އަހަރުގެ މިހާތަނަށް ރިސޯޓުތަކުގައި 1.2 މިލިޔަން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.މިއީ ރާއްޖެއައި ފަތުރުވެރިންގެ %74އެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން ރިސޯޓުތަކުގައި 1,282,773 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު 2ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓް ހައުސްތަކުގައެވެ.އެއީ 375,306 ފަތުރުވެރިންނެވެ. މިއީ މުޅި ޖުމުލަ ފަތުރުވެރިންގެ %21 އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ހޮޓާތަކުގެ 38,911 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، ސަފާރީތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދަކީ 33,281 އެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.

އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުތައް:
• ޗައިނާ: 328,058 ފަތުރުވެރިން
• ރަޝިއާ: 251,214 ފަތުރުވެރިން
• އިނގިރޭސިވިލާތް: 133,337 ފަތުރުވެރިން
• ޖަރުމަނުވިލާތް: 116,774 ފަތުރުވެރިން
• އިޓަލީވިލާތް: 104,140 ފަތުރުވެރިން
ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މިވަގުތު ރާއްޖޭގައި 1299 ތަނެއްވަނީ ހުޅުވާފައެވެ. މި ތަންތަނުން ފަތުރުވެރިކަމަށް ވަނީ 69,051 އެނދު ނެރެފައެވެ.
ރިސޯޓުތަކުގެ އިތުރުން ރަށްރަށުގެ ގެސްޓްހައުސްތަކަށްވެސް ފަތުރުވެރިންގެ ބޮޑު ތަރުޙީބެއް އަންނަނީ ދެމުންނެވެ. އެގޮތުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް ލޯކަލް ޓޫރިޒަމް ޚިޔާރުކުރަމުންދާއިރު، މިއީ ރަށްރަށުގެ އިޤްތިޞާދަށާއި އާންމު ފަރުދުންގެ އާމްދަނީއަށް ވެސް ބޮޑު ކުރިއެރުމެއް ލިބެމުންދާ ކަމެކެވެ.