2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރުގައި ބައިވެރިވުމަށް ޗައިނާގެ އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ.

އެމަނިކުފާނު މި ދައުވަތު ދެއްވީ "ޗައިނާ- މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ ތަރައްގީގައި ޗައިނާއަކީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޖެއާއި ޗައިނާގެ ގުޅުން މިންކުރެވިގެންދަނީ ދެ ޤައުމުން އުފައްދާ ފުރުސަތުތަކާއި ގުޅިގެން ބިނާ ކުރާ މުސްތަގުބަލުގެ މައްޗަށް ކަމަށެވެ. އެގޮތުން، ދެ ޤައުމުގެ ދެމެދުގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދެ ޤައުމުގެ އިގްތިސާދީ ގުޅުމުގައި ހާސިލް ކުރެވުނު މުހިންމު ކާމިޔާބީއެއް ކަަމަށާއި މި އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަގުވާމީ މާކެޓުގައި ފުރުސަތުތައް ފަހިވެފައިވާކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ އޯގަސްޓް މަހާ ހަމައަށް 440 މިލިޔަން ޑޮލަރުގެ މުދާ ޗައިނާއިން ރާއްޖެއަށް ވަނީ އެތެރެކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 124 މިލިޔަނެއްހާ ޑޮލަރަކީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެތެރެކުރި މުދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެ ޤައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާކޮށް މުޅި މުޖުތަމަޢަށް އޭގެ ފައިދާވާނެހެން ބިނާކުރަންޖެހޭ ކަމަށެވެ. އެގޮތުން، މަހުގެ ބާވަތްތަކާއި ދިވެހިންގެ އުފެއްދުންތަކަށް ޗައިނާގެ މާކެޓުތަކުގައި ފުރުސަތު އެބަހުރިކަން ފާހަގަކުރައްވައި ރާއްޖޭގެ ވިޔަފާރިވެރިންނާ ގުޅިގެން މަސައްކަތް ކުރުމަށް ޗައިނާގެ އިންވެސްޓަރުންނަށް އެމަނިކުފާނު ދައުވަތު ދެއްވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ވިޔަފާރިތައް ހަމައެކަނި ބައިނަލްއަގުވާމީ މާކެޓުގައި ބައިވެރިވުމެއް ނޫން. ބޭނުންވަނީ އެ މާކެޓުގައި ވާދަކޮށް ކާމިޔާބު ބަޔަކަށްވާން. މި ކަމުގައި ޗައިނާއަށް މުހިންމު ބައިވެރިއަކަށް ވެވިދާނެ،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ސަރުކާރުގެ 2040ގެ ތަސައްވުރުގައި ބައިވެރިވުމަށް ޗައިނާގެ އިންވެސްޓަރުންނަށް ރައީސްގެ ދައުވަތު
ސަރުކާރުގެ 2040ގެ ތަސައްވުރުގައި ބައިވެރިވުމަށް ޗައިނާގެ އިންވެސްޓަރުންނަށް ރައީސްގެ ދައުވަތު

"ޗައިނާ- މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް"ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަދައްކަވަނީ/ ފޮޓޯ:ރައީސް އޮފީސް

ޓެކްނޮލޮޖީން އިތުރު ފުރުސަތުތައް ހުޅުވާލަމުން އަންނަކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ މޯލްޑިވްސް 2.0 ތަސައްވުރުގެ ދަށުން ހަރުދަނާ ޑިޖިޓަލް އިގްތިސާދަށް ބިނާކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން، އަލިޕޭ އަދި ވީޗެޓްޕޭ ފަދަ މަންސަތައް މެދުވެރިކޮށް ފަތުރުވެރިންނަށް ޚަރަދުކުރަން ފަސޭހަވެ، ދިވެހި ވިޔަފާރިތައް ފުޅާ ކުރުމަށް ފުރުސަތުތައް ފަހިވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ޑިޖިޓަލް ޓްރާސްފޯމޭޝަނަކީ ވިޔަފާރިތައް ބާރުވެރިކުރުވައި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ ޖިއޯގްރަފީގޮތުން ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ހުރި ފުރުސަތެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި 2040ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހާސިލް ކުރެވޭނީ އިގްތިސާދު ސިންދަފާތުކޮށް އެކުގައި މަސައްކަތް ކުރާނެ އިންވެސްޓަރުންނާ ގުޅުން ބަދަހިކުރެވިގެން ކަމަށް ވިދާޅުވިއެވެ. ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ފުރުސަތުތައް ފަހިވެ، ދެ ފުށް ފެންނަ ގޮތެއްގައި މަސައްކަތް ކުރެވި އިތުބާރު ބޮޑުވެގެންގޮސްފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޗައިނާގެ ތަޖުރިބާގެ ސަބަބުން އެ ޤައުމަކީ ރާއްޖޭގެ ތަސައްވުރު ހާސިލްކުރުމަށް މުހިންމު ރޯލެއް އަދާކުރެވިދާނެ ބައިވެރިއެއް ކަމަށެވެ. އެގޮތުން، އެ ޤައުމުގެ އެހީތެރިކަމާއެކު މިހާތަނަށް ހިންގާފައިވާ މަޝްރޫއުތަކުގެ ސަބަބުން ޤައުމުގެ ރައްޔިތުންނަށް ގިނަ ފައިިދާތަކެެއް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

"ޗައިނާ- މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" އަށް އިޝާރާތްކުރައްވައި ރައީސުލްޖުމްޙޫރިއްޔާ ވަނީ އައު ނަޒަރަކުން ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތަކާމެދު ވިސްނުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ރާއްޖެގެ ހުރި ފުރުސަތުތައް ބަލައި ތަޖުރިބާއާއި ޚިޔާލާއި އިނޮވޭޝަނާއެކު ރާއްޖޭގެ 2040 ގެ ތަސައްވުރުގެ ބައިވެރިއަކަށްވުމަށް އިންވެސްޓަރުންނަށް އެމަނިކުފާނު ދައުވަތު ދެއްވިއެވެ.