މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރުތަކުގެ ކަލަންޑަރު އާންމުކޮށް، ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ.
އަންނަ އަހަރަށް ރާވާފައިވާ ޢުމްރާ ދަތުރުތަކުގެ ތެރޭގައި ހިމެނެނީ، ރަމަޟާން މަހުގެ ޢުމްރާގެ އިތުރުން ޖުލައި މަހުގެ ޢުމްރާ، ސެޕްޓެމްބަރު މަހުގެ ޢުމްރާ އަދި ޑިސެމްބަރު މަހުގެ ޢުމްރާއެވެ.
ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ، އަންނަ އަހަރުގެ ޢުމްރާ ދަތުރުތައް ޕްލޭންކޮށްފައިވަނީ ދިރާސީ އަހަރުގެ ކަލަންޑަރަށް ރިޢާޔަތްކޮށް ސްކޫލު ބޮޑު ޗުއްޓީތަކާއި، އާއިލާތަކަށް ފަސޭހަވާނެ ދުވަސްވަރުތަކާ ދިމާކޮށްގެން ކަމަށެވެ.
އަންނަ އަހަރަށް ތާވަލުކޮށްފައިވާ ޢުމްރާ ދަތުރުތަކުގެ އަގުތަކަށް، މި ހިނގާ އަހަރުގެ އަގުތަކާ އަޅާބަލާއިރު އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ޖުލައި އަދި ސެޕްޓެމްބަރު މަހުގެ ޢުމްރާ ޕެކޭޖުގެ އަގަކީ، 30،965 ރުފިޔާއެވެ. އަދި އަހަރު ނިމޭ ޑިސެމްބަރު މަހުގެ ޢުމްރާ ޕެކޭޖުގެ އަގަކީ، 31،965 ރުފިޔާއެވެ.
ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ، ކޮންމެ ދަތުރަކަށްވެސް ފުރުޞަތު އޮންނާނީ ކަނޑައެޅިފައިވާ ވަކި ޢަދަދަކަށް ކަމަށެވެ. އެހެންކަމުން ޢުމްރާއަށް ޖާގަ ކަށަވަރުކުރުމަށް އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" މެދުވެރިކޮށް ނުވަތަ ވެބްސައިޓް (hajj.mv) އިން ވީހާވެސް އަވަހަކަށް ރަޖިސްޓްރީވުމަށް އެދިފައިވެއެވެ.

އެ ކޯޕަރޭޝަނުން ވަނީ، ރައްޔިތުންނަށް ދަތުރުފަތުރުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ލުއިފަސޭހަ ވާނޭހެން ޢުމްރާ ދަތުރުތަކަށް މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އަންނަ ރަމަޟާން މަހުގެ ފަހު ފަނަރައިގެ ޢުމްރާއަށް މާލޭގެ އިތުރުން އައްޑޫ ސިޓީ ގަމުން، ސީދާ ޖިއްދާއަށް ފްލައިޓު ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ބޮޑެތި ޗުއްޓީތަކާ ދިމާކޮށް ބާއްވާ ޢުމްރާތަކުގައިވެސް ގަމުން ސީދާ ޖިއްދާއަށް ދަތުރުތައް ބޭއްވުމަކީ އަމާޒެއް ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.
މީގެ އިތުރުން މިހާރު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާއަށް ދާ ފަރާތްތަކަށް އެއްވެސް އިތުރު އަގަކާ ނުލައި، އެމީހަކު ހުރި ރަށަކާ އެންމެ ކައިރިން ވެކްސިން ލިބެންހުރި ޞިއްޙީ މަރުކަޒަކުން ވެކްސިން ޖެހުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިދީފައެވެ.
ޙައްޖު ކޯޕަރޭޝަނުން ޢުމްރާ ދަތުރުތަކުގައި ދޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ރާއްޖެއިން ޖިއްދާއަށް ސީދާ ދަތުރުކުރާ ޑައިރެކްޓް ފްލައިޓާއި، ފެންވަރު ރަނގަޅު ހޮޓާތަކުގައި ތިބުމުގެ އިތުރުން ޢުމްރާ ކިޓު ހިލޭ ދިނުން ހިމެނެއެވެ. އަދި މަދީނާގައި ހޭދަކުރާ 3 ރޭގެ އިތުރުން މައްކާއިން މަދީނާއަށް ހައިސްޕީޑް ރޭލުގައި ދަތުރު ކުރުމާއި، ލޯންޑްރީ އަދި އިސްތިރި ކުރުމުގެ ޚިދުމަތްވެސް ހިމެނޭނެކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.
ޞިއްޙީ ރައްކާތެރިކަމަށް ބަލާއިރު، ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ކްލިނިކާއި، ފާމަސީގެ ޚިދުމަތްތައް ދިނުމުގެ އިތުރުން ޢުމްރާވެރިންގެ ރައްކާތެރިކަމަށް ޚާއްޞަ ލޮކޭޝަން ޓްރެކިންގ ޑިވައިސް އަދި ބަގީގެ ޚިދުމަތްވެސް ފޯރުކޮށްދެވޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.