2022 ވަނަ އަހަރު ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލާގައި ގައުމީ ޓީމުން ސަސްޕެންޑްކޮށްފައި ތިބި ޝަކާ އާއި އެމްބޯލޯ އަށް ގައުމީ ޓީމުން އަލުން ފުރުޞަތު ދޭން ނިންމައިފިއެވެ.

އެމައްސަލާގައި ސްވިޒަލޭންޑް އެންމެ ފަހުން ޔުއެފާ ނޭޝަންސް ލީގުގައި ކުޅުނު ތިން މެޗުގައިވެސް އެ ދެކުޅުންތެރިންނަށް ފުރުޞަތެއް ނުދެއެވެ. އެއީ ސްކޮޓްލެންޑާއި, ނޯޔް މެސެޑޯނިއާ އާއި ސްލޮވީނިއާއާ ދެކޮޅަށް އޮކްޓޯބަރު މަހު ކުޅުނު ތިން މެޗެވެ.

ސްވިޒަލޭންޑް ކެޕްޓަން ޝަކާގެ އިތުރުން 29 އަހަރުގެ އެމްބޯލޯ އަށްވެސް އަދަބު ދިނީ ސެޕްޓެމްބަރު މަހުއެވެ. އެކަމަކު 34 އަހަރުގެ ޝަކާ އާއި އެމްބޯލޯ އަށްވެސް އަލުން ފުރުޞަތު ދޭން ނިންމިކަން ސްވިޒަލޭންޑް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ. ނޮވެމްބަރު މަހު ސްލޮވީނިޔާ އާއި ސްކޮޓްލެންޑާ ދެކޮޅަށް ކުޅެން އެކުލަވާލާ ސްކޮޑުން ކޯޗު ޔާކިން އެ ދެކުޅުންތެރިންނަށް ވެސް ފުރުޞަތު ދޭނެއެވެ.

ސްވިޒަލޭންޑް ގައުމީ ޓީމްގެ ޑައިރެކްޓަރ ޕިއާލުއިޖީ ޓާމީ ވިދާޅުވީ ހުރިހާ ވިސްނުމަކުން ވިސްނާއިރު އެ ކުޅުންތެރިންނަށް އަލުން ފުރުޞަތު ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެއީ ޒިންމާދާރު ރަނގަޅު ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު އެ ދެކުޅުންތެރިން ވެސް ވަނީ 136,000 ޕައުންޑުން ޖޫރިމަނާ ކޮށްފައެވެ. ކެޕްޓަން ޝަކާ ވަނީ އޭނާގެ އަމަލު ގަބޫލުކޮށްފައެވެ. އޭނާ އަށް އަލުން ކެޕްޓަން ބޭންޑް ދިނުމުގެ އިހުތިޔާރު އޮތީ ކޯޗުގެ އަތްމަތީގައެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ސްވިޒަލޭންޑް އޮތީ ގްރޫޕް އީގެ އެއްވަނައިގައެވެ.