ސަޢުދީ ޢަރަބިއްޔާގެ ރައުސު ތަނޫރާ ތެޔޮ ރިފައިނަރީއަށް ހަމަލާ ދީފައިވާ ކަމަށް ޔަމަނުގެ ޙޫޘީން ބުނެފިއެވެ.

ރައުސު ތަނޫރާ ތެޔޮ ރިފައިނަރީއަކީ ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑު ތެޔޮ ރިފައިނަރީއެވެ. ޙޫޘީން ބުނީ އެ ރިފައިނަރީއަށް ދީފައިވަނީ ބެލިސްޓިކް މިސައިލް ހަމަލާއެއް ކަމަށެވެ. އެނގިފައިވާ ގޮތުގައި ރައުސު ތަނޫރާގެ ޓާމިނަލެއްގައި ރޯވެފައިވާ އަލިފާންގަނޑެއް އިތުރަށް ފެތުރުން ސަޢުދީ ޢަރަބިއްޔާއިން މިހާރު ވަނީ ހުއްޓުވައިފައެވެ. ބެލެވޭ ގޮތުގައި މިއީ ހަމަލާއާ ގުޅުންހުރި އަލިފާންގަނޑެކެވެ.

އޭގެ އިތުރުން ސަޢުދީ ޢަރަބިއްޔާގެ އަސްކަރީ މަތިންދާ ބޯޓަކަށް ހަމަލާ ދީފައިވާ ކަމަށާއި، ބާބުލް މަންދީބުގައި ޙޫޘީންނަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއް ހުއްޓުވާފައިވާ ކަމަށް އެ ޖަމާޢަތުން ބުނެއެވެ.

ސަޢުދީ ޢަރަބިއްޔާއާއި ޔަމަންއާ ދެެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން ތެލުގެ ސަޕްލައިއަށް އިތުރަށް ލޮޅުން އަރައި، މެދުއިރުމަތީގެ ހަނގުރާމަ ވެސް ހިނގަމުންދާ މި ދަނޑިވަޅުގައި ސަރަޙައްދީ ހަމަނުޖެހުމަށް އޮތް ނުރައްކާ ވަނީ އިތުރުވެފައެވެ.

ސަޢުދީ ޢަރަބިއްޔާގެ ތެލުގެ އެކްސްޕޯޓު އެ ޤައުމުން ބޭރުކުރަނީ މައި ދެ ބަނދަރަކުންނެވެ. އެއީ ގަލްފުގެ ސަރަޙައްދުން ރައުސު ތަނޫރާއާއި ރަތް ކަނޑުގެ ސަރަޙައްދުން ޔަންބޫ ބަނދަރުންނެވެ. ދެ ބަނދަރަށް ވެސް ޙޫޘީން މީގެ ކުރިން ހަމަލާ ދީފައިވެއެވެ.

ޙޫޘީން ވަނީ ސަޢުދީ ޢަރަބިއްޔާގެ ނަޖްރާން ވައިގެ ބަނދަރުގައި އޮތް ދެ އަސްކަރީ ޖެޓަކަށާއި ޚާމިސް މުޝައިތުގެ ވައިގެ އަސްކަރީ މަރުކަޒަކަށް ހަަމަލާ ދީފައިވާ ކަމަށް ވެސް ބުނެފައެވެ. ނަމަވެސް ސަޢުދީ ޢަރަބިއްޔާއިން އެ ހަމަލާތައް ދީފައިވާ ކަން މިހާތަނަށް ކަށަވަރުކޮށްދީފައެއެއް ނުވެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ މަދަނީ ދިފާޢުއާ ބެހޭ އިދާރާއިން ވަނީ ވައިގެ ހަމަލާއެއް އަމާޒުވަމުންދާ ކަމުގެ އިންޒާރުދޭ އެލާޓެއް ރިޔާޟުގައި ނެރެފައެވެ. ރިޔާޟަށް އަމާޒުކޮށް ހޫޘީން ފޮނުވާފައިވާ ދެ ބެލިސްޓިކް މިސައިލް ސަޢުދީ ޢަރަބިއްޔާއިން ވަނީ ވައްޓާލައިފައެވެ.