ސެނެގާލުގައި މި މަހު ފަށާ ޔޫތު އޮލިމްޕިކްސްގައި ވާދަކުރަން ރާއްޖޭގެ ދެ ފެތުންތެރިން، ލޫތު މުހައްމަދު ހުސެއިންއާއި އަމްނާ ތަޒްކިޔާ މިރުޝާދު ސެނެގާލަށް ފުރައިފިއެވެ.

މި މަހު 31 އިން އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަސް ކުރިއަށްދާ ޔޫތު އޮލިމްޕިކްސް މުބާރާތް މި ފަހަރު ކުރިއަށްދާނީ ސެނެގާލުގެ ޑަކާގައެވެ. މިއީ އެފްރިކާ ބައްރުގައި އޮލިމްޕިކްސް މުބާރާތެއް ކުރިއަށްދާ ފުރަތަމަ ފަހަރެވެ.

ޔޫތު އޮލިމްޕިކްސްގައި ރާއްޖެއިން ބައިވެރިވާނީ ހަމައެކަނި ސްވިމިންގްއިނެވެ. ސްވިމިންގް އިން ލޫތާއި ތަޒްކިޔާއަށް ފުރުސަތު ލިބުނީ މިދިޔަ އަހަރު ރޮމޭނިއާގައި ކުރިއަށްދިޔަ ޔޫތު ޗެމްޕިއަންޝިޕުގައި ބައިވެރިވެ، ދެއްކި ޕާފޯމެންސްއިންނެވެ.

އެގޮތުން މިދިޔަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކޮށް، ތަޒްކިޔާއާ ލޫތު ވަނީ ޔޫތު އޮލިމްޕިކްސްގައި ވާދަކުރެވޭނެ މިންވަރަށް ޕޮއިންޓް ސްކޯކޮށްފައެވެ.

މި ފަހަރުގެ މުބާރާތުގައި ލޫތާއި، ތަޒްކިޔާއަށް އިރުޝާދުދޭނީ ކޯޗު އަހުމަދު ފިރާސްއެވެ.