އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއުޔޯކް ނިކްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު ކާމިޔާބު ކޮށް މިސީޒަންގައި ފުރަތަމަ ފަހަރަށް ނިކްސް މެޗަކުން މޮޅުވެއްޖެއެވެ.

ނިއުޔޯކްގެ މެޑިސަން ސްކުއެއަރ ގާޑެންގައި ކުޅުނު މިމެޗު ނިކްސް ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ 111 ޕޮއިންޓް 97 ޕޮއިންޓުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ކުއާޓަރގައި މިސީޒަންގައި މިހާތަނަށް މެޗަކުން ބަލިނުވާ ޑެޓްރޮއިންޓުން ވަނީ 13 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ.

މިލީޑާއެކު މިމުބާރާތުގައި ޖެހިޖެހިގެން ހަތަރު ވަނަ މެޗުން ނިކްސް ބަލިވެދާނެކަމަށް ހީވެގެންދިޔައެވެ. ނަމަވެސް ނިކްސް އިން ވަނީ ދެވަނަ ކުއާޓަރގައި އެޓީމުގެ ކުޅުން ރަނގަޅުކޮށް ފަހަތުން އަރާ އެއް ޕޮއިންޓްގެ ލީޑެއްގައި އޮވެ ފުރަތަމަ ހާފް ނިންމާލާފައެވެ. އަދި އެޓީމުން ތިންވަނަ ކުއާޓަރ ފަށާފައިވަނީވެސް ދެވަނަ ކުއާޓަރ ނިންމާލި ހިސާބުންނެވެ. މިކުއާޓަރގައި އެކަނިވެސް ނިކްސްއިންވަނީ 24 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ.

އެހެން ކަމުން މިއާއެކު ފަހު ކުއާޓަރއަށް ނިކްސް ނިކުތީ 25 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ. މެޗުގެ ފަހު ކުއާޓަރފައި ޕިސްޓަންސް އިން މެޗުން ނަތީޖާއެއް ނެރުމަށް ކުރި މަސައްކަތުގައި އެންމެ ބޮޑު ވަރަށްވެސް ކުރެވުނީ ދެޓީމުގެ މެދުގައިވާ ފަރަގު 14 ޕޮއިންޓަށް ކުޑަކުރުމެވެ.

މިމެޗުގައި ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދައިދީ 20 ރީބައުންޑް ނަގާ 3 އެސިސްޓް ކުރި ކާލް އެންތަނީ ޓައުންސްއެވެ. މީގެއިތުރުން ޖެލެން ބްރުންސަން ވަނީ 23 ޕޮއިންޓް ހޯދައިދީ އެއް ރީބައުންޑް ނަގާ 7 އެސިސްޓް ކޮށްފައެވެ.

ޕިސްޓަންސްއަށް ބަލާލާއިރު އެޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދައިދީ 9 ރީބައުންްޑް ނަގާ 3 އެސިސްޓް ކުރި ޕޯލް ރީޑްއެވެ. މީގެއިތުރުން ކޭޑް ކަނިންގހަމް ވަނީ 19 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގާ 8 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލޮސް އެންޖަލިސް ލޭކަރސް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް ބައްދަލުކުރި މެޗު 136 ޕޮއިންޓް 129 ޕޮއިންޓުން ކާމިޔާބު ކުރީ ޓްރެއިލް ބްލޭޒަރސްއެވެ. މިސީޒަންގައި ލޭކަރސް ބަލިވި ފުރަތަމަ މެޗުގައި އެޓީމުގެ ލޫކާ ޑޮންޗިޗް 41 ޕޮއިންޓް ހޯދައިދީ 5 ރީބައުންޑް ނަގާ 9 އެސިސްޓް ކުރުމާއެކުވެސް ޓްރެއިލް ބްލޭޒަރސް ކައިރީ އެޓީމަށް ކުރި ހޯދޭ ގޮތެއް ނުވިއެވެ.

މީގެއިތުރުން ބޮސްޓަން ސެލްޓިކްސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރި މެޗު އޯވަރ ޓައިމް ކުޅެ 125 ޕޮއިންޓް 124 ޕޮއިންޓްގެ ކުޑަ ތަފާތަކުން ސެލްޓިކްސް އެމެޗު ކާމިޔާބު ކުރިއިރު ސެން އެންޓޯނިއޯ ސްޕަރސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރި މެޗު 130 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ސްޕަރސްއެވެ.