ސައްތައިން ސައްތަ ރެކޯޑާއެކު، ކުލަބް ވެމްކޯއިން ޤައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ވެމްކޯއިން ޤައުމީ ލީގުގެ ފަހު މެޗުގައި ނުކުތީ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކުލަބާ ދެކޮޅަށެވެ. ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މި މެޗު ވެމްކޯއިން ކާމިޔާބުކުރީ ފަހަތުން އަރައި 3-1 ސެޓުންނެވެ. މި މެޗަށް ވެމްކޯއިން ނުކުތްއިރު، މެޗުން ދެ ސެޓު ކާމިޔާބުކޮށްގެން ވެސް ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެ ޓީމަށް އޮތެވެ.

މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ވެމްކޯއިން ލީޑުކޮށްގެން ކުޅުނު ނަމަވެސް ސެޓުގެ މެދުތެރެއިން ޕޮލިހުން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައިފައެވެ. އަދި އެ ޓީމުން ވަނީ ސެޓުގެ ފަހު ކޮޅު ތިން ޕޮއިންޓްގެ ލީޑެއްގައި އޮވެގެން ކުޅެފައެވެ. މި ސެޓުގައި ޕޮލިހުގެ ތަފާތަކަށްވީ އެ ޓީމުގެ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާނ އެޑަން ޖަނެލް އާއި މާކެޓާ ކުކުކޯވާއެވެ. މި ސެޓު ޕޮލިހުން ކާމިޔާބުކުރީ 25-22 އިންނެވެ.

ޖެހިގެން އައި ދެވަނަ ސެޓުވެސް ޕޮލިހުން ފެށީ ތަފާތު ރޫހެއްގައެވެ. އެކަމަކު ސެޓުގެ ވަކި ހިސާބަކުން ޕޮލިހުގެ ކުޅުންތެރިން އަތުން ގިނަ ސާވިސްތަކެއް ގޯސްވިއިރު، އޭގެ ފައިދާ ނަގައި، ވެމްކޯއިން ވަނީ ސެޓުގެ ކޮންޓްރޯލް ހޯދައިފައެވެ. މި ސެޓު ވެމްކޯއިން ގެންދިޔައީ 25-19 އިންނެވެ.

ތިންވަނަ ސެޓުގައި ވެސް ވެމްކޯ ފެނުނީ ތަފާތުކޮށެވެ. އެކަމަކު މި ސެޓުގައި ޕޮލިހުން ވަނީ ވެމްކޯއަށް ރަނގަޅު ފައިޓެއް ދީފައެވެ. މި ސެޓު ވެމްކޯއިން ކާމިޔާބުކުރީ 25-22 އިންނެވެ.

ފަހު ސެޓުގައި ޕޮލިހުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި ވެމްކޯއިން ވަނީ 10 ޕޮއިންޓުގެ ލީޑެއްގައި އޮވެގެން ކުޅެފައެވެ. މި ސެޓު ވެމްކޯއިން ކާމިޔާބުކުރީ 25-16 އިންނެވެ.

މި ފަހަރުގެ މުބާރާތުގެ އެންމެ މޮޅު މިޑިލް ބްލޮކަރުންނަކީ ވެމްކޯގެ ނަރީމާ އިދުރީސް (ނަންނި)، އާ އެމްޓީސީސީގެ އައިމިނަތު ރިޔާސާއެވެ. އެންމެ މޮޅު އޮޕަސިޓް ކުޅުންތެރިޔަކީ އެމްޓީސީސީގެ މާޔާ ހުސެއިން ސޮލާހް އެވެ. އެންމެ މޮޅު ލިބަރޯއަކަށް ވެމްކޯގެ މައިހާ އަލީ ހޮވުނުއިރު، އެންމެ މޮޅު ސެޓަރަކީ ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރުއެވެ. އަދި އެންމެ މޮލު އައުޓް ސައިޑް އެޓާކަރުންނަކީ ޕޮލިހުގެ ހައްވާ ރާޝިދާ އާއި ހަމަ އެ ޓީމުގެ އައިމިނަތު ޝަހާ ޝާމިންއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެމްކޯގެ ޖޫޒާން ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ކޯޗު އަހުމަދު އަދީލް އެވެ.