ޔަހޫދީންގެ އާންމު އިންތިޚާބު ކުރިއަށްދިޔަ ވަގުތާ ދިމާކޮށް، ފަލަސްޠީނުގެ ޣައްޒާގެ އެކި ސަރަޙައްދުތަކަށް ޔަހޫދީންގެ ނިރުބަވެރި ފައުޖުތަކުން ދިން ވަރުގަދަ ހަމަލާތަކުގައި ފަލަސްޠީނުގެ ދެ މީހަކު ޝަހީދުވެ، އިތުރު ފަސް މީހަކު ޒަޚަމްވެއްޖެއެވެ.

މީގެ އިތުރުން، މީގެ ކުރިން ދިން ހަމަލާތަކުގައި ލިބުނު ބޮޑެތި ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ފިރިހެނަކު ވަނީ ޝަހީދުވެފައެވެ.

ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނީ، ޖަބަލިއާ ރެފިއުޖީ ކޭމްޕުގައި ޔަހޫދީ ސިފައިން ކުށެއްނެތް ޒުވާނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައިވާއިރު، ރަފަޙްގެ އަލްމަވާސީ ސަރަޙައްދަށް ދިން ޙަމަލާއެއްގައި ވެސް އިތުރު މީހަކު ޝަހީދުވެފައިވާ ކަމަށެވެ.

އަދި ޚާން ޔޫނިސްގައި ޔަހޫދީންގެ ނިރުބަވެރި ސިފައިން ދިން ހަމަލާތަކެއްގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދަމުންދިޔަ ދެ މީހަކު ވެސް ވަނީ ޝަހީދުވެފައެވެ.

މީގެއިތުރުން، ޚާން ޔޫނިސްގެ އައްސޭރިފަށުގައި މަސްވެރިކަން ކުރަން އުޅުނު މަސްވެރިޔަކަށް އަމާޒުކޮށް ޑްރޯނަކުން ދިން ބޮމުގެ ހަމަލާއެއްގައި އޭނާ ޒަޚަމްވެފައިވާއިރު، ޣައްޒާގެ އިތުރު ސަރަޙައްދުތަކަށް ދިން ބަޑީގެ ހަމަލާތަކުގައި ކުޑަކުއްޖަކު ހިމެނޭހެން ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

ހަމައެއާއެކު، ޣައްޒާގެ ހުޅަނގު އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ދިރިއުޅެމުންދާ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް، ޔަހޫދީންގެ ކަނޑުގެ ސިފައިން ވަނީ ބަރުހަތިޔާރު ބޭނުންކޮށްގެން ނުރައްކާތެރި ހަމަލާތަކެއް ދީފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޔަހޫދީ ދައުލަތުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމުގައި މިހާތަނަށް 74،000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، 175،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އަދި އޮކްޓޫބަރު 2025 ގައި ހަމަލާތައް ހުއްޓައިލުމަށް ވެވުނު އެއްބަސްވުމާ ޚިލާފަށް، ޔަހޫދީން ދެމުންގެންދާ ހަމަލާތަކުގައި ވެސް މިހާތަނަށް 1،500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.