މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް 2026 ފަށައިފިއެވެ. މިއީ މި ކޮންފަރެންސް ބާއްވާ 3 ވަނަ އަހަރެވެ.

އިިންތަރނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކްއަކީ، މާލީ އަދި އިޖުތިމާޢީ ނާޒުކު ޙާލަތްތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކާއި، ވިލުންވެރި މުޖުތަމަޢުތަކެއް ބިނާކުރުމުގައި ޒަކާތުގެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، އިޤުތިޞާދީ މާހިރުންނާއި، ޒަކާތުގެ ކަންކަން ބަލަހައްޓާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، މާލީ އިދާރާތަކާއި، މަދަނީ ޖަމްޢިއްޔާތަކުގެ މަންދޫބުންގެ އިތުރުން ކަމާއި ގުޅުންހުރި އެހެނިހެން ފަރާތްތައް އެއްތަނަކުން ބައްދަލުވެ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދާނެއެވެ.

މި އަހަރުގެ ކޮންފަރެންސްގެ ޝިޢާރަކީ "ރެޒިލިއަންޓް ފައުންޑޭޝަންސް: ޑިސައިފަރިންގ ވަލްނަރަބިލިޓީ، އިކޮނޮމިކް އިމްޕެކްޓް، އެންޑް ކޮލާބޮރޭޓިވް ސޭފްޓީ ނެޓްސް އިން މޮޑަން ސޮސައިޓީޒް"އެވެ. އެގޮތުން، ޒަމާނީ މުޖުތަމަޢުގައި ފަގީރުކަން ދިމާވާ ސަބަބުތަކާއި ސިފަތަކަށް ބަލައި، މުއައްސަސާތަކާއި ޒަކާތު ހައުސްއާއި ޕްރައިވެޓް ސެކްޓަރ އަދި ސިވިލް ސޮސައިޓީތައް ގުޅިގެން އެކަމަށް ގެނެވޭނެ ހައްލުތަކާބެހޭގޮތުން މިއަހަރުގެ ކޮންފަރެންސްގައި މަޝްވަރާ ކުރާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވެއެވެ.

މި ކޮންފަރެންސްގައި ކީނޯޓް އެޑްރެސްތަކާއި، އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވާ ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެއެވެ. އެގޮތުން ޒަކާތުގެ ދާއިރާގައި ފާހަގަކޮށްލެވޭ 3 ބޭފުޅުން ކީނޯޓް ސްޕީޗް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ސެންޓަރ އޮފް އެކްސެލެންސް އިސްލާމިކް ސޯޝަލް ފައިނޭންސް، އިންސިފް ޔުނިވަރސިޓީގެ ޑައިރެކްޓަރ ޕްރޮފެސަރ އާމިރު ބުނު ޝަހުރުއްދީނާއި މެލޭޝިއާގެ ސައިންސް އިސްލާމް ޔުނިވަރސިޓީގެ އިސްލާމިކް ސޯޝަލް ފައިނޭންސް އެންޑް ވެލްތު މެނޭޖްމަންޓް އިންސްޓިޓިއުޓްގެ އެސޯސިއޭޓް ޕްރޮފެސަރ ޑރ. ފުއާދާ ބިންތި ޖައުހަރީގެ އިތުރުން މެލޭޝިއާގައި ޒަކާތުގެ ދާއިރާގައި ކުރިއަރާފައިވާ ކެޑާ ސްޓޭޓްގެ ޒަކާތު ބޯޑުގެ ޑެޕިއުޓީ ޗީފް ޑިސްޓްރިބިއުޝަން އޮފިސަރ ޔޫސުފް ބިން އަހުމަދެވެ.

ކޮންފަރެންސްގައި މަޝްވަރާކުރެވޭނެ މައުޟޫޢުތަކުގެ ތެރޭގައި ގޭބިސީތަކުގެ ނާޒުކު ޙާލަތަށް އަންނަމުންދާ ބަދަލުތަކާއި، މާލީ ދަތިކަމުގެ ސަބަބުން ކުރާ އިޤުތިޞާދީ އަސަރުތަކާއި، އެކި ދާއިރާތަކުގެ މެދުގައި މަޢުލޫމާތު ޙިއްޞާކުރުމާއި، ގުޅިފައިވާ ރައްކާތެރިކަމުގެ ނިޒާމުތަކުގެ އިތުރުން ނާޒުކު ޙާލަތްތަކުގައިވާ ޢާއިލާތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ މާލީ މިނިވަންކަން ލިބިފައިވާ ބަޔަކަށް ހެދުމަށް ބޭރު ޤައުމުތަކުގައި ބޭނުންކުރާ މޮޑެލްތައް ފަދަ މައުޟޫޢުތައް ހިމެނެއެވެ.

ތިންވަނަ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް ފަށައިފި
ތިންވަނަ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް ފަށައިފި

ތިންވަނަ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް ފެށުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޒަކާތު ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު އައްބާސް ވިދާޅުވީ ޒަމާނާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެ، ފަގީރުކަމުގެ މާނަ އާއި އެކި އާއިލާތައް ފަގީރުކަމަށް ވެއްޓޭގޮތްތައް ތަފާތުވެފައިވާ ކަމަށެވެ. އަދި މާލީ ގޮތުން ކުރިމަތިވާ އެކި ގޮންޖެހުންތަކުގެ އަސަރު އާމްދަނީގެ ގޮތުން މެދުފަންތީގެ އާއިލާތަކަށް ވަރަށް ބޮޑަށް ކުރާކަން ފާހަގަކުރެއްވިއެވެ.

"ބައިނަލްއަގުވާމީ އެކި ތަޖުރިބާތަކަށް ބަލައި، ފަގީރުކަން ނައްތާލުމުގެ އެކި ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ފަގީރުކަން ނައްތާލުމަށް ބޭނުންކުރެވިދާނެ ގޮތްތައް ބަލައި ދީނީ ޢިލްމުވެރިންނާއި ޕޮލިސީ މޭކަރުންނާއި އަދި ޒަކާތުގެ އެޑްމިނިސްޓްރޭޓަރުންނާއި އަދި އެ ނޫންވެސް ކަމާބެހޭ މާހިރުން އިރާދަކުރެއްވިއްޔާ ވަރަށް ޝައުގުވެރި، ޢިލްމީ މައުލޫމާތުތަކެއް ފޯރުކޮށްދެމުން ދާނެ،" އިމްތިޠާއު ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ޒަކާތު ހައުސްގެ އިސްތިރާޖީ ޕްލޭންވެސް ވަނީ ރަސްމީކޮށް ތަޢާރަފުކޮށްފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕްލޭން ތަޢާރަފުކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާއެވެ.

ޒަކާތުގެ ދާއިރާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ޒަކާތުގެ ފުރަތަމަ ޤާނޫނު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ތަސްދީޤު ކުރައްވާފައެވެ. އަދި ޒަކާތުގެ މަސައްކަތްތައް ފުޅާކުރުމަށް، ޒަކާތު ހައުސްވެސް ވަނީ އުފައްދަވާފައެވެ.

ޒަކާތު ފަންޑަކީ ބޭސްފަރުވާއާއި ތަޢުލީމާއި އަދި މީނުންވެސް މުހިންމު ގިނަ ދާއިރާތަކަކުން، އެކަމަށް ބޭނުންޖެހިފައިވާ އާއިލާތަކާއި މީހުންނަށް ބޮޑެތި އެހީތަކެއްވަމުންދާ ފަންޑެކެވެ.