ދިވެހިރާއްޖޭގެ ޒަކާތުގެ ދާއިރާ ފުޅާ ކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން ފުޅާކުރުން މުހިންމުކަމަށް އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަކުފާނު މިހެން ވިދާޅުވީ 3ވަނަ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް ފެށުމުގެ ރަސްމިއްޔާތުގައި ފޮނުއްވި ޚިޠާބުގައެވެ. އެގޮތުން ފަޤީރުކަން ނައްތާލުމަށާއި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް، ޒަކާތުގެ ނަފާ އިތުރުކުރުމަށާއި ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކުރުމާއި، ދެފުށްފެންނަ ގޮތަށް ޒިންމާދާރުކަމާއެކު ކަންކަން ބެލެހެއްޓުމާއި، ބައިނަލްއަޤްވާމީ އެއްބާރުލުން ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ.
އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ޚިޠާބުގައި، ޒަކާތަކީ ހަމައެކަނި މާލީ ފަރުޟެއް ނޫންކަން ފާހަގަކުރައްވައި، ވިދާޅުވީ އިޖުތިމާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށާއި، ފަޤީރުކަން ފިލުވުމަށާއި، އެއްބައިވަންތަކަން އާލާކުރުމަށް އޮތް ވަސީލަތެއް ކަމަށެވެ. އަދި ޒަކާތަކީ ނިކަމެތިންގެ ކަރާމާތް ރައްކާތެރިކޮށްދީ، މުޖުތަމަޢުގެ މެދުގައި އޯގާތެރިކަން ބަދަހިކޮށްދޭ އެއްޗެއްކަން ފާހަގަކުރެއްވިއެވެ.
ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިންނާއި ޒިންމާދާރު މުއައްސަސާތައް މެދުވެރިކޮށް ރާއްޖޭގެ ޤައުމީ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި، މޯލްޑިވްސް ޒަކާތު ހައުސް އުފެއްދެވުމާއި ޒަކާތުގެ ޤާނޫނު އެކުލަވާލެވިގެން ދިޔަކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ޒަކާތް އޭގެ ޙައްޤުވެރިންނަށް ފަސޭހަކަމާއި އިންޞާފުވެރިކަމާއެކު ފޯރުކޮށްދީ، އެމީހުންގެ ދިރިއުޅުމަށް މާނަހުރި ހެޔޮ ބަދަލެއް ގެނެސްދޭންޖެހޭ ކަމަށެވެ. އެގޮތުން، ޒަކާތުގެ ފައިސާއަކީ މާތް ﷲ ގެ ޙަޟްރަތުގައި އޮތް އަމާނާތަކާއި ޒިންމާއެއްކަމަށާއި ޒަކާތުގެ އިދާރީ ހިންގުމުގައި އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، ހަރުދަނާ ނިޒާމަކާއި، އިސްލާމީ އުޞޫލުތަކަށް ފުރިހަމައަށް ތަބާވުމުން މުހިންމުކަމަށް ވިދާޅުވިއެވެ. އަދި ޢާންމުންގެ އިތުބާރު ދެމެހެއްޓުމަށާއި ޒިންމާ ފުރިހަމައަށް އަދާކުރުމަށްޓަކައި ދެފުށްފެންނަ ގޮތަށް ކަންކަން ކުރުމާއި ޒިންމާދާރުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދިމާވާ ޢާންމު ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޢިލްމުވެރިންނާއި ޒަކާތާ ގުޅޭ މުއައްސަސާތަކުގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާތައް ޙިއްޞާކޮށް، ގުޅުން ބަދަހިކުރުމަށް ވަޒީރު ބާރުއެޅުއްވިއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމް މުޖުތަމަޢުތަކަށް ފައިދާކުރާނެ ޢަމަލީ ޙައްލުތަކެއް ހޯދުމަށާއި، ގުޅިގެން މަސައްކަތްކުރުމަށް ދެމެހެއްޓެނިވި ބައިނަލްއަޤްވާމީ ޕްލެޓްފޯމެއްގެ ގޮތުގައި 'އިންޒެކް' ކުރިއަރައިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު ޑރ. ޝަހީމްގެ ޚިޠާބުގައި ފަޤީރުކަން ނައްތާލުމަށާއި، އިޖުތިމާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށާއި، އެންމެ ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޒަކާތުގެ މަޤްޞަދުތައް ޙާޞިލުކުރުމުގައި އިންޒެކް އަކީ ކާމިޔާބު ކޮންފަރެންސަކަށް ވާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
"ޒަކާތުގެ ދާއިރާ ފުޅާ ކުރުމަށް ބައިނަލްއަގްވާމީ އެއްބާރުލުން މުހިންމު"
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed