ޔަހޫދީންގެ ބަރުލަމާނީ އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ސާފު އަޣުލަބިއްޔަތު ލިބިފައި ނުވާ ކަން، ވޯޓުލުމަށްފަހު ނެގި އެގްޒިޓް ޕޯލްތަކުން ދައްކައިފިއެވެ. ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފެކްޝަނަށާއި، އޭނާއާ އެންމެ ވާދަވެރި އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ގާދީ އައިޒެންކޮޓްގެ އިއްތިޙާދަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑިއެވެ. ޖުމުލަ 120 ގޮނޑި ހިމެނޭ މަޖިލީހުގައި ސަރުކާރެއް އެކުލަވައިލުމަށް 61 ގޮނޑި ބޭނުންވާއިރު، 18 ގޮނޑި ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ޢަރަބި ޕާޓީތަކަށް ވަނީ ސިޔާސީ ބޮޑު ބާރެއް ލިބިފައެވެ. ނަމަވެސް، ވިސްނުން އެއްގޮތް ނުވުމުގެ ސަބަބުން އެ ޕާޓީތަކާއެކު ގުޅިގެން ވެރިކަން ނުކުރާނެ ކަމުގައި އަނިޔާވެރި ނަތަންޔާހޫއާއި އައިޒެންކޮޓް ވެސް ވަނީ ބުނެފައެވެ.

މި އިންތިޚާބަކީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގައި ޙަމާސްއިން ދިން ޖިހާދީ ހަމަލާތަކާއި، ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމާއި، ލުބުނާން އަދި އީރާނަށް ދެމުންދާ ހަމަލާތަކާ މެދު ނަތަންޔާހޫ ގެންގުޅޭ ހައްދުފަހަނައެޅި ސިޔާސަތުތަކަށް ރައްޔިތުން ދިން ފެންނަ ނުފެންނަ ވޯޓެކެވެ. އިދިކޮޅު ލީޑަރު ޔާއިރް ލަޕީދް ބުނީ، މިއީ ނަތަންޔާހޫއަށް ލިބުނު ބޮޑު ނާކާމިޔާބީއެއް ކަމަށާއި ރައްޔިތުން ވަނީ އޭނާއަށް "ގެއަށް ދާން" އަންގާފައި ކަމުގައެވެ. ނަމަވެސް، ލިކޫދު ޕާޓީގެ ޚާރިޖީ ވަޒީރު ގިދްޢޯން ސާރް ބުނީ، އިދިކޮޅުގެ އުފާފާޅުކުރުންތަކަކީ އަވަސް އަރުވާލުމެއް ކަމަށާއި، "ލިކޫދަކީ އަދިވެސް އެންމެ ބޮޑު ޕާޓީ" ކަމުގައެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 7.33 މިލިޔަން މީހުންގެ ތެރެއިން %77.7 މީހުން ވަނީ ވޯޓުލާފައެވެ. މިއީ، 1999 ވަނަ އަހަރުގެ ފަހުން އެންމެ ގިނަ ޢަދަދަކަށް މީހުން ވޯޓުލާން ނުކުތް ފަހަރެވެ. ވަކި ކޮޅަކަށް ނުނިމޭ މި ނަތީޖާގެ ސަބަބުން، އިއްތިޙާދެއް އެކުލަވައިލުމުގެ މަޝްވަރާތައް ކުރިއަށްދާ މުއްދަތުގައި ވަގުތީ ބޮޑުވަޒީރެއްގެ ގޮތުގައި ނަތަންޔާހޫ ދެމިހުރުމުގެ ފުރުޞަތު އެބައޮތެވެ. އޭގެ މާނައަކީ، ޣައްޒާ ޤަތުލުޢާންމުގެ އިތުރުން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ވަގުތުން ނިމުމެއް ނާންނާނެ ކަމެވެ. ފަލަސްޠީނުގެ ސިޔާސީ ދާރިސް އީހާބް ޖަބާރީން ވިދާޅުވީ، ދެ ފަރާތަށް ވެސް ސަރުކާރެއް އެކުލަވައިލުމުގައި ކުރިމަތިވާނީ އުނދަގޫ މަސައްކަތްތަކެއް ކަމުގައެވެ.