހަޅާފައި ވަނީ އެ ކުންފުނިންނެވެ. އޭގެ ތެރޭގައި ސްޓާލިންކްގެ ޚިދުމަތް ދިނުން މަނާ ނުވަތަ އެ ޚިދުމަތް ހަނިކޮށްފައިވާ ޤައުމުތައް ވެސް ހިމެނެއެވެ. އެ ކުންފުނީގެ ޙަރަކާތްތަކާ މެދު ޝައްކު އުފެދިފައިވާ އެއް ސަބަބަކީ ސޫރިޔާއާއި ލީބިޔާއާއި ޔަމަނާއި ދެކުނު ސޫދާންގައި ސްޓާލިންކް ބޭނުންކުރާ މީހުންނަށް އިޝްތިހާރު ދެއްކުމަށް ބޮޑެތި ޢަދަދުތަކުން ޚަރަދުކޮށްފައިވާތީއެވެ.
ޑިސްކަވަރ-ޓެކްއިން ސްޓާލިންކްގެ ސެޓެލައިޓްތައް މެދުވެރިކޮށް އިންޓަނެޓު ބޭނުންކުރާ މީހުންނަށް ޖާސޫސްކުރާ ކަމުގެ ތުހުމަތު ފެންމަތިވެފައި މި ވަނީ ސްޓާލިންކް ބޭނުންކުރާ މީހުން ދެނެގަތުމަށް ސަރުކާރުތަކުން ވެސް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ ޤައުމެއްގައި ލިބެންހުރި އިންޓަނެޓުގެ ޚިދުމަތްތައް ބޭނުން ކުރުމުގެ ބަދަލުގައި ސްޓާލިންކްގެ ސެޓެލައިޓްތައް މެދުވެރިކޮށް އިންޓަނެޓު ބޭނުން ކުރުމުން، އިންޓަނެޓު ބޭނުން ކުރުމުގައި ޤައުމުތަކުގައި ކަނޑައަޅާފައިވާ އިމުގެ ބޭރުން އިންޓަނެޓު ބޭނުން ކުރުމަށް ފުރުޞަތު ލިބެއެވެ. އަދި ހަމަނުޖެހުންތައް ހިނގަމުންދާ ސަރަޙައްދުތަކުގައި މުއާމަލާތު ކުރުމަށް މަގުފަހިކޮށްދެއެވެ. ޔޫކްރެއިންގެ އަސްކަރިއްޔާއިން ވެސް މުއާމަލާތު ކުރުމަށާއި ޑްރޯން ހަމަލާތައް ދިނުމަށް ސްޓާލިންކް ޚިދުމަތުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެއެވެ.
ކެނެޑާގެ ސިޓިޒެން ލެބްއާއި ނިއު ޔޯކުގެ ކޮންފިއަންޓުން ވެސް ވަނީ ޑިސްކަވަރ-ޓެކްއިން އިންޓަނެޓުގައި ޝާއިޢުކުރާ އިޝްތިހާރުތައް ބޭނުންކޮށް ޖާސޫސްކުރާ ކަމަށާއި، އެ ފަދަ އިޝްތިހާރުތައް ޝާޢިއުކުރުމަށް ބާއްވާ ބީލަންތަކުގެ ނާޖާއިޒު ފައިދާ އެ ކުންފުނިން ނަގާ ކަމަށް ބުނެފައެވެ. ކޮންފިއަންޓުން ބުނީ ހައްސާސް ވެށިތަކުގައި ބޭނުންކުރާ ވިއުގަތަކުގައި ވެސް ޑިސްކަވަރ-ޓެކްއިން އިޝްތިހާރުތައް ދައްކާ ކަމަށެވެ. އޭގެ ތެރޭގައި އެމެރިކާގެ ޕެންޓެގަންއާއި ބައިނަލްއަޤްވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާއާއި ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު ހިމެނެއެވެ. އަދި ފަލަސްޠީނުގެ ކޮންމެ ވެބްސައިޓަކަށް ދިޔަ ނަމަވެސް ޑިސްކަވަތީ ޓެކްއިން ދައްކާ އިޝްތިހާރުގައް ފެންނަ ކަމަށް ކޮންފިއަންޓުން ބުނެއެވެ. ސިޓިޒެން ލެބްއިން ވެސް ބުނީ އދއާއި ނޭޓޯއާއި ވިލާތުގެ ކޮމިޝަންއާއި ސަރުކާތުތަކުގައި ބޭނުންކުރާ ޑިވައިސްތަކަށް ވެސް ނުރައްކާތެރި އިޝްތިހާރުތައް އަރާފައިވާ ކަމަށެވެ.
ތުހުމަތުތަކާ ގުޅިގެން ގޫގްލްއިން ބުނީ އެ ކުންފުނީގެ އެޑް މަންސައިން ޑިސްކަވަރީ ޓެކް މިހާރު ބޭރުކޮށްލާފައިވާ ކަމަށެވެ. އެ ކުންފުނިން ގޫގްލްގެ ސިޔާސަތުތަކާ ޚިލާފުވެފައިވާ ކަމަށް ގޫގްލްއިން ބުނެއެވެ.
ޔަހޫދީ އެޑް ކުންފުންޏަކުން ސްޓާލިންކް ބޭނުންކުރާ މީހުން ދެނެގަނެ ޖާސޫސްކުރަނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed