މިހާތަނަށް ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ލައްކައަކަށްވުރެ ގިނަ މީހުން ޒިޔާރާތްކޮށްފައިވާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މިވަގުުތު ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު އެއް މައުރަޒުކަމަށްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ކާމިޔާބީއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަަދު ސަޢީދު ވިދާޅުވީ، މިމަހުގެ 25ވަނަ ދުވަހު މައުރަޒު ފެށިގެންކުރިއަށްދާއިރު، މި މައުރަޒަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް މައުރަޒަށް 110،000 މީހުން ޒިޔާރާތްކޮށްފައިވާ ކަމަށާއި، އެއީ ދުވާލަކަށް 36،000 މީހުން ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނާމު ދިނުމުގެ ޖަލްސާ ހިމެނޭހެން މި މައުރަޒުގެ ކަންކަމުގައި 4 ރޭ ހޭދަކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ ރެއަކުވެސް ގާތްގަނޑަކަށް 3 ގަޑިއިރު ހޭދަކުރައްވާ ކަމަށާއި، މިހާތަނަށް 11 ގަޑިއިރު މައުރަޒުގެ ކަންކަމުގައި ރައީސް ހޭދަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ބައިވެރީންނާއި އެކު ރަޢީސް ޑރ. މުޢިއްޒު @MMuizzu ޖުމްލަ 11ގަޑިއިރު ހޭދަކުރައްވައިފި.
#MaldivesExpo2026
#Maurazu26
#CreativeMaldives
#Dhiveheenahlskan
#DhivehingeUfehdhun https://t.co/A64OIBd5GO— Mohamed Saeed (@em_saeed)October 28, 2026
"މި 11 ގަޑިއިރުތެރޭގައި ގާތްގަނޑަށް 500އަށްވުރެ ގިނަ ސްޓޯލަށް ވަޑައިގެން، 1000އަށްވުރެ ދިވެހި ލޮބުވެތި އުފެއްދުންތެރިންނާ، ރައްޔިތުންނާ އެމަނިކުފާނު ސީދާ ބައްދަލުކުރައްވި. އަޅުގަނޑު ހަމަ ބައެއް ހިސާބުތައް ހިއްސާކޮށްލާނަން. އިނާމުދިނުމުގެ ރޭ ގާތްގަނޑަކަށް 3 ގަޑިއިރާ 45 މިނެޓެއްހާއިރު ހޭދަކުރެއްވި މަސައްކަތްތެރިންނާ އެއްކޮށް ހިތްވަރުދިނުމަށް. ދެން ޖެހިިގެންއައި 3 ރޭވެސް ގާތްގަނޑަކަށް 3 ގަޑިއިރު ހޭދަކުރި،" ވަޒީރު ވިދާޅުވިއެވެ.
ޖުމްލަ 9 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މައުރަޒު އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެގޮތުން މައުރަޒުގައި ދިވެހި އުފެއްދުންތައް ދައްކާލުމުގެ އިތުރުން ޝައުގުވެރި އެތައް ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ދިވެހިންގެ ސަގާފަތާއި ތާރީޚާ ގުޅުންހުރި ބޮޑުބެރާއި ނެށުމުގެ ފޯރިގަދަ ހަރަކާތްތަކާއި، އާއިލާތަކާއި ކުޑަކުދިން ގަޔާވާނެ ފަދަ ކުޑަކުދިންގެ ހަވީރުތައް ހިމެނެއެވެ. މިފަދަ ހަރަކާތްތަކާއެކު މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ބޮޑު މަގުބޫލުކަމެއް ދަނީ ލިބެމުންނެވެ.
މިއަހަރުގެ މައުރަޒުގައި 7 ޑިސްޓްރިކްޓެއް ވަނީ ގާއިމުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ، މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިކޮށްފައިވާ ތަކެތި ދައްކާލުމަށް ޚާއްޞަ ޑިސްޓްރިކްޓް، އުފެއްދުންތެރި އިޤުތިޞާދީ ޙަރަކާތްތަކަށް ޚާއްޞަ، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް، ޓެކްނޮލޮޖީގެ އެކި އުފެއްދުންތަކަށް ޚާއްޞަ، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް، މުނިފޫހިފިލުމުގެ އެކި ޙަރަކާތްތަކާއި ދިވެހި ސަޤާފީ ޙަރަކާތްތައް ދައްކާލުމަށް ޚާއްޞަ، އެންޓަރޓައިންމަންޓް ޑިސްޓްރިކްޓެވެ.
މީގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ފޯރުކޮށްދޭ އެކި ޚިދުމަތްތަކާއި ތަކެތި މާކެޓްކޮށް ވިއްކުމަށް ޚާއްޞަކޮށް ޤާއިމްކުރާ، މާކެޓްޕްލޭސް ޑިސްޓްރިކްޓް، ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތަކާއި ޚިދުމަތްތަކަށް ޚާއްޞަ، ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް އަދި ބައިނަލްއަޤްވާމީ އެކި ފަރާތްތަކުގެ ޚިދުމަތްތައް ދައްކާލުމަށް ޚާއްޞަ، އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓުވެސް މިއަހަރުގެ މައުރަޒުގައި ހިމެނެއެވެ.