އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢާގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތުދިނުމަށް ޚާއްސަ ސެޝަނެއް ބާއްވައިފިއެވެ.
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ ދިވެހިންގެ ތެރޭގައި އިޙްތިރާމް އަދާކުރުމުގެ ރިވެތި އާދަ އަށަގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަކަށް ފެށުމަށް ތައްޔާރަވަމުންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގައި އިސްކޮށް ހަރަކާތްތެރިވާނީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑީއާ، ޕީއެސްއެމްއެވެ. މި މަޝްރޫޢު ހިންގުމަށް ވިލަރެސްކުރުމަށް ފަންނުގެ ތަޖުރިބާ ހުރި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ވަނީ އުފައްދަވާފައެވެ.
ފަންނާބެހޭ ވުޒާރާއިން އިސްނަގައިގެން މީޑިއާތަކަށް އަމާޒުކޮށްގެން ބޭއްވި ސެޝަނުގައި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދާއި، މި މަޝްރޫޢު ރޭވިފައިވާގޮތާއި އެކަމަށް ކުރެވުނު މަސައްކަތްތަކުގެ މަޢުލޫމާތު ވުޒާރާގެ ފަރާތުން ވަނީ މީޑިއާތަކާ ހިއްސާކޮށްފައެވެ. އަދި މަޝްރޫޢު ހިންގާ މުއްދަތުގެ ތެރޭގައި އެކި މަރުހަލާތަކުގައި ހިންގަން ގަސްތުކުރާ މައިގަނޑު ހަރަކާތްތަކުގެ މަޢުލޫމާތު ދީފައިވެއެވެ.

ހަމައެހެންމެ މީޑީއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް އާންމުންނާ ހަމައަށް މި މަޝްރޫޢުގެ މަޢުލޫމާތު ފޯރުކޮށްދެވިދާނެ ގޮތްތަކާއި، މަޝްރޫޢުގެ މައިގަނޑު އަމާޒާއި ލަނޑުދަނޑިތައް ހާސިލުވާނެހެން ތަފާތު ކޮންޓެންޓްތައް އުފެއްދުމުގައި ވިސްނުން ބަހައްޓަންވީ ކަންކަމުގެ މައްޗަށް މި ސެޝަނުގައި ވަނީ މަޝްވަރާކޮށްފައެވެ.
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އިސްލާމީ އަދަބު އަޚުލާޤާއި، ދިވެހީންގެ މެދުގައި އޮތް އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރިވެތި ސިފަތައް އަދުގެ ދިވެހީންގެ ކިބައިގައި އަށަގެންނެވުމަށް ހިންގާ މަޝްރޫޢެކެވެ.
މި މަޝްރޫޢު ރަސްމީކޮށް ފެށުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން މިހާރު އަންނަނީ ކުރަމުންނެވެ.


