ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ރާއްޖެ އަތުވެއްޖެއެވެ.
ފަލަސްޠީނުގެ ޒުވާން ޓީމު ރާއްޖެއަށް މިކުރާ ދަތުރަކީ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން އެޓީމުގެ ޓްރޭނިންތައް ކުރިއަށް ގެންދިއުމަށްޓަކައި ތަމްރީނު ކޭމްޕެއް ބޭއްވުމަށް ކުރާ ދަތުރެކެވެ.
ފަލަސްޠީނުގެ ޓީމު މާލެ އައުމަށްފަހު މިހާރުވަނީ ކޭމްޕުކުރުމަށް ހަމަޖެހިފައިވާ ކ. ގުރައިދޫއަށް ގޮސްފައެވެ.
މި ކޭމްޕުގެ ތެރެއިން ފަލަސްޠީނު ޓީމާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމާ ދެމެދު އެކުވެރިކަމުގެ ދެމެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މި ދެ މެޗު މާލޭގެ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗު ކުޅެން ތާވަލުކޮށްފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. އަދި ދެވަނަ މެޗު ކުޅޭނީ އަންނަ ނޮވެމްބަރު މަހުގެ 2ވަނަ ދުވަހުއެވެ.

އެފްއޭއެމްއިން މައުލޫމާތުދީފައިވާގޮތުގައި މިމެޗުތަކުގެ ބޭނުމަކީ ރާއްޖޭގެ ކުޅުންތެރިންނަށްވެސް ބައިނަލްއަގްވާމީ މެޗު ތަޖުރިބާތަކެއް ހޯދައިދިނުމާއި ދެ ގައުމުގެ ދެމެދުގައި އޮތް ކުޅިވަރުގެ ގުޅުން އިތުރަށް ބަދަހިކުރުމެވެ. މި ކޭމްޕ ނިންމާލުމަށްފަހު ކޮލިފައިން މެޗުތަކަށް ފަލަސްޠީނު ޓީމު ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ.
މިދިޔަ އަހަރުވެސް ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޓީމު ވަނީ ރާއްޖޭގައި ކޭމްޕުކޮށްފައެވެ. ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ރާއްޖޭގައި ކޭމްޕުކުރުމުގެ ފުރުސަތު އެފަހަރު ވެސް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ފަހިކޮށްދެއްވިއިރު އެފަހަރު ވެސް ރާއްޖޭގެ ޒުވާން ޓީމާއެކު އެކުވެރިކަމުގެ ދެ މެޗެއް ފަލަސްޠީން ޓީމުވަނީ ކުޅެފައެވެ.