ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގެ ރަނގަޅު ނަތީޖާ ކައިރި މުސްތަޤްބަލެއްގައި ފެންނާނެކަމަށް ރައީސުލްުޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ނޭޝަން ޗެޓްގައި ޕާކިސްތާނުގެ ދަތުރުފުޅުގެ ކާމިޔާބީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 3 ދުވަހުގެ މުއްދަކަށް ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ އެ ޤައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރެއްކަމަށެވެ. 11 އަހަރު ފަހުން ޕާކިސްތާނަށް ރަސްމީ ދަތުރެއް ދިވެހިރާއްޖޭގެ އިސްވެރިއަކު ވަޑައިގަތުމަކީ ޕާކިސްތާނުން ބަލައިގަތްކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަމާޒަކީ އެ ދަތުރުފުޅުގެ ފައިދާ ވީހާވެސް އަވަހަށް ލިބުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"ދެ ޤައުމަކީ މުސްލިމް ޤައުމަށްވުމާއެކު އެ ބޮންޑަކީ ވަރުގަދަ ބޮންޑެއް. އަވަށްޓެރި ޤައުމުތަކުގެ ތެރެއިން ޕާކިސްތާނުގެ ޚާއްސަ ސިފައެއް އެއީ" ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި އެ ދަތުރުފުޅުގެ އެންމެ ޚާއްސަ އެއްކަމަކީ، ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް މަގުފަހިވުމެވެ. އެގޮތުން، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު 200 މިލިޔަން ޑޮލަރަށް އިތުރުކުރެއްވުމަށް މި ދަތުރުފުޅުގެ ތެރެއިން ނިންމަވާފައިވާކަން ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ، ކަނޑުމަގުން ދެ ޤައުމުގެ މެދުގައި ދަތުރުތައް ފެށުމާ، ވައިގެމަގުން ދެ ޤައުމު ގުޅާލުމަށް އަވަސް މަސައްކަތްތަކެއް ކުރައްވާނެކަމަށް ވިދާޅުވިއެވެ. މި ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ މުސްތަޤުބަލުގެ ކުރިއެރުމަށް އެކި ދާއިރާތަކުން މުހިންމު ނިންމުންތަކެއް ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެ ދަތުރުފުޅުގެ ތެރެއިން ސޮއިކޮށްފައިވާ 20 އެއްބަސްވުމުގެ ސަބަބުން އެކި ދާއިރާތަކުން ހަކަތަ އިތުރުކުރުމަށް މަގުފަހިވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޕާކިސްތާނުން ވަނީ ދިވެހި ދަރިވަރުންނަށް ކޮންމެ އަހަރަކު ފުރަތަމަ ޑިގްރީގެ 20 އިތުރު ސްކޮލަޝިޕް ދިނުމަށް ނިންމާފައެވެ. މީގެ އިތުރުން ސިއްހީ ދާއިރާއާއި، ފަންނީ ތަމްރީނާއި، މީހުން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ވަނީ އެއްބަސްވެފައެވެ. އަދި ޒުވާނުންގެ މެދުގައި ބަދަލުކުރެވޭ ޕްރޮގްރާމްތައް ވަރުގަދަކުރުމަށާއި، ހުނަރު ތަރައްގީކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް އަދި ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ފުރުސަތުތައް ހޯދުމަށްވެސް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.