އޮސްޓްރިއާގައި މިހާރު ކުރިއަށްދާ ވިއޭނާ އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެކްޒެންޑަރ ޒުވަރޭވް ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ދެވަނަ ބުރުން ޒުވަރޭވް ޖާގަހޯދާފައިވަނީ ފުރަތަމަ ބުރުގައި އުމުރުން 20 އަހަރުގެ ސްޕެއިންގެ ކުޅުންތެރިއެއް ކަމަށްވާ މާޓިން ލަންޑަލޫސޭ އާއި ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗު ދެ ސެޓު އެއް ސެޓުން ޒުވަރޭވް ކާމިޔާބު ކުރި ނަމަވެސް މިމެޗު ވެގެންދިޔައީ އޭނާއަށް ވަރަށް އުނދަގޫވި މެޗަކަށެވެ.
ފުރަތަމަ ސެޓު ހަތެއް ފަހަކުން ޒުވަރޭވް ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ތިނެއް ހަޔަކުން ކާމިޔާބު ކޮށްފައިވަނީ ލަންޑަލޫސޭއެވެ. އަދި މިއާއެކު ކުޅުނު ފަހު ސެޓުގައި ޒުވަރޭވްއަށް ހަތަރު މެޗު ޕޮއިންޓް ސަލާމަތް ކުރަން ޖެހުނެވެ.
މިގޮތުން މިސެޓު ޓައި ބްރޭކަކަށް ގޮސް ޒުވަރޭވް ކާމިޔާބު ކޮށްފައިވަނީ ތޭރަ އެގާރައިންނެވެ. މިޓައި ބްރޭކް 20 މިނެޓަށް ދިގު ދެމިގެންދިޔައިރު ޒުވަރޭވްއަށް މިމެޗު ކާމިޔާބު ކުރެވިފައިވަނީ ފަސް ވަނަ މެޗު ޕޮއިންޓުންނެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރު ކޮށްފި ނަމަ ޒުވަރޭވްއަށް އިޓަލީވިލާތުގެ ޔަނިކް ސިނަރ ފަހަތަށް ޖައްސާލައި ދުނިޔޭގެ ރޭންކިންގެ އެއްވަނަ ލިބޭނެކަން ކަށަވަރު ވާނެއެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ދެވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒްއާއި ރަޝިއާގެ ކަރެން ހަޗަނޯވް ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްފައިވަނީ އަލްކަރާޒްއެވެ. އެއީ ފުރަތަމަ ސެޓު ހައެއް ހަތަރަކުން ކާމިޔާބު ކޮށް އަދި ދެވަނަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ފަހަކުން ކާމިޔާބު ކޮށްގެންނެވެ.
މިމުބާރާތުގައި ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ފްލާވިއޯ ކޯބޯލީ އާއި ބަލްގޭރިއާގެ ގްރިގޯ ޑިމިޓްވް ބައްދަލުކުރި މެޗު ހައެއް ހަތަރެއް، ތިނެއް ހައެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮޮށްފައިވަނީ ކޯބޯލީއެވެ. އަދި ހަތްވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޮމީ ޕޯލް އާއި ރަޝިއާގެ އަންޑްރޭ ރުބްލޭވް ބައްދަލުކުރި މެޗު ހަތެއް ފަހެއް އަދި ހައެއް ދޭކުން ކާމިޔާބު ކޮށްފައިވަނީ ޕޯލްއެވެ.
އުނދަގޫ މެޗަކަށްފަހު ޒުވަރޭވް ވިއޭނާ އޯޕަންގެ ދެވަނަ ބުރަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed