ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެލަވަންސް އިތުރުކުރުމަށް މިމަހުގެ 21 ގައި ފާސްކޮށްފައެވެ. މަޖިލީހުގެ ރައީސްގެ އެލަވަންސް އިތުރުކުރުމަށް ހުށަހަޅުއްވާފައިވަނީ، މިހާރު މަޖިލީހުގެ ރައީސަށް 73،125 ރުފިޔާ ލިބިވަޑައިގަންނަވާތީ، މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުކުރުމަށްޓަކައެވެ. މިހުށަހެޅުމުގައި ވަނީ، މަޖިލީހުގެ ރައީސަށް ލިބިދޭ އެލަވަންސަށް 22،000 ރުފިޔާ އިތުރު ކުރުމަށެވެ. މިއާއެކު މަޖިލީހުގެ ރައީސަށް މުސާރައިގެ ގޮތުގައި 95،125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ އިނާޔަތް ބޮޑުކުރަން ކޮމިޓީން ފާސްކުރި ގޮތަށް ބަދަލެއް ނުގެނެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެ މައްސަލައިގައި ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ފާސްކުރަން ފެންނަކަމަށް 42 މެމްބަރުން އަދި ނުފެންނަކަމަށް 12 މެމްބަރުން ވޯޓު ދެއްވިއެވެ.

މާލިއްޔަތު ކޮމިޓީން މިއަދުވަނީ، އުއްތަމަ ފަނޑިޔާރަށް ދޭ އިނާޔަތްތައް ބޮޑުކުރަން ފާސްކޮށްފައެވެ. އެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް، ޚާއްސަ އެލަވަންސެއްގެ ގޮތުގައި 4،125 ރުފިޔާ ދިނުމަށް ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ފާސްކުރަން ފެންނަކަމަށް 40 މެމްބަރުން އަދި ނުފެންނަކަމަށް 12 މެމްބަރުން ވޯޓު ދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ، ވަޒީރުންގެ ޕެޓްރޯލް އެލަވަންސަށް 2،000 ރުފިޔާ، ޑްރައިވަރުންގެ މުސާރައަށް 12،000 ރުފިޔާ، ޑްރައިވަރުންގެ ލިވިން އެލަވަންސަށް 3000 ރުފިޔާ ދިނުމަށްވެސް ފާސްކުރައްވާފައެވެ. އަދި ރަށު ކައުންސިލުގެ ރައީސުންނާއި، ނައިބު ރައީސުންނާއި، ކައުންސިލަރުންނަށް އެލަވަންސްގެ ގޮތުގައި 5،000 ރުފިޔާ އިތުރު ކުރުމަށް ފާސްކޮށްފައިވެއެވެ.

މިއަދު މަޖިލީހުން ވަނީ، ކޮމިޓީން އެ މައްސަލަ ނިންމިކަމުގެ ރިޕޯޓު ފާސްކޮށްފައެވެ. އެ ރިޕޯޓު ފާސްކުރަން ފެންނަކަމަށް 42 މެމްބަރުން އަދި ނުފެންނަކަމަށް 12 މެމްބަރުން ވޯޓު ދެއްވިއެވެ.