އިންޑިއާގެ އަންދްރަ ޕްރަދޭޝް އަދި އޮޑިޝާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް އެރި ބާރުގަދަ 'އާނަބް' ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި، ގަސްތަކާއި ކަރަންޓު ދަނޑިތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާ (އައި.އެމް.ޑީ) އިން ހާމަކުރި ގޮތުގައި، ގަޑިއަކު 135 އާއި 150 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި ވައިޖެހެމުންދިޔަ މި ތޫފާން އަންދްރަ ޕްރަދޭޝް އަދި ޔަނަމްގެ އައްސޭރިފަށަށް އަރާފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
މި ތޫފާނުގެ ސަބަބުން ކަރަންޓުގައި ޖެހިގެން 2 މީހަކު މަރުވެފައިވާއިރު، އަންދްރަ ޕްރަދޭޝް ސަރުކާރުން ވަނީ ރައްޔިތުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި 609 ސްކޫލެއް ލުއިފަސޭހަ ކޭމްޕުތަކަކަށް ބަދަލުކޮށްފައެވެ. އަދި އޮޑިޝާގެ ފެންބޮޑުވެދާނެ ކަމަށް ބެލެވޭ ތިރި ސަރަހައްދުތަކުން 30،000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައެވެ.
މީގެއިތުރުން، ތޫފާނުގެ ސަބަބުން ވިޝާކަޕަޓްނަމް، ކަކިނާޑާ އަދި ކޮނަސީމާ ފަދަ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، މަގުތަކަށް ގަސްތައް ވެއްޓުމުގެ ސަބަބުން ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
އޮޑިޝާގެ ގަންޖާމް، ގަޖަޕަތީ، ރަޔަގަޑާ، ކޮރަޕުޓް، މަލްކަންގިރި އަދި ނަބަރަންޕޫރު ފަދަ އަވަށްތަކުގައި ކުއްލި އެލާޓަށް ގެނެސްފައިވާއިރު، އެ ސަރަހައްދުތަކުގެ ސްކޫލްތަކާއި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް ވަނީ ބަންދުކޮށްފައެވެ. އަދި ހާލުގައި ޖެހޭ ފަރާތްތަކަށް ކާބޯތަކެއްޗާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ވަނީ ތޫފާނުން ރައްކާތެރި ވުމަށްޓަކައި ހާއްސަ 2,037 މަރުކަޒެއް ތައްޔާރީ ހާލަތަށް ގެނެސްފައެވެ.
ތޫފާން އާނަބް: އަންދްރަ ޕްރަދޭޝާއި އޮޑިސާއަށް ބޮޑެތި ގެއްލުންތަކެއް، 2 މަރު
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed