ޕެންޝަން އޮފީހުން އިސްނަގައިގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް 2026ގެ ޕާޓުނަރެއްގެ ގޮތުގައި ޔުނައިޓެޑް ނޭޝަންސް ޑިޕެލޮޕްމަންޓް ޕްރޮގްރާމް، ޔޫއެންޑީޕީ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ޕެންޝަން އޮފީހުން ވިދާޅުވީ، އެ އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ކުރާ މި މަސައްކަތުގެ ތެރެއިން ދިވެހިރާއްޖޭގެ ގްރީން ފައިނޭންސް މާކެޓު ތަރައްޤީކުރުމާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓުތައް ހޯދުމާއި، ޤައުމުގެ ދިގު މުއްދަތުގެ އިޤުތިޞާދީ އަދި މާލީ ރައްކާތެރިކަން ވަރުގަދަކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.

އަދި މެންބަރުންގެ ރިޓަޔަރމަންޓް ސޭވިންގްސް މެނޭޖުކޮށް ދިގު މުއްދަތަކަށް އިންވެސްޓްކުރާ މާލީ މުއައްސަސާއެއްގެ ހައިސިއްޔަތުން، ހަރުދަނާ އަދި ވިލުންވެރި އިޤުތިޞާދަކާއި، ފުޅާ އިންވެސްޓްމަންޓުގެ މާކެޓެއް ތަރައްޤީކުރުމަކީ، ޕެންޝަން އޮފީހުގެ މަސައްކަތްތަކާއި ގުޅި ލާމެހިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން މިއަހަރުގެ ފޯރަމްގައި ގްރީން ފައިނޭންސްގެ ތެރެއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓުގެ ފުރުޞަތުތައް ފުޅާކޮށް، ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓު ތަރައްޤީކުރުމަށް އެހީތެރިވެދޭނެ ކަމަށް އެ އޮފީހުން ވިދާޅުވެއެވެ.

މީގެ އިތުރުން، ދެމެހެއްޓެނިވި މާލީ ނިޒާމެއް ކުރިއެރުވުމަކީ، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ޤާބިލިއްޔަތު އިތުރުކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރުމަށް ކުރާ މުހިންމު މަސައްކަތްތަކާ ސީދާ ގުޅިފައިވާ ކަމެއްކަމުން މި އަހަރުގެ ފައިނޭންސް ފޯރަމްވާނީ ޔޫއެންޑީޕީ މޯލްޑިވްސްގެ ލަނޑުދަނޑިތަކާ ގުޅިފައިވާ ހަރަކާތަކަށް ކަމަށްވެސް ވިދާޅުވިއެވެ.

މިއަހަރުގެ ފައިނޭންސް ފޯރަމްގެ ޝިއާރަކީ، "ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން"އެވެ. މިފޯރަމްގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަޤުވާމީ ތަޖުރިބާކާރުން އެއްތަނަކުން ބައްދަލުކޮށް، ރާއްޖޭގެ އިޤުތިސާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

މާލީ އަދި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާގެ މާހިރުން އެއް ފުރާޅެއްގެ ދަށަށް ގެނެސްދޭ މި ފޯރަމުގެ މައިގަނޑު މަޤުޞަދަކީ، ރާއްޖޭގައި ގްރީން ފައިނޭންސް ކުރިއަރުވައި، ދެމެހެއްޓެނިވި އިންވެސްޓްމަންޓުތައް ފަހިކުރުމަށާއި، ވިލުންވެރި ރައްކާތެރި އިޤުތިޞާދެއް ބިނާކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމެވެ. އަދި މިކަމުގައި ޢަމަލީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމުގެ މައްޗަށް ހޯދުންތަކާއި، މަޢުލޫމާތުގެ އަލީގައި ބިނާކުރަނިވި އައު ޚިޔާލުތައް ބަދަލުކުރުމަށް ބާރުއެޅުމެވެ.

ޕެންޝަން އޮފީހުން ސިލްސިލާކޮށް އިންތިޒާމު ކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމަކީ، ދިވެހިރާއްޖޭގެ މާލީ އަދި އިޤުތިޞާދީ މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް ފަހިކޮށްދޭ މަންސައެކެވެ. މިއަހަރު ފައިނޭންސް ފޯރަމްގެ 13 ވަނަ ބައްދަލުވުން ބާއްވާއިރު، މި ފޯރަމް މެދުވެރިކޮށް ދިވެހި އަދި ބައިނަލްއަޤުވާމީ ތަޖުރިބާކާރުން ބައްދަލުކޮށް، ޚިޔާލު ބަދަލުކޮށް، އަލަށް ފާހަގަކުރެވޭ ފުރުޞަތުތަކާއި، ރާއްޖޭގެ މާލީ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތަކާއި ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.

މިއަހަރުގެ ފައިނޭންސް ފޯރަމް އޮންނާނީ، އަންނަ ނޮވެންބަރު މަހުގެ 14 ގައި ދުސިތުޑީ2 ފޭދޫ މޯލްޑިވްސްގައެވެ.