ޔޫކްރެއިނުގެ އިރުއުތުރު ޚާރްކީވް ސަރަހައްދުގެ ކޫޕިޔާންސްކް ކައިރީގައި، ބިމުގެ އަޑީގައިވާ ގޭސް ހޮޅިތައް ބޭނުންކޮށްގެން ރަޝިއާގެ ސިފައިން ވަށައިލުމަށް އަސްކަރީ އޮޕަރޭޝަނެއް ހިންގާފައިވާ ކަމުގައި އެ ޤައުމުގެ ރައީސް ވޮލޮދޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. 'ވެލެސް' ގެ ނަމުގައި ހިންގި މި އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، ރަޝިއާ ސިފައިން ކުރިއަރަން އުޅުނު ނަމަވެސް، "އަޅުގަނޑުމެންގެ ފައުޖުތަކުން ވަނީ މި އުކުޅު [ކުރިން ރަޝިއާ ސިފައިން ބޭނުންކޮށްފައިވާ އުކުޅު] ރަޝިއާއާ ދެކޮޅަށް އަނބުރާލައި، ބިމުގެ އަޑީގެ ވަސީލަތްތައް ބޭނުންކޮށްގެން ބޮޑު ކާމިޔާބީއެއް ހޯދާފައި،" ކަމަށެވެ. މިއީ، ޓެކްނޮލޮޖީގެ އެހީގައި ރޭވިގެން ހިންގި ވަރުގަދަ ހަރަކާތެއް ކަމަށާއި، ހަތަރު އަހަރާއި ހަމަހަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައިގައި ކީވްގެ މަޤާމު މިހާރު ވަރަށް ބޮޑަށް ވަރުގަދަވެފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ދޮންބާސް ސަރަހައްދު މިނިވަންކުރުމަށް ހިންގި 'ވިވާލްދީ' އޮޕަރޭޝަނުގައި، ޔޫކްރެއިނުގެ ސިފައިން ވަނީ 75 އަކަކިލޯމީޓަރުގެ ސަރަހައްދެއް ސާފުކޮށް، އިތުރު 10 އަކަކިލޯމީޓަރުގެ ބިން އަނބުރާ ހޯދާފައި ކަމުގައި އޭނާ ވިދާޅުވިއެވެ. މި އޮޕަރޭޝަން އަމާޒުކުރީ ދިފާޢީ ގޮތުން މުހިންމު ސުލޯވިޔާންސްކް އަދި ކްރަމަތޯރްސްކް ހިމާޔަތްކުރުމަށެވެ. މިއާއެކު، ދެކުނުގެ ސަރަހައްދުތަކުން ވެސް 26 އަވަށެއް އަނބުރާ މިނިވަން ކޮށްފައިވާ ކަމުގައި ޒެލެންސްކީ ވިދާޅުވިއެވެ. ހުޅަނގުގެ ބައިވެރިންގެ ފަރާތުން ވައިގެ ދިފާޢީ ނިޒާމުތައް އިތުރަށް ލިބިއްޖެނަމަ، އަސްކަރީ ކުރިއެރުންތައް އިތުރަށް ވަރުގަދަކުރެވޭނެ ކަމުގައި ޔުކްރެއިނުން ޤަބޫލުކުރެއެވެ.

ހަނގުރާމަ ކުރު މުއްދަތަކަށް މެދުކަނޑައިލުމުގެ ބަދަލުގައި، ދޮންބާސް އެއްކޮށް ހިފުމަކީ މައިގަނޑު އަމާޒު ކަމަށް ރަޝިއާއިން ބުނެއެވެ. އެ ޤައުމުގެ އަސްކަރިއްޔާގެ އިސްވެރިޔާ ވަލޭރީ ގެރަސިމޯވް ވިދާޅުވީ، ސެޕްޓެންބަރު މަހުން ފެށިގެން ދޮބްރޯޕީލިޔާ ހިމެނޭހެން 92 އަވަށެއް އެ ޤައުމުގެ ސިފައިން ހިފާފައިވާ ކަމަށެވެ. ރައީސް ވްލަޑިމިއަރ ޕުޓިންއާއެކު ބޭއްވެވި ބައްދަލުވުންތަކުގައި ރަޝިއާގެ ކޮމާންޑަރުން ވަނީ 1،200 ކިލޯމީޓަރުގެ ހަނގުރާމައިގެ ކުރީސަފުގައި ރަޝިއާ ސިފައިންނަށް ކުރިއެރުން ލިބެމުންދާ ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް، ރަޝިއާގެ މި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ ޔޫކްރެއިނުގެ އަސްކަރިއްޔާއިން ވަނީ އެ ކަން ދޮގުކޮށްފައެވެ.