ރާއްޖެއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ގުޅުމަކީ ގާތް، ރަހުމަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ސިޔާސީ، އިތުބާރު ހުރި ގުޅެއް ކަމަށާއި އެ އިތުބާރުގެ މައްޗަށް ބިނާކޮށް، ހުރިހާ ގޮތަކުން އިގްތިޞާދީ އެއްބާރުލުން ފުޅާކުރަންޖެހޭ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.

"ޗައިނާ - މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގައި ވާހަކަދައްކަވަމުން ސަފީރު ވަނީ ރާއްޖެއާއި ޗައިނާގެ ގުޅުން އައު ހަރުފަތަކަށް ގެންދަންޖެހޭކަން ފާހަގަކުރައްވާފައެވެ. މި ފޯރަމް މެދުވެރިކޮށް ރާއްޖޭގެ ފެހި، ނޫ އަދި ޑިޖިޓަލް އިޤްތިޞާދަށް ބިނާކުރަނިވި ތަރައްޤީގެނައުމަށް ބާރު އެޅިގެންދާނެ ކަމަށްވެސް ސަފީރު ފާހަގަކުރެއްވިއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވީ ސިނަމާލެ ބުރިޖުގެ ސަބަބުން ދިވެހީންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، އިގްތިޞާދީ ކުރިއެރުމަށް ބޮޑެތި އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށެވެ. އެ ކާމިޔާބު އެއްބާރުލުމުގެ މައްޗަށް ބިނާކޮށް، އެކުވެރިކަމުގެ އައު ހަރުފަތަކަށް ވާސިލްވުމަށް ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރަންޖެހޭ ކަމަށާއި ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާއި ވާން ނިންމާފައިވާ އެއްބަސްވުންތަކަކީ ދެ ޤައުމުގެ ލީޑަރުން ގެންގުޅުއްވާ ތަސައްވުރަށް ފުރުސަތު ފަހިވާނެ އެއްބަސްވުންތަކަށް ވާނެ ކަމަށް ވިދާޅުވިއެވެ.

އިންވެސްޓްމަންޓް ފޯރަމް ބިނާވެފައިވަނީ "އައު ކޮލިޓީ ޕްރޮޑަކްޓިވް ފޯސަސް" އަދި އޭގެ ސަބަބުން ފެހި، ނޫ އަދި ޑިޖިޓަލް އިގްތިޞާދަށް ގެނެވޭނެ ކުރިއެރުންތަކުގެ މައްޗަށްކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ އެއީ އިލްމީ އަދި ޓެކްނޮލޮޖީގެ އީޖާދުތަކުގެ ބޭނުން ހިފައިގެން ސިނާއަތްތައް ކުރިއެރުވުން ކަމަށެވެ. އެގޮތުން، އިއާދަކުރަނިވި ހަކަތައާއި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ސިނާއަތްތައް ތަރައްގީކުރުމާއި މިހާރު ހުރި ސިނާއަތްތައް ކުރިއެރުވުމުގައި އެންމެ ބޮޑަށް މަސައްކަތް ކުރަންޖެހޭނީ އީޖާދުތަކާއި ސިނާއަތުގެ ބޭނުންހިފައި، ބާޒާރުގެ ޑިމާންޑް އަދި ހުނަރުވެރިން އުފެއްދުމަށް އެއް މިސްރާބަކަށް ކަމަށް ވިދާޅުވިއެވެ.

"މީގެ ސަބަބުން ވަސީލަތްތަކުގެ ދަތިކަން އީޖާދީ ބާރަކަށް ބަދަލުކޮށް، ގޮންޖެހުންތައް ފުރުސަތުތަކަށް ހަދައި، ރަނގަޅު ދިރިއުޅުމަކަށް ރައްޔިތުން ކުރާ އުއްމީދުތައް ހަގީގަތަކަށް ހެދިދާނެ،" ސަފީރު ވިދާޅުވިއެވެ.

"ދެ ގައުމުގެ އިތުބާރުގެ މައްޗަށް ބިނާކޮށް އިގްތިސާދީ އެއްބާރުލުން ފުޅާކުރަންޖެހޭ"
"ދެ ގައުމުގެ އިތުބާރުގެ މައްޗަށް ބިނާކޮށް އިގްތިސާދީ އެއްބާރުލުން ފުޅާކުރަންޖެހޭ"

"ޗައިނާ - މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް"، ފޮޓޯ: ރައީސް އޮފީސް

ޗައިނާގެ އެކި ދާއިރާތައް ކުރިއަރާފައިވާގޮތްތަކަށް ރިއާޔަތްކުރައްވައި ސަފީރު ވަނީ ދަނޑުވެރިކަމާއި ހަކަތަ އާއި ދަތުރުފަތުރުގެ ދާއިރާއިން ރާއްޖެއަށް ކުރިއެރުންތައް ހާސިލް ކުރެވިދާނެކަން ފާހަގަކުރައްވާފައެވެ.

ސަފީރު ވިދާޅުވީ ކުރިމަގަށް ބަލާއިރު، ސިޔާސީ ގޮތުން ދެ ޤައުމުގެ ދެ މެދުގައި އުފެދިފައި އޮތް އިތުބާރުގެ މައްޗަށް ބިނާކޮށް، ހުރިހާ ދާއިރާއަކުން އިގްތިޞާދީ އެއްބާރުލުން ފުޅާކުރަންޖެހޭ ކަމަށެވެ. އެގޮތުން، ދެގައުމުގެ ތަރައްގީގެ އިސްތިރާޖުތައް އެއް މިސްރާބަކަށް ހަދައި، ސިޔާސަތުތަކާއި މުވާސަލާތު ވަރުގަދަކޮށް، ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކާއި، ޖަމިއްޔާތަކާއި ދިރާސާކުރާ މުއައްސަސާތަކުގެ މެދުގައި ގާތް ގުޅުމެއް އުފައްދަންޖެހޭކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަށު ފެންވަރުގައި ހުނަރުވެރިން އުފެއްދުމަށް އިންވެސްޓްކޮށް، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ޗައިނާގެ ސަފީރު ވިދާޅުވީ ޓެކްނޮލޮޖީއާއި އިންވެސްޓްމަންޓްގެ ދާއިރާއިން އެއްބާރުލުން ދިނުމަކީ ދެ ގައުމު ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމުގައި މުހިންމު ތަނބެއް ކަމަށެވެ. އަދި ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖައަށް ވާސިލްވުމަށް ރާއްޖޭން ގެންގުޅުއްވާ ތަސައްވުރު މީގެ ސަބަބުން ހާސިލް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.