ގއ. އަތޮޅު ޖޮއިންޓް އެޖެންސީ ފޯރަމް 2026 ބާއްވައިފިއެވެ.

މި މަހުގެ 25 ވަނަ ދުވަހު ބޭއްވި މިފޯރަމަކީ އަވައްޓެރި ފުލުހުންގެ ފަލްސަފާގެ ތެރެއިން ރަށްރަށުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެކުލަވާލާފައިވާ ޖޮއިންޓް އެޖެންސީ ގްރޫޕްތަކުގެ މެމްބަރުން ހިމެނޭހެން ކުރިއަށް ގެންދިޔަ ފޯރަމެކެވެ.

މި ފޯރަމްގައި 2025 ސެޕްޓެމްބަރު މަހުން ފެށިގެން 2026 ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގއ. އަތޮޅުގައި ފުލުހުންގެ ފަރާތުން އަމަން ގާއިމުކުރުމަށް ޖޮއިންޓް އެޖެންސީތަކާއެކު ކުރި މަސައްކަތްތަކާއި ޕޮލިސިންގ ކޮށްފައިވާ މަސައްކަތްތައް ހިއްސާކޮށްފައިވެއެވެ.

މި ގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގެ މައުލޫމާތާއި، މިހާރުގެ ހާލަތު ހިއްސާކޮށް ރަށްރަށުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ޖޮއިންޓް އެޖެންސީތައް ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭން އެކުލަވާލުމަށް ކަނޑައަޅާފައިވާ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮަށްފައިވެއެވެ.

މީގެ އިތުރުން، ކުޑަކުދިން ކުށުގެ ވެށިން ރައްކާތެރިކުރުމަށް ކައުންސިލުތަކާއި ސުކޫލުތައް ގުޅިގެން ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާނެ ކަންކަން ދެނެގަނެ 2027ގެ މަސައްކަތު ޕްލޭނަށް ހިމަނާފައިވެއެވެ.

އަދި ކުރިއަށް އޮތް އަހަރު ރަށްރަށުގައި ހުރި މައްސަލަތައް މަދުކުރުމަށް ޖޮއިންޓް އެޖެންސީތައް ގުޅިގެން މަސައްކަތް ކުރަންވީ ޚާއްސަ ކަންކަމަށް މަޝްވަރާކޮށް، ރަށްރަށުގައި ކުރުން މުހިންމު ކަންކަންވަނީ ފާހަގަކޮށްފައެވެ.

މިއީ، އަހަރަކު އެއްފަހަރު ބޭއްވުމަށް ތާވަލް ކޮށްފައިވާ ފޯރަމެކެވެ.