ފޯވަޑް ރަފީނިއާ ލައްވައި ބްރެޒިލްގެ ގައުމީ ޓީމަށް ނުކުޅުވަން އެދި އޭނާގެ ކުލަބު ބާސެލޯނާއިން ބްރެޒިލާ މަޝްވަރާ ކުރަން ފަށައިފި އެވެ.

ސްޕެނިޝް ލީގުގައި މި ވަގުތު އެއްވަނާގައި އޮތް ބާސެލޯނާގެ އެންމެ މުހިންމު ކުޅުންތެރިއަކީ ރަފީނިއާ އެވެ. ހާއްސަކޮށް ދުނިޔޭގެ ފެންވަރުގެ ފޯވަޑަކު ނެތި މި ސީޒަނާ ކުރިމަތިލުމުން ޓީމުގެ އެންމެ އިސް ފޯވަޑަކަށް ހަދާފައިވަނީ ވެސް ރަފީނިއާ އެވެ. ނަމަވެސް ބާސެލޯނާއިން ކަންބޮޑުވަނީ އެ ޓީމުގެ ކެޕްޓަން ބްރެޒިލްގެ ގައުމީ ޓީމަށްދާ ކޮންމެ ފަހަރަކު އަނިޔާގެ މައްސަލަތަކާ ކުރިމަތިލާންޖެހޭތީ އެވެ.

މި ގޮތުން ހުސްވި ސީޒަނުގެ ޗެމްޕިއަންސް ލީގުން ބާސެލޯނާ ކެޓީ ގައުމީ ޓީމަށް ކުޅެގެން ލިބުނު އަނިޔާގެ ސަބަބުން މުހިންމު މެޗުތަކެއް ގެއްލުމުންނެވެ. މީގެ އިތުރުން މިދިޔަ ސެޕްޓެމްބަރު ގައުމީ ޓީމަށް ކުޅެނިކޮށް އޭނާ އަށް އަނިޔާވެ ގައުމީ ޓީމާއި ކުލަބުގެ ވެސް މުހިންމު މެޗުތަކެއް ވެސް ވަނީ އަނެއްކާ ވެސް ގެއްލިފަ އެވެ. މި ދެ ފަހަރު ވެސް ރަފީނިއާ އަށް އަނިޔާވީ އޭނާ ވަރަށް ރަނގަޅު ފޯމެއްގައި ހުއްޓަ އެވެ.

ބާސެލޯނާއިން ބްރެޒިލާއެކު ސީރިއަސްކޮށް މަޝްވަރާ ކުރަން ބޭނުންވަނީ ވެސް ފޯމުގައި ހުއްޓައި ކޮންމެ ފަހަރަކު ކުޅުންތެރިޔާ އެކަށީގެންވާ މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހޭތީ އެވެ. މިގޮތުން ކުލަބުގެ އިސްވެރިން ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޯޓީއާއެކު މި ހަފުތާގައި މަޝްވަރާ ކުރަން ވަނީ ނިންމާފަ އެވެ.

"ރަފީނިއާ ފިޓްކޮށް ހުރުމަކީ ބާސެލޯނާއިން އެންމެ އިސްކަންދޭ ކަންތައްތަ. މީގެ ސަބަބުން ކުލަބަށް ވެސް ގައުމީ ޓީމަށް ވެސް ފައިދާ ކުރާނެ. މިވަގުތު އޭނާ އަށް އަރާމު ކުރަން ފުރުސަތު ދިނުމަކީ އަހަރުމެން ދެކޭ ގޮތުގައި އެންމެ މުހިންމު ކަންތައް. އަހަރުމެން ގަބޫލު ކުރަނީ ކޯޗު އަންޗެލޯޓީ ވެސް މިކަން ގަބޫލު ކުރާނެ ކަމަށް،" ބާސެލޯނާގެ ސްޕޯޓިން ޑައިރެކްޓަރު ޑެކޯ ބުންޏެވެ.

ރަފީނިއާ އަކީ މި ސީޒަނުގައި ބާސެލޯނާ އަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާ ވެސްމެ އެވެ. ބްރެޒިލް މިހާރު މަސައްކަތް ކުރަމުންދަނީ ނޮވެމްބަރު މަހު އޭޝިއާ އަދި އެފްރިކާގެ ގައުމުތަކާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުވުމަށެވެ.