ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބިނާކޮށް، ގޭގައި މަދަރަސީ ތަޢުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފް ކުރުމުގެ ބިލަކީ، އެކަމަށް އެދިގެން ތިބި ބެލެނިވެރިންނަށް ލިބުނު އުއްމީދެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

ތަޢުލީމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ، މިމަހުގެ 26 ގައެވެ. ބިލު ހުށަހެޅުއްވީ، ހުރާ ދާއިރާގެ މެމްބަރު ޑރ.އަނާރާ ނަޢީމެވެ.

ބިލުގެ އިބްތިދާޢީ ބަޙުސް މަރުހަލާގައި މެމްބަރު އަނާރާ ވިދާޅުވީ، މިއީ ކޮންމެ ކުއްޖަކަށްވެސް އުޖާލާ މުސްތަުބަލެއް ޤާއިމްކޮށްދިނުމަށް ދަޢުލަތުން ގެންގުޅޭ ދުރު ވިސްނުމުގެ ހެއްކެއް ކަމަށެވެ. ޤައުމީ ތަރައްޤީގެ އެންމެ ބޮޑު އިންވެސްޓުމެންޓަކީ، ރައްޔިތުންކަމަށް ސަރުކާރުން ދެކޭ ކަމަށާއި، މި ބިލަކީ ހުރިހާ ދަރިވަރުންގެ ހައްޤުތައް ހިމާޔަތްކުރުމަށް މުހިންމު ބިލެއްކަން މެމްބަރު އަނާރާ ފާހަގަކުރެއްވިއެވެ.

" ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް ޤައުމީ ތަރައްޤީގެ ހުޅުވިފައިވާ މަގު ދިވެހި ކޮންމެ ދަރިއަކަށް ފަހިކޮށްދިނުމުގެ ތާރީޚީ މުހިންމު މަސައްކަތެއް މިއީ." މެމްބަރު އަނާރާ ވިދާޅުވިއެވެ.

މި ބިލަކީ، ދަރިވަރުގެ ނުކުޅުދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލާ ހަދާ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި މަދަރުސީ ތަޢުލީމު ދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފްކޮށް، އެ ޕްރޮގްރާމުގެ ދަށުން ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ޝަރުތުތަކާއި، އުސޫލުތައް ބަޔާންކުރުމުގެ ކަންކަން ހުށަހަޅާފައިވާ ބިލެކެވެ.

ބިލަށް ބަޙުސް ކުރައްވަމުން ހޯމް ސްކޫލިންގެ އުސޫލުތައް ކަނޑައެޅުމަށް ބިލުގައި ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވާ ކަމަށާއި، މިއީ ވަރަށް ބޮޑަށް ތައްޔާރުވެގެން ހުށަހަޅާފައިވާ ބިލެއްކަން މެމްބަރުން ފާހަގަކުރެއްވިއެވެ. މީގެއިތުރުން ތަޢުލީމީ ނިޒާމުގައި ހުރި އިސްލާޙު ކުރަންޖެހޭ ބައެއް ކަންކަން އިސްލާޙު ކުރުމަށް ބިލުގައި މުހިންމު ކަންތައްތަކެއް ހިމަނާފައިވާކަމަށް މެމްބަރުން ވިދާޅުވިއެވެ. ތަޢުލީމީ ދާއިރާގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މެމްބަރުން ވިދާޅުވިއެވެ.

މަދަރުސީ ތަޢުލީމުގެ ނިޒާމު ހިންގާ ތަންފީޒު ކުރުމުގައި ބެލެނިވެރިންނާއި، މުދައްރިސުންނާއި، ޕްރިންސިޕަލުންގެ ދަޢުރު އިތުރަށް ތަފްސީލު ކުރުމަށް ބިލުގައި ބައެއް ބަދަލުތައް ހިމަނާފައިވެއެވެ. އަދި ޤާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމަކީ، ބިލުގެ މަޤުސަދެކެވެ.

ބިލުގައި ހިމަނާފައިވާ އިތުރު ކަންކަމަށް ބަލާއިރު، ނާސްތާ ހޯދަން ދަތިވާ ކުދިންނަށް ސަރުކާރުގެ ކޮންމެ ސްކޫލަކުން ކޮންމެ ދުވަހަކުވެސް ނާސްތާ ހިލޭ ފޯރުކޮށްދިނުމަށް ކަނޑައެޅުން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ސްކޫލަށްދާއިރު ކުއްޖާ ރަނގަޅަށް ކާނާ ލިބި، ރަނގަޅު ސިއްހަތެއްގައި ހުރުމާއި، ހަމައަށް ނިދި ލިބިފައިވާކަން ކަށަވަރުކުރުން ހިމެނޭގޮތަށް ކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދީ، ކުދިން އުނގެނުމަށް ތައްޔާރު ކޮށްދޭން ޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.