އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމައަށް އެމެރިކާ އަސްކަރިއްޔާއިން މިހާތަނަށް 47 ބިލިޔަން އެމެރިކާ ޑޮލަރަށް ވުރެ ގިނައިން ހޭދަކޮށްފައިވާ ކަން ޕެންޓަގަންގެ ހިސާބުތަކުން ދައްކައިފިއެވެ. މިއީ، ޖުލައި މަހު ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ލަފާކުރެއްވި 37.5 ބިލިޔަން ޑޮލަރަށް ވުރެ %25 އިތުރު ޢަދަދެކެވެ. މި މަޢުލޫމާތާ ގުޅޭގޮތުން ޕެންޓަގަނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ފެބުރުވަރީ މަހު ރައީސް ޑޮނަލްޑް ޓްރަމްޕް ޔަހޫދީންނާ ގުޅިގެން މި ހަނގުރާމަ ފެށްޓެވީ ކުރު މުއްދަތަކަށް ދެމިގެންދާނެ ކަމަށް ބައްލަވައިގެންނެވެ. ނަމަވެސް، އެޕްރީލު މަހު ވީ ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުމާއެކު، ބިމުގެ އަޑީގައި ރައްކާކޮށްފައިވާ މިސައިލްތަކާއި ޑްރޯންތައް އަލުން ނެރެ ދިފާޢީ ބާރުތައް ވަރުގަދަކުރަން އީރާނަށް ވަގުތު ލިބުނު ކަމުގައި އެމެރިކާއިން ތުހުމަތު ކުރެއެވެ.

މި ހަނގުރާމައިގެ ޚަރަދުތަކުގެ ބޮޑުބައި އޮޕަރޭޝަންތަކަށް ހޭދަވިއިރު، ބޭނުންކޮށްފައިވާ ހަތިޔާރު އަލުން ހޯދުމަށް އެކަނިވެސް 29 ބިލިޔަން ޑޮލަރަށް ވުރެ ގިނައިން ބޭނުންވެއެވެ. އަދި، ހަލާކުވި އަސްކަރީ ސާމާނާއި އީރާނުން ވައްޓައިލި ގިނަ ޑްރޯންތަކާއި މަތިންދާބޯޓުތައް ހިމެނޭހެން "ޕްލެޓްފޯމް ލޮސް" ގެ ގޮތުގައި 6 ބިލިޔަން ޑޮލަރު ހޭދަވާނެއެވެ. ވައިގެ އޮޕަރޭޝަންތަކުން ފެށިގެން ސައިބަރ އެހީތެރިކަމާ ހަމައަށް ހިނގި ޚަރަދުތައް މި ހިސާބުގައި ހިމެނު ނަމަވެސް، އީރާނުގެ މިސައިލާއި ޑްރޯން ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ލިބުނު ބޮޑެތި ގެއްލުންތައް މަރާމާތުކުރަން ހިނގާނެ ޚަރަދު މި އަންދާޒާގައި ސާފުކޮށް ހިމަނާފައެއް ނުވެއެވެ.

އީރާނުގެ ތެލުގެ އާމްދަނީ ހުއްޓުވުމަށް ޓްރަމްޕް މިހާރު ވަނީ ކަނޑުމަގުން ޙިޞާރު އަޅުއްވާފައެވެ. ދުނިޔޭގެ ހަކަތައިގެ އަގުތައް އުފުލުމުގެ ސަބަބުން، ކުރިއަށް އޮތް ދެ އަހަރަށް ކޮންގްރެސްގެ ފުރިހަމަ ބާރު ކަނޑައަޅާ ނޮވެންބަރު 3 ގެ އިންތިޚާބާ ދިމާކޮށް ރިޕަބްލިކަން ޕާޓީއަށާއި ޓްރަމްޕަށް އޮތް ތާއީދު ވަނީ ދަށަށް ގޮސްފައެވެ. އެމެރިކާގެ މަޞްދަރުތަކުން ބުނީ، އަމުރެއް ލިބިއްޖެނަމަ އިންތިޚާބަށްފަހު ވަރުގަދަ ހަނގުރާމައެއް އަލުން ފެށުމަށް ޕެންޓަގަނުން މިހާރު ވެސް ތައްޔާރުވަމުންދާ ކަމުގައެވެ.