އިންޑިއާގެ ވެސްޓް ބެންގަލްގައި އުފެދިފައިވާ ބާރުގަދަ ތޫފާން އަރްނަބްގެ ސަބަބުން އެ ސްޓޭޓުގެ އެކި ސަރަޙައްދުތަކުގައި ގަސްތަކާއި ކަރަންޓު ހޮޅިތައް ވެއްޓި، މަގުތަކުގައި ދަތުރުކުރުމަށް ވަރަށް ބޮޑަށް ދަތިވެއްޖެއެވެ.
ތޫފާނުގެ އަސަރު އެެންމެ ބޮޑަށް ކުރަމުންދަނީ ވެސްޓް މިޑްނަޕޫރުގެ ދަންތަންއާއި ބެލްޑާއަށެވެ. ވައިގަދަވުމުގެ ސަބަބުން ބެލްޑާގައި އޮޓޯއެއް ވެސް ފުރޮޅާލައި އެކޮޅުކޮޅުން ޖަހާލާފައިވާ ކަމަށާއި، ބެލްޑާ ސްޕެޝަލްޓީ ހޮސްޕިޓަލްގެ ގޯތިތެރޭގައި ހުރި ބިޔަ ގަސްތައް ވެސް ވެއްޓިފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އެ ސަރަޙައްދުގައި އެ މިންވަރަށް މޫސުން ގޯސްވެފައިވަނީ ކުއްލިއަކަށް ކަމަށާއި، ބޯކޮށްވާރޭ ވެހި ގުގުރާ ވިދަމުންދާ ކަމަށް އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ބުނެއެވެ.
ވެސްޓް މިޑްނަޕޫރަށް ގެއްލުންތަކެއް ލިބިފައި މި ވަނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ތޫފާން އަރްނަބް އަންދްރަ ޕްރަދޭޝްގެ އައްސޭރިއާ ހަމައަށް ފޯރާނެ ކަމަށް ލަފާކޮށްފައި ވަނިކޮށެވެ. އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ބުނީ ބޭ އޮފް ބެންގަލް ހުރަސްކޮށް ތޫފާން ދަތުުރުކުރާއިރު ގަޑިއަކު 115 އާއި 125 ކިލޯމީޓަރުގެ ބާރުމިނުމުގައި ވައި ޖެހޭނެ ކަމަށާއި، ކޮޅިގަނޑުގައި ގަޑިއަކު 140 ކިލޯމީޓަރަށް ވައި ބާރުވާނެ ކަމަށެވެ.
ތޫފާނުގެ ސަބަބުން އިންޑިއާއިން ދަނީ ނާޒުކު ސަރަޙައްދުތަކުގައި ތިބި އެތައް ދިހަ ހާސް މީހުންނެއް ރައްކާތެރި ސަރަޙައްދުތަކަށް ގެންދަމުންނެވެ. އޮކްޓޯބަރު މަހުގެ 26ވަނަ ދުވަހާ ހަމައަށް އަންދްރަ ޕްރަދޭޝްއިން 50،000އެއްހާ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާއިރު، 400،000އެއްހާ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ގެންދަން ޖެހޭ ކަމަށް ބެލެވެއެވެ. އޮޑީޝާގެ އިދާރާތަކުން ވަނީ 48،000 މީހުން ރައްކާތެރި ސަރަޙައްދުތަކަށް ގެންދާނެ ކަމަށް ބުނެފައެވެ.
ތޫފާނުގެ ސަބަބުން ދަތުރުފަތުރަށް ބުރޫ އަރާފައިވާއިރު، 12 ރޭލެއް ވަނީ ކެންސަލްކޮށްފައެވެ. އަދި 53 މަގަކުން ކުރާ ދަތުރުތައް ވެސް ވަނީ އޮކްޓޯބަރު 27އާއި 28އަށް މެދުކަނޑާލައިފައެވެ. ވެސްޓް ބެންގަލްގެ އިދާރާތަކުން ވަނީ ގުގުރާ ވިދުމާއެކު ބޯ ވާރޭ ވެހޭނެ ކަމަށާއި ކޮޅިގަނޑުތަކުގައި ވަރަށް ވައިގަދަ ވާނެ ކަމުގެ އިންޒާރު ދީފައެވެ. ކަނޑު ގަދަވުމުގެ ސަބަބުން އޮކްޓޯބަރު 29އާ ހަމައަށް މަސްވެރިން މަހަށް ނުދިއުމަށް ވެސް އިންޑިއާގެ ބައެއް ސަރަޙައްދުތަކުގައި ވަނީ އަންގައިފައެވެ. މިހާރު ކަނޑުމަތީގައި ތިބި މަސްވެރިން އަނބުރާ އެއްގަމަށް އައުމަށް ވެސް ވަނީ އަންގައިފައވެެ.
ތޫފާނުގެ ސަބަބުުން ކޯރުތަކުގެ ފެންގަނޑު އުުފުލި، ބައެއް ސަރަޙައްދުތަކުގައި އުދަ އެރުން އެކަށީގެންވާ ކަމަށް ވެސް އިދާރާތަކުން ވަނީ ބުނެފައެވެ. އަވަށްޓެރި ނޭޕާލްގައި ވެސް އުސް ސަރަޙައްދުތަކަށް ނުދިއުމަށް ފަތުރުވެރިންނަށް ވަނީ އިލްތިމާސްކޮށްފައެވެ. އެއީ، ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭ ވެހި، ސްނޯ ތޫފާންތައް އައުމާއި ބިންގަނޑު ކަނޑައިގެން ދިޔުން އެކަށީގެންވާތީއެވެ.
ތޫފާން އަރްނަބްގެ ސަބަބުން ވެސްޓް ބެންގަލްއަށް ބޮޑެތި ގެއްލުންތަކެއް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed