ޖަރމަން ޑީއެފްބީ ޕޮކާލް ނުވަތަ ލީގު ކަޕްގެ ތިންވަނަ ބުރުން ޖަރުމަނު ބުންޑެސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑް ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ތިންވަނަ ބުރުން ޑޯޓްމުންޑޤ ޖާގަހޯދާފައިވަނީ ދެވަނަ ބުރުގައި ވަރޑަރ ބްރޭމަން އާއި ބައްދަލުކުރި މެޗު 3 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްގެންނެވެ. ޑޯޓްމުންޑްގެ ސިގްނަލް އިޑޫނާ ޕާކްގައި ކުޅުނު މިމެޗުގައި ޑޯޓްމުންޑް އިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ހަމަލާ އުފެއްދިފައިވަނީ ދެޓީމަށްވެސް ހަމަހަމަ ކޮށެވެ.

މިމެޗުގެ ފެށުން ދިޔައީ ޑޯޓްމުންޑް އިން އެންމެ ބޭނުންވިގޮތަށެވެ. މިގޮތުން މެޗުގެ ފުރަތަމަ 17 މިނެޓްގެ ތެރޭގައި އެޓީމުންވަނީ މިމެޗުގައި 2 ލަނޑުގެ ލީޑެއް ނަގާ ހަމަޖެހިލާފައެވެ. މިމެޗުގެ ފުރަތަމަ ލަނޑު 6 ވަނަ މިނެޓުގައި ސަރހޫ ގުރާސީ ކާމިޔާބު ކުރިއިރު ދެވަނަ ލަނޑު 17 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކާނީ ޗުކުމޭކާއެވެ.

މިމެޗުގެ ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ދެވަނަ ހާފްގައި ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. މިގޮތުން މެޗުގެ 65 ވަނަ މިނެޓުގައި ބްރޭމަންއަށް ލިބުނު ޕެނަލްޓީއަކުން ނިކްލަސް ފުލްކްރޫގް އެޓީމުގެ ފުރަަތަމަ ލަނޑު ޖަހައިދިން އިރު އޭގެ ތިން މިނެޓްފަހުން ފުލްކްރޫގްވަނީ ދެވަނަ ލަނޑެއް ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށް ޑޯޓްމުންޑަށް ސިހުން ގެނުވާފައެވެ.

މިމެޗުން ޑޯޓްމުންޑް މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މާސެލް ސަބިޓްޒަރއެވެ.

މިމުބާރާތުގެ ދެވަނަ ބުރުގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާލާއިރު ބޯކުން އާއި މެއިންޒް ބައްދަލުކުރި މެޗު 2 ލަނޑު ސުން ލަނޑުން ބޯކުން ކާމިޔާބު ކުރިއިރު އެއިންޓްރެކްތް ފްރޭންކްފަރޓް އާއި ހެމްބަރގް ބައްދަލުކުރި މެޗު 3 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ފްރޭންކްފަރޓްއެވެ.

އާރްބީ ލެއިޕްޒިގާއި އާރު.ޑަބްލިޔު. އެސެން ބައްދަލުކުރި މެޗު 2 ލަނޑު އެއް ލަނޑުން ލެއިޕްޒިގް ކާމިޔާބު ކުރިއިރު ބްރޫޝިއާ މުންޗެންގްލަޑްބެކް އާއި އޭ.އެސް.ސީ. ބައްދަލުކުރި މެޗު 2 ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ މުންޗެން ގްލަޑްބެކްއެވެ.