އިންޑޮނީޝިއާގައި ރާއްޖޭގެ ސީނިއަރ ޤައުމީ ޓީމުން ކުރިއަށް ގެންދާ ތަމްރީނު ކޭމްޕުގެ ތެރެއިން ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފިއެވެ.
އިންޑޮނީޝިއާގެ ޔޮގްޔަކާޓާގައި ކުރިއަށްދާ މި ކޭމްޕުގެ ތެރެއިން ޓީމުގެ ފަރިތަކުރުންތައް ބާއްވަނީ “ޔޮގްޔަކާޓާ އިންޑެޕެންޑެންޓް ސްކޫލު”
ގެ ފުޓުބޯޅަ ފީލްޑުގައެވެ.

މިއަދުގެ ފަރިތަކުރުންތަކުގައި ބައިވެރިވީ ޖުމްލަ 23 ކުޅުންތެރިންނެވެ. އެއީ 3 ކީޕަރުން ހިމަނައިގެންނެވެ.
މި ކޭމްޕުގައި ޖުމްލަ 24 ކުޅުންތެރިން ބައިވެރިވާނެއެވެ. އެހެންނަމަވެސް އާއިލީ ސަބަބުތަކާ ހެދި ޓީމާއިއެކު ކޭމްޕަށް ނުފުރުނު އޮޑި ސްޕޯޓްސް ކުލަބުގެ އަޙްމަދު އައިހަމް ޓިމާ ގުޅޭނީ ބުރާސްފަތި ދުވަހުއެވެ.
ޓީމުގައި އަނިޔާގެ ސަބަބުން މުހިންމު ބައެއް ކުޅުންތެރިން ނުހިމެނޭއިރު، ކޮންމެވެސް ވަރެއްގެ އަނިޔާއެއް ތަހައްމަލުކުރަމުންދާ އަޙްމަދު މައިޝް ރަޝީދު އާއި ހުސެއިން ސިފާއު ޔޫސުފް ކުރިއަށް ގެންދިޔައީ ލުއި ފަރިތަކުރުންތަކެކެވެ.

ހަންގޭރީގެ އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ރާއްޖޭގެ ޤައުމީ ޓީމުން އިންޑޮނީޝިއާގައި ކުރިއަށް ގެންދާ މި ތަމްރީނު ކޭމްޕުގެ ތެރެއިން އެކުވެރިކަމުގެ ދެ މެޗު ކުޅުމަށްހަމަޖެހިފައި ވެއެވެ.
ކޭމްޕު ނިންމައި ޓީމު އެނބުރި ރާއްޖެ އަންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.