ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާއިން އެލީގުގެ އެޓްލެޓިކޯ މެޑްރިޑަށް ކުޅޭ އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރޭޒް ހޯދުމަށް އެޓްލެޓިކޯގެ ހުއްދަ ނެތި ކުޅުންތެރިޔާ އާއި ގުޅި މައްސަލައިގާ ބާސާ ޖޫރިމަނާކޮށްފިއެވެ.

އެޓްލެޓިކޯއިން ބުނާގޮތުގައި ބާސާއިން އަލްވަރޭޒް އާއި ވާހަކަ ދައްކަން ފަށާފައިވަނީ ލިޔުމުން އެކްލަބްގެ ހުއްދަ ނުހޯދައެވެ. މިކަމާއި ގުޅިގެން އެޓްލެޓިކޯއިން ސްޕެއިންގެ ފުޓްބޯލް އެސޯސިއޭޝަނަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެފަރާތުންވަނީ ބާސާ 602 ޔޫރޯއިން ޖޫރިމަނާ ކޮށްފައެވެ. ބުނެވޭގޮތުގައި ސްޕެއިން އެފް އޭއިން ބާސާ ޖޫރިމަނާ ކޮށްފައިވަނީ އެއެސޯސިއޭޝަންގެ ގަވާއިދުގެ 133 ވަނަ މާއްދާގެ ދަށުންނެވެ. އެޓްލެޓިކޯއިން ވަނީ މިމައްސަލަ ފީފާއަށްވެސް ހުށަހަޅާފައެވެ. ނަމަވެސް ފީފާއިން ބުނެފައިވަނީ އެއީ އެފަރާތަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ.

މިމައްސަލަ އާއި ގުޅިގެން އަލްވަރޭޒަށްވެސް ވަނީ ސީޒަންގެ ފެށުން ވަރަށް އުނދަގޫ ފައްތަރަކަށް ވެއްޓިގެން ގޮސްފައެވެ. ބާސާއަށް ބަދަލުނުވެވުމުގެ ސަބަބުން އޭނާ ބޭނުންވި ގޮތް ނުވިއިރު އެޓްލެޓިކޯގެ ސަޕޯޓަރުންގެ ނުރުހުމާވެސް އޭނާއަށް ކުރިމަތިލާން ޖެހުނެވެ. އެގޮތުން އޭނާ އެޓްލެޓިކޯއަށް ކުޅޭއިރު އެޓީމުގެ ސަޕޯޓަރުން ނުރުހުން ފާޅު ކުރަމުންދިޔަ ތަން ފެންނަމުންދެއެވެ. ނަމަވެސް އެޓްލެޓިކޯ އެންމެ ފަހުން ކުޅުނު މެޗުގައި ޑިޕޯޓިވޯ ލަ ކޮރޫނިއާ އަތުން މޮޅުވި ލަނޑު ޖަހައިދިނުމާއެކު އެޓީމުގެ ގިނަ ސަޕޯޓަރުން އޭނާއަށް ތާއީދުކުރިތަން ފެނިގެންދިޔައެވެ. އަދި އަލްވަރޭޒްވަނީ އޭނާ ބާސާއަށް ބަދަލު ކުރަން އުޅުނު ކަންތަކާއި ގުޅިގެން އެކްލަބްގެ ސަޕޯޓަރުންގެ ކިބައިން މައާފަށްވެސް އެދިފައެވެ.

އަލްވަރޭޒް ބުނީ އޭނާ ބާސާއަށް ބަދަލުވާން އުޅުން އެއީ އޭނާއަށް ހެދުނު ގޯހެއް ކަމަށެވެ. އަދި އެކްލަބްގެ ސަޕޯޓަރުން އެކަމާއި ހިތްހަމަ ނުޖެހެނީ ކީއްވެގެންކަން އޭނާއަށް އެނގޭ ކަމަށާއި އަދި އަލްވަރޭޒަކީ އެކްލަބްގެ ސަޕޯޓަރެއްނަމަ އޭނާވެސް ރުޅި އަންނާނެ ކަމަށެވެ. އަދި ޚާއްސަކޮށް އޭނާ މެންޗެސްޓަރ ސިޓީން އެޓީމަށް އައުމުން އެކްލަބްގެ ސަޕޯޓަރުންގެ ފަރާތުން ލިބިގެންދިޔަ ލޯތްބާއި ތާއީދަށްފަހު އެކަން އެހެން ވުމުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް އަލްވަރޭޒް ހާމަކުރިއެވެ.