މޫސުމީ ބަދަލުތަކާއި ގުޅުންހުރި މައްސަލަތަކަށް މަލީ އެހީތެރިކަން ހޯދުމުގައި ބޭރުގެ އެއްވެސް ފަރާތަކަށް ބަރޯސާނުވެ، ގްރީން ކްލައިމެޓް ފަންޑު މެދުވެރިކޮށް ރާއްޖެއަށް ސީދާގޮތެއްގައި މާލީ އެހީތެރިކަން ހޯދޭނެ މަގު ފަހިވެއްޖެއެވެ.

މިކަން ފަހިވެފައިވަނީ ގްރީން ކްލައިމެޓް ފަންޑު، ޖީސީއެފްގެ އެކްރެޑިޓޭޝަން ލިބުނު ރާއްޖޭގެ ފުރަތަމަ ނޭޝަނަލް ޑައިރެކްޓް އެކްސެސް އެންޓިޓީގެ ޝަރަފު މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ އެމްއެފްއެލްސީއިން ހޯދުމާ ގުޅިގެންނެވެ. މި އެކްރެޑިޓޭޝަން ފާސްކޮށްފައިވަނީ ދެކުނު ކޮރެއާގައި މި މަހުގެ 26 އިން 29 އަށް ބޭއްވި ޖީސީއެފް ބޯޑުގެ 46 ވަނަ ބައްދަލުވުމުގައެވެ.

ޖީސީއެފްއަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރު ކުޑަކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމަށް އުފައްދާފައިވާ ދުނިޔޭގެ އެންމެ ބޮޑު ފަންޑެވެ. މިއީ ރާއްޖޭގެ މުއައްސަސާއަކަށް ޖީ.ސީ.އެފްގެ "ޑައިރެކްޓް އެކްސެސް އެންޓިޓީ"އަކަށް ވެވުނު ފުރަތަމަ ފަހަރުކަމަށްވާތީ، މިއީ ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މޫސުމީ ބަދަލުތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މި އެކްރެޑިޓޭޝަންގެ ސަބަބުން ބައިނަލްއަޤްވާމީ ފަރާތްތަކަށް ބަރޯސާވާ މިންވަރު ކުޑަކޮށް ޤައުމީ އިދާރާތަކުން ސީދާ ޖީސީއެފްއާއި ގުޅިގެން މަޝްރޫޢުތައް އެކުލަވާލައި ހިންގުމުގެ ފުރުސަތު ފަހިވެ، މިފަދަ ކަންކަމުގައި ޤައުމުގެ އިސްނެގުމާއި ބާރުވެރިކަން އިތުރުވެގެންދާނެ ކަމަށެވެ.

ކްލައިމެޓް ފަންޑުގެ މާލީ އެހީ ރާއްޖެއަށް ސީދާ ލިބޭނެ މަގުފަހިވެއްޖެ
ކްލައިމެޓް ފަންޑުގެ މާލީ އެހީ ރާއްޖެއަށް ސީދާ ލިބޭނެ މަގުފަހިވެއްޖެ

ރީން ކްލައިމެޓް ފަންޑު ޖީސީއެފްގެ އެކްރެޑިޓޭޝަން ލިބުނު ރާއްޖޭގެ ފުރަތަމަ ނޭޝަނަލް ޑައިރެކްޓް އެކްސެސް އެންޓިޓީގެ ޝަރަފު މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ އެމްއެފްއެލްސީއިން ހޯދުން/ ފޮޓޯ މޫސުމާބެހޭ ވުޒާރާ

ވޭތުވެ ދިޔަ 11 މަސްދުވަހުގެ ތެރޭގައި، މޫސުމީ ބަދަލުތަކާބެހޭ ވުޒާރާއާއި ޖީސީއެފް ސެކްރެޓޭރިއެޓްގެ އެއްބާރުލުމާއި އިރުޝާދުގެ ދަށުން އެމްއެފްއެލްސީއިން ވަނީ އެކްރެޑިޓޭޝަންގެ މަރުޙަލާތައް ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން، އެ މުއައްސަސާގެ ހިންގުމާއި ފަންނީ މިންގަނޑުތައް އިތުރަށް ހަރުދަނާކޮށް، ދިމާވި ގޮންޖެހުންތަކުން އަރައިގަނެ، ޖީސީއެފްއިން ބަލާ މިންގަނޑުތަކާއި އެއްގޮތަށް މުއައްސަސާގެ ޤާބިލުކަން އިތުރުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، މި ކާމިޔާބީއަކީ ބައިނަލްއަޤްވާމީ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ފަންޑުތަކުން ޤައުމީ މުއައްސަސާތައް މެދުވެރިކޮށް މާލީ އެހީ ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއްގެ ގޮތުގައިވެސް އެ ވުޒާރާއިން ސިފަކުރައްވައެވެ.

މޫސުމީ ބަދަލުތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ޖީސީއެފް އެކްރެޑިޓޭޝަން ލިބުމާއި ގުޅިގެން އިއާދަކުރަނިވި ހަކަތައާއި، ހަކަތަ އިޤުތިޞާދުކުރުމާއި، ކަނޑުދަތުރުފަތުރާއި، ފެނުގެ ރައްކާތެރިކަމާއި ބެހޭ ދާއިރާ އަދި އެހެނިހެން ދާއިރާތަށް ހިމަނައިގެން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި ޖައްވަށް ބޭރުވާ ވިހަ ގޭސްތައް މަދުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުތައް ހޯދައި، މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ޤައުމީ ޕްލޭންތަކާއި އެއްގޮތްވާގޮތަށް އެމްއެފްއެލްސީއިން މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް، ބައިނަލްއަޤުވާމީ ފަންޑުތަކަށް ރާއްޖެއިން ސީދާގޮތެއްގައި ވާސިލްވުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ވިލުންތެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ކުރަމުންދާ މަސައްކަތް ކުރިއަށްގެންދާނެ ކަމަށްވެސް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.