އިންސާނުންގެ މެދުގައި އޮންނަ ތަފާތުކުރުންތަކާއި ނުރަނގަޅު ތަޞައްވުރު ފެތުރުމަކަށް އާޓިފިޝަލް އިންޓެލިޖެންސް، ބޭނުންކުރުމުގެ ވަދަލުގައި އިންސާނީ ވިސްނުން ކުރިއެރުވުމަށް ކަމަށް އެވަސީލަތް ބޭނުންކުރުން މުހިންމުކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ފެށި '7 ވަނަ ވޯލްޑް ފޯރަމް އޮން އިންޓަރކަލްޗަރަލް ޑައިލޮގް'ގެ ތެރެއިން ބޭއްވި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުގެ ހައި-ލެވެލް 3ވަނަ ބައްދަލުވުމާއި ބާކޫ ޕްރޮސެސްގެ 6 ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ޚާއްޞަ ޖޮއިންޓް ސެޝަންގައި ތަޤުރީރު ކުރައްވަމުންނެވެ.
މިމަހުގެ 29 ހަމައަށް "ޑައިލޮގް ފޯ އަ ޝެއަރޑް ފިއުޗަރ: ބިލްޑިންގ ބްރިޖަސް އިން އަ ފްރެކްޗަރޑް ވޯލްޑް" މި ޝިޢާރުގެ ދަށުން ކުރިއަށްދާ މި ފޯރަމްގައި ބަޔާން އިއްވަވަމުން ވަޒީރު ހީނާ ވަނީ، އޭއައިގެ ވަސީލަތްތަކަކީ އެކަކު އަނެކަކަށް އޮންނަ ވިސްނުމާއި އިޙްތިރާމް އިތުރުކޮށްދޭ، އަދި ސަގާފީ ތަފާތުތަކަށް އިޙްތިރާމްކުރާ ވަސީލަތްތަކަކަށް ހެދުމަށް ގޮވާލައްވާފައެވެ. އަދި އޭއައި މެދުވެރިކޮށް ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓުވުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ފުރިހަމަނުވާ މަޢުލޫމާތާއި ތާރީޚީ ތަފާތުކުރުންތަކުގެ މައްޗަށް ބިނާވެފައިވާ އޭ.އައި ނިޒާމުތަކުގެ ސަބަބުން، މީހުންގެ މެދުގައި އޮންނަ ނުރަނގަޅު ވިސްނުންތަކާއި ތަޞައްވުރު އިހުނަށްވުރެ ބޮޑަށް ފެތުރިގެން ދިއުމުގެ ފުރުޞަތު އެބައޮތް ކަމަށް ފާހަގަކުރެއްވިއެވެ. އަދި ހަމައެކަނި ފަންނިއްޔަތުގެ ގުޅުންތައް އިތުރުވުމަކީ އޭގެ ޒާތުގައި އިޙްތިރާމް އުފެދޭނެ ކަމެއް ނޫން ކަމަށާއި، ފަންނިއްޔާތާއެކު ފުންކޮށް ވިސްނުމާއި، ޒިންމާދާރުކަމާއެކު ބޭނުންކުރުމާއި، މާނަހުރި ސަގާފީ މުޢާމަލާތްތައް ބޭނުންވާނެ ކަމަށް އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 'މޯލްޑިވްސް 2.0' ތަޞައްވުރާއި 2040 ވަނަ އަހަރަށް ދިވެހިރާއްޖެ ތަރައްޤީކުރުމަށް ގެންގުޅުއްވާ ވިސްނުންފުޅަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އިޤުތިޞާދީ ކުރިއެރުމާ އެކު ފަންނިއްޔާތުގެ ކުރިއެރުންތަކަކީ ހޭލުންތެރި، ބައިވެރިވުން އޮންނަ، އަދި އިޙްތިރާމްކުރާ މުޖުތަމަޢެއް ބިނާކުރުމަށް އެހީތެރިވެދޭ އެއްޗަކަށް ވާންޖެހޭނެ ކަމަށެވެ.
މީގެއިތުރުން، ޑިޖިޓަލް ނިޒާމުތަކުގައި އެކި މުޖުތަމަޢުތަކާއި ބަސްބަސް ހަމަހަމަކަމާއެކު ތަމްސީލުވާންޖެހޭނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ "ޑިޖިޓަލް މުސްތަޤުބަލުގައި ބަހަކަށް އޮންނަ މަޤާމަކީ ހަމައެކަނި އެ ބަސް ބޭނުންކުރާ އާބާދީ ކުޑަބޮޑުމިނުގެ މައްޗަށް ބިނާވެފައި އޮންނަންޖެހޭނެ ކަމެއް ނޫންކަމަށެވެ. އަދި ދިވެހި ބަސް ހިމެނޭހެން ފަންނިއްޔާތަށް އަންނަ ބަދަލުތަކުގައި ދިވެހީންގެ ޢިލްމާއި ބައިވެރިވުން އޮންނަންވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އާބާދީ ކުޑަވި ނަމަވެސް މުސްތަޤުބަލު ބައްޓަންކުރުމުގައި ރާއްޖެއަށް އޮތް ޙައްޤު ހަމަހަމަވާނެކަން ހާމަކުރައްވައި، ވަޒީރު ވިދާޅުވީ ސަރުކާރުތަކާއި، ފަންނިއްޔާތު އުފައްދާ ފަރާތްތަކާއި، ތަޢުލީމީ އިދާރާތަކާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށެވެ. އަދި އޭއައި އިން އުފައްދާ މަޢުލޫމާތު ވަޒަންކޮށް، އޭގެ އުނިކަންކަން ދެނެގަތުމަށް ތަޢުލީމީ ނިޒާމުގެ ތެރެއިން ޒުވާނުން ބާރުވެރިކުރުވުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
ވަޒީރު ހީނާ ވަލީދު ވިދާޅުވީ ފަންނިއްޔާތުގެ މުސްތަޤުބަލު އޭ.އައި އިން ބައްޓަންކުރި ނަމަވެސް، މުޅި އިންސާނީ މުސްތަޤުބަލު ބައްޓަންކުރަންވާނީ ބުއްދިވެރިކަމާއި، ޒިންމާދާރުކަމާއި، އަދި އެކަކު އަނެކަކަށް ކުރާ އިޙްތިރާމުގެ މައްޗަށްކަމަށް ވިދާޅުވިއެވެ.
