ކެންސަރު ބަލީގެ ޚާއްޞަ ސެންޓަރު ޤާއިމްކުރަން ބަޔަކާއި ހަވާލުކޮށްފިއެވެ. ރާއްޖޭގައި މިވަގުތު ކެންސަރަށް ނުދެވޭ ހަމައެކަނި ފަރުވާ ކަމުގައިވާ ރޭޑިއޭޝަނަށް ޚާއްސަ ޗެމްބަރަކާއެކު ޤާއިމްކުރާ މިސެންޓަރު ތަރައްޤީ ކުރާނީ އިނގިރޭސިވިލާތުގެ ކުންފުންޏަކާއި އިންޑިއާ ކުންފުންޏެއް ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ކެންސަރު ބަލި ދެނެގަނެ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ތަރައްޤީކުރާ މި ސެންޓަރު ގާއިމްކުރުމުގެ އެއްބަސްވުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމްއެވެ. އަދި މަސައްކަތް ހަވާލުކުރި ކޮންޓޮމް ހައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރ އެންޑް ޑިރެކްޓަރ ޗިމްޓަން ސޯނީއެވެ.
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީއާއި އެ ވުޒާރާގެ އިސްބޭފުޅުންގެ އިތުރުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެނެވިއެވެ. މި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ރާއްޖޭގައި ކެންސަރު ބައްޔައް ދެވޭ ޚާއްސަ ފަރުވާތައް ހަރުދަނާކޮށް ރާއްޖެއިން ބޭރަށް ބަރޯސާ ވާންޖެހޭ ނިސްބަތް މަދުކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ގާއިމުކުރެވޭނެކަމަށެވެ.
މި މަރުކަޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ކުރެއްވުމަށް އިއުލާންކުރެއްވި މުހިންމު މަސައްކަތެއްކަމަށް ވިދާޅުވިއެވެ. ސިއްޙީ ދާއިރާގެ ސިޔާސަތުތަކުގެ ދަށުން ޚާއްސަ ބަލިތަކަށް ފަރުވާދޭ ޒަމާނީ ވަސީލަތްތައް ރާއްޖޭގައި އިތުރުކޮށް ފަހުގެ ޓެކްނޮލޮޖީއާއެކު ޚިދުމަތް ދެވޭނެ ޤާބިލުކަން އިތުރުކޮށް އިންސާނީ ވަސީލައް ޤާއިމްކުރުމަށް މަސައްކަތް ކުރަމުންކަމަށް ސީއީއޯ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބައެއް ހޮސްޕިޓަލްތަކުން މިހާރުވެސް ކެންސަރުގެ ބައެއް ފަރުވާތަކާއި ކީމޯ ތެރަޕީގެ ފަރުވާ ދެމުންދިޔަ ނަމަވެސް، ރޭޑިއޭޝަން ތެރަޕީ، ނިއުކްލިއާރ މެޑިސިން، ޕެޓްސީސީޓް ފަދަ މުހިންމު ފަރުވާތައް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި އަދި ނެތް" ސީއީއޯ ވިދާޅުވިއެވެ.
މި މަސައްކަތާއެކު ކެންސަރަށް ފަރުވާ ހޯދާ ފަރާތްތަކަށް އައު އުންމީދަކާއި އެކަށޭނަ ފަރުވާތައް ރާއްޖޭގައި ތިބެގެން ލިބޭނެކަމަށާއި، ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާން ޖެހުމަކީ އާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިމާވާ ގޮންޖެހުމެއްކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި މަސައްކަތާއެކު އާއިލާގާތު ހުރެ، އަވަހަށް ބަލި ދެނެގަނެ، ކްލިނިކަލް މޮނިޓަރިންނާއި ފަރުވާގެ ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ފަދަ މަރުކަޒެއް ޤާއިމްވެގެންދާނެކަމަށް ވިދާޅުވިއެވެ.
މި ސެންޓަރަކީ ބަލިމީހުންނަށް ބޭނުންވާ ފުރިހަމަ ފަރުވާ ޒަމާނީ ފެންވަރުގައި ދެވޭނެ ގޮތައް ފަރުމާކުރެވޭމަރުކަޒެއްވެ. މި މަރުކަޒުގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި ކެންސަރު ބަލި ތަހައްމަލް ކުރަމުންދާ ފަރާއްތަކަށް އިމަރޖެންސީ ހާލަތްތަކުގައި ފަރުވާ ދެވޭނެ އިންތިޒާމުތަކާއި ކްރިޓިކަލް ހާލަތްތަކުގައި ފަރުވާ ދެވޭނެ އިންތިޒާމު ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ބަލި މީހުން ބައިތިއްބާގެން ފަރުވާ ދެނޭ ވޯޑާއި ކެންސަރު ބަޔާއި ގުޅޭ ސާރޖަރީތައްކުރުމަށް ޚާއްސަ އޮޕަރޭޝަން ތިއޭޓަރުތައްވެސް ހިމެނޭއެވެ. އަދި ކީމޯ ތެރަޕީ ދެވެނޭ ޑޭކެއަރ ޔުނިޓްތަކަށްވެސް މި މަރުކަޒުގައި ޤާއިމްކިރެވޭނެއެވެ. މީގެ އިތުރުން އެންމެ ފަހުގެ ތްރީޑީ، ސީއާރްޓީއާއި، އައިއެމްއާރްޓީ، އައިޖީއާރްޓީ ޓެކްނޮލޮޖީގެ އެހީގައި ރޭޑިއޭޝަން ތަރަޕީގެ ޚިދުމަތް ދެވޭނެ އިންތިޒާމުތައް މި މަރުކަޒުގައި ޤާއިމްކުރާނެއެވެ. މީގެ އިތުރުންވެސް ކެންސަރާއި ގުޅުން ހުރި މުހިންމު ޚިދުމަތްތަކެއް ޤާއިމްކުރެވިގެން ދާނެއެވެ.
މި މަރުކަޒުން ޒަމާނީ ޑައިގޮނޮސްޓިކް ޚިދުމަތްކަމަށްވާ ސީޓީ ސިމިއުލޭޝަން، ޕެތޮލޮޖީ އަދި އެހެނިހެން ޓެސްޓުތައްވެސް ހެދޭނެއެވެ. މީގެ އިތުރުން ނަފްސާނީ އެހީތެރިކަމާއި ބަލިމީހާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭނެ ސަޕޯޓިވް ކެއަރގެ ތެރޭގައި ހިމެނޭ އެހެނިހެން ޚިދުމަތްތައްވެސް މި މަރުކަޒުން ދެވޭނެއެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ އެކި މަރުހަލާތަކަށް ބަހާލައިގެން 2028 ވަނަ އަހަރާއި ހަމައަށް މަސައްކަތް ނިންމާ ޚިދުމަތްދިނުމެވެ.