މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް އިތުރު ފުރުސަތު އެކުލަބުގެ ބޯޑުން ދީފިއެވެ.

މި ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑަށް އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާއިރު އެންމެ ފަހުން އެ ޓީމު ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިޓަލީގެ ކޯމޯ އަތުން ބަލިވެފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ބޯންމަތު އަތުންވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

އަންނަ ހޮނިހިރު ދުވަހު ޗެލްސީ އާއި ދެކޮޅަށް ސްޓެމްފަޑް ބްރިޖުގައި ކުޅޭ މެޗަށް ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ތައްޔާރުވަމުންދާއިރު, ހުރިހާ މުބާރާތެއްގައި އެ ޓީމު އެންމެ ފަހުން ކުޅުނު 8 މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.

އިނގިރޭސި މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ބޯޑުން ވަނީ ކެރިކްގެ ބަދަލުގައި އެ ޓީމުގެ ކޯޗުކަން ހަވާލުކުރާނެ ފަރާތްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން ކެރިކަށްފަހު ޔުނައިޓެޑްގެ ކޯޗު ކަމާއި ހަވާލުވުން އެންމެ ކައިރީ ނިއުކާސަލް ޔުނައިޓެޑްގެ ކުރީގެ ކޯޗު އެޑީ ހޯވޭ އަދި ޖަރުމަނުގެ ކުރީގެ ކޯޗު ޖޫލިއަން ނާގެލްސްމަނެވެ.

ކެރިކްގެ މުސްތަގުބަލާމެދު އެ ކުލަބުގެ ބޯޑު ގޮތެއް ނިންމާނީ ޗެލްސީ އާއި ދެކޮޅަށް ހަފްތާ ބަންދުގައި ޔުނައިޓެޑް ކުޅޭ މެޗުން ނިކުންނަ ނަތީޖާއަކަށް ބެލުމަށްފަހުގައެވެ.

މައިކަލް ކެރިކް ޔުނައިޓެޑްގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ މިދިޔަ ޖެނުއަރީ މަހު އޭރު ޔުނައިޓެޑްގެ ކޯޗަކަށް ހުރި ޕޯޗުގަލްގެ ރުބެން އަމޮރިމް އެ މަގާމުން ވަކިކުރުމަށްފަހު ވަގުތީ ކޯޗެއްގެ ގޮތުގައެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމާއިއެކު ޔުނައިޓެޑުން ވަނީ ކެރިކަށް ދާއިމީ އެއްބަސްވުމެއް ދީފައެވެ.