މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި މޯލްޑިވިއަނުން މާލެއިން ޖިއްދާއަށް ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ފްލައިޓް ފަހުގެ ތާރީޚަކަށް ފަސްކޮށްފިއެވެ.

މި ދަތުރު ފަސްކުރިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

މޯލްޑިވިއަނުން ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ސަޢުދީ ޢަރަބިއްޔާ ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންކަން އެ އެއާލައިނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދުގެ މަސްރަޙު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި، މިހާރު އޮތް ޙާލަތަކީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ފަދަ ނުރައްކާތެރި ޙާލަތެއް ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން ނެރެފައިވާ ބަޔާންތަކާ ގުޅިގެން، ޖިއްދާގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގައިވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. މަސްރަޙު ގޯސްވުމުގެ ސަބަބުން ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކުންވެސް މިހާރު ސަޢޫދީ ޢަރަބިއްޔާއަށް ކުރާ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.

މި ދަތުރު ފަސްކުރުމާ ގުޅިގެން ޢުމްރާވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަނުން ވަނީ މާފަށް އެދިފައެވެ. އަދި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައް ކަމުގައި އެ ދެ މުއައްސަސާއިން ފާހަގަކުރިއެވެ.

މަސްރަހު ހަމައަކަށް އެޅި، ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން، މި ދަތުރަށް ފައިސާ ދައްކަވާފައިވާ ހުރިހާ ބޭފުޅުންނަށް، އިތުރު އަގަކާނުލައި، ޢުމުރާގެ އަޅުކަމަށް ވަޑައިގެންނެވޭނެ ފުރުސަތު ފަހިކޮދެވޭނެ ކަމުގެ ޔަގީންކަން ޙައްޖު ކޯޕަރޭޝަނުން ވަނީ ދެއްވާފައެވެ.

މި ދަތުރުގައި ބައިވެރިވާ ފަސިންޖަރުންނަށް ބޭނުންވާ އެހީތެރިކަން ދެ މުއައްސަސާއިންވެސް ފޯރުކޮށްދެމުންދާނެ ކަމަށާއި، ސަރަޙައްދުގެ މަސްރަޙު ހަމައަކަށް އެޅި ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން، ދަތުރު ކުރާނެ އައު ތާރީޚެއް ފަސިންޖަރުންނަށް އަންގާނެ ކަމަށްވެސް އެ ފަރާތްތަކުން ވިދާޅުވިއެވެ.