މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައި ނުސާފުވެފައިވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ކޮންމެ އަހަރަކުވެސް ވަކި ދުވަސްވަރެއްގައި ދުންފުހުގެ އަސަރު ދަނީ ކުރަމުންނެވެ. ކޮންމެ އަހަރަކުވެސް އިރުވައި މޫސުމުގައި ރާއްޖެއަށް ދުންފުހުގެ އަސަރުކުރަނީ، ކައިރި ޤައުމުތަކުން އަންނަ ދުންފުހުގެ ސަބަބުންނެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވީ ދުންފުހުގެ ސަބަބުން މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައި ނުސާފުވެ ހަމަ ލޮލަށް ސާފުކޮށް ދުރުފެންނަ މިންވަރު ދަށްވެފައިވާ ކަމަށެވެ. އެގޮތުން އުތުރުގެ އަތޮޅުތަކަށް ގާތްގަނޑަކަށް 2 ކިލޯ މީޓަރަށް ދަށްވެފައިވާ ކަމަށެވެ.
އަދި މި ހާލަތު މެދުރާއްޖެތެރޭގެ އަތޮޅުތަކަށާއި، ޚާއްސަކޮށް އުތުރުގެ އަތޮޅުތަކަށް ކުރިއަށް އޮތް 5 ދުވަހުވެސް ކުރާނެކަމަށް ލަފާކުރެވޭ ކަަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ. ދުންފުހުގެ އަސަރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން ވަރަށް ބޮޑަށް ކޮށްފައިވާއިރު، އެހެން އަހަރަތުކެކޭ ޚިލާފަށް މި އަހަރުގެ ފެބްރުއަރީ މަހު ދުންފުހުގެ އަސަރުވަނީ ވަރަށް ބޮޑަށް ދިގުދެމިގެން ގޮސްފައެވެ.
Low air quality brings reduced visibility across the central and northern atolls. Take safety precautions! https://t.co/34uFp1tWE1
— Maldives Meteorology (@MetMaldives)October 27, 2026
ވައި ނުސާފުވުމުގެ ސަބަބުން ކުރު އަދި ދިގު މުއްދަތަކަށް ޞިއްޙީ ގޮތުން އަސަރުކުރާ މައްސަލަތަކެއްވެއެވެ. އޭގެތެރޭގައި ސިކުނޑިއާއި، ނާރުގެ ބަލިތަކާއި، ވިސްނުމުގެ ބާރު ދެރަވާ ފަދަ ކަންކަން ހިމެނޭކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. ހަމައެއާއެކު، މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތެރި ޞިއްޙީ މައްސަލަތައް އަދި ކުޑަކުދިންގެ ފުއްޕާމޭ ހެދިބޮޑުވުމަށް ހުރަސް އެޅުމާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުމުގެ ރިސްކް އިތުރުވާ ކަމަށް ވިދާޅުވެއެވެ.
އެހެންކަމުން މިދުވަސްވަރު ރާއްޖޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ކުރަމުންދާތީ، މިކަމާ ގުޅިގެން ޞިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
އެގޮތުން ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުން ބޭރުގައި ކުޅެން އުޅުމާއި، ކަސްރަތުކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުމަށް އެދިފައިވެއެވެ. ހަމައެއާއެކު، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނާއި، އެލާޖީގެ މައްސަލަތައް ހުންނަ މީހުން އެން-95 މާސްކް ނުވަތަ އެފަދަ މާސްކް އެޅުމަށްވެސް އިރުޝާދުދެއްވައެވެ. އަދި ބޭރުގެ ނުސާފުވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، އެއަރ ޕިއުރިފަޔާ ބޭނުންކުރުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.