ޚިދުމަތުގައި ތިބޭ ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމަށް ބަނޑޭރިކޮށި އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، ސިފައިންނަކީ ޙާލަތާއި ވަގުތާއި ތަނަށް ރިޢާޔަތްކޮށް އާއިލާއާ ދުރުގައި ރެޔާއި ދުވާލު ޤައުމީ ޚިދުމަތުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ ބަޔަކަށް ވުމާއެކު ސިފައިންނަށް ދޭ އިނާޔަތްތަކާއި ދޭ ވެލްފެއަރގެ ޚިދުމަތްތައް ރަނގަޅުކޮށް ތަރައްޤީ ކުރުމުގެ މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމެއް ކަމަށެވެ. މިގޮތުން ސިފައިންނަށް ބޭނުންވާ ބޯހިޔާވަހިކަން ތަރައްޤީ ކުރުމުގެ މަސައްކަތް ދިފާޢީ އަދި ވަތަނީ ޚިދުމަތާބެހޭ ވުޒާރާއާއި އެމްއެންޑީއެފްއިން ޚާއްޞަ އިސްކަމެއް ދީގެން ކުރަމުންދާ ކަމަށެވެ.

ސިފައިންނަށް ދެމުންދާ ޚިދުމަތް އިތުރަށް ފުޅާވެ، ތަރައްޤީވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން މިޚިދުމަތާއި ގުޅެމުންދާ ސިފައިންގެ އަދަދު އެތައް ގުނައަކަށް އިތުރުވެ، ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ނިސްބަތް އިތުރުވުމުގެ ސަބަބުން ސިފައިންނާއި ސިފައިންގެ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ސިފައިންނަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް މިއަހަރުގެ ސިފައިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

ސިފައިންނަށް ބޯހިޔާވަހިކަން ފަހިކުރަން ބަނޑޭރިކޮށި ތަރައްޤީކުރަނީ
ސިފައިންނަށް ބޯހިޔާވަހިކަން ފަހިކުރަން ބަނޑޭރިކޮށި ތަރައްޤީކުރަނީ

މާލޭގައި ސިފައިންނަށް ޚާއްޞަކޮށް ހަދާފައިވާ ބަނޑޭރިކޮށި--

މިގޮތުން ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ބަނޑޭރިކޮށި 1 އަދި 2 އަލުން ތަރައްޤީކޮށް ވީހާވެސް ގިނަ ޢަދަދެއްގެ ސިފައިންނަށާއި ފުލުހުންނަށް ޚިދުމަތުގެ މުއްދަތުގައ،ި ބޯހިޔާވަހިކަން ލިބިދެވޭނެ ގޮތަށް ގިނަ އެޕާޓުމަންޓުތަކެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ބަނޑޭރިކޮށި ހުސްކުރަންޖެހޭތީ، މިކަން ކުރާއިރު އެތަނުގައި މިހާރު ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާނެ ދަތި ވީހާވެސް ކުޑަކުރުމަށް މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ފިޔަވަހިތަކަށް ބަހާލައިގެންނެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، މިމަސައްކަތުގެ ދަށުން ފުރަތަމަ ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ބަނޑޭރިކޮށި 1 ތަރައްޤީ ކުރުމަށް ވާންޖެހޭ ތައްޔާރީތައް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއާއި އެމްއެންޑީއެފްގެ ފަރާތުން ކުރަމުންދާ ކަމަށެވެ. މިގޮތުން ބަނޑޭރިކޮށި 1 އިން ސިފައިންނަށާއި ފުލުހުންނަށް ވަގުތީގޮތުން ދިރިއުޅުމަށް ދޫކޮށްފައިވާ އެޕާޓުމަންޓުތައް ހުސްކުރުމުގެ ކުރިން މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތުގެ މަޢުލޫމާތު އެފަރާތްތަކަށް ހިއްސާކޮށް، މިތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހައި ޙައްލުތައް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބަނޑޭރިކޮށި 1 ތަރައްޤީކުރެވުމާއެކު މިހާރު އެތަނުގައި ދިރިއުޅޭ ފަރާތްތައް އަލަށް ތަރައްޤީކުރާ އެޕާޓްމަންޓުތަކަށް ބަދަލުކުރާ ގޮތަށް ކަމަށެެވެ. އަދި މި މަޝްރޫޢު ނިމޭއިރު މިހާރު ބަންޑޭރިކޮށީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިތުރުން ޚިދުމަތުގައި ތިބި ގިނަ ޢަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގުފަހިވެގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ، 2040 ވަނަ އަހަރު އަންނައިރު ސިފައިންނަކީ ވަޞީލަތްތައް ފުރިހަމަވެފައިވާ ތަރައްޤީވެފައިވާ ޤައުމުތަކުގައި ސިފައިންގެ ޚިދުމަތް ދޭ ފެންވަރަށް ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފޯރުކޮށްދެއްވުމެވެ.