ހއ. ބާރަށު ވަށައިގެން އޮންނަ ބޮޑު މަގަކަކީ މީގެ 18 ވަރަކަށް އަހަރު ކުރިން ސާފުކޮށް ވެލި މަގެއްހެން ހަދާފައިވާ މަގެކެވެ. އެއީ ގާތްގަނޑަކަށް 2 ކިލޯމީޓަރުގެ ދިގު މަގެކެވެ.
ވެލި މަގެއްގެ ގޮތުގައި އޮތް މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް އެރަށުގެ ރައްޔިތުންގެ އެދުމަކަށް ވަނީ ނިންމާފައެވެ. މި މަސައްކަތް ކުރުމަށް މިއަހަރުގެ ކުރީކޮޅު ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށްފައެވެ.
ބާރަށަކީ 1000އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެ ރަށަކީ ބިމުގެ ގޮތުން ބޮޑު ރަށެކެވެ. ރަށް ވަށައިގެން އޮންނަ ބޮޑު މަގު ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 3 އަހަރާއި 5 މަސްދުވަހުން މަސައްކަތް ނިންމާގޮތަށެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ބާރަށު ކައުންސިލުގެ ރައީސް އަލީ ޝަމީމް ވިދާޅުވީ އެ ރަށް ވަށައިގެން އޮތް މަގަކީ 2008 ވަނަ އަހަރު ސާފުކޮށް އާންމުންނަށް ދަތުރު ކުރެވޭނެހެން ހަދާފައިވާ މަގެއްކަމަށެވެ. އަދި އާރްޑީސީއާއި އެމްޓީސީސީ އެއްކޮށްލުމުން އެ މަގު ތަރައްޤީކުރުމުގެ މަސައްކަތް ދެން ކުރާނީ އެމްޓީސީސީންކަން ޝަމީމް ފާޙަގަކުރެއްވިއެވެ.
ޝަމީމް ވިދާޅުވީ މަގުގެ މަސައްކަތް ފެށުމަށްޓަކައި ކާސްޓިންގެ މަސައްކަތް ކުރުމަށް އެރަށުން ވަކި ސަރަޙައްދެއް އެމްޓީސީސީއަށް ހަމަޖައްސާފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް މަސައްކަތް ފެށޭނެކަމަށްވެސް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
"މިމަގު އޮންނަނީ ކަނޑުފާއާ ވަރަށް ކައިރިގައި. ރައްޔިތުން ބޭނުންވަނީ މިމަގު ތަރައްޤީކުރުމަށް. މިކަން ރައީސްއަށް ދެންނެވުމުން ، މި މަސައްކަތް ކުރެވޭނެކަމަށް ވިދާޅުވި." ބާރަށު ކައުންސިލުގެ ރައީސް އަލީ ޝަމީމް ވިދާޅުވިއެވެ.

އަލީ ޝަމީމް ވިދާޅުވީ ރަށް ވަށައިގެން އޮންނަ ބޮޑު މަގު ތަރައްޤީކުރުމުގެ އިތުރުން އެރަށުގައި ފަހުން މީހުން އާބާދުވި ސަރަޙައްދުގެ މަގުތައްވެސް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ގޯތިތަކަށް ވަދެ ނުކުތުމަށް އޮންނަ ގޯޅިތަކާއި މަގުތައް ސާފުކޮށް ވެލި އަޅައިގެން ދަނީ ހަދަމުންނެވެ.
މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މަގަކަކީ ކައުންސިލުން ތަރައްޤީކުރާ 1 ކިލޯމީޓަރުގެ ދިގު މަގެވެ. އެ މަގު ސާފުކޮށް މަގަށް ވެލިއެޅުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އެ މަގުގެ %70 މަސައްކަތް ވަނީ ނިންމާލާފައެވެ.
ރަށުގެ ވަށައިގެން އޮންނަ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުން އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން ބާރަށު ކައުންސިލުންވެސް ފާހަގަކުރައްވައެވެ.

